ދިވެހި ކްރިކެޓުގެ އުއްމީދުތައް ހާސިލްކޮށްދޭނަން: އިންޑިއާ

ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށާއި ކްރިކެޓުގައި ދުނިޔޭގެ ފެންވަރުގެ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި އެހީތެރިވެދޭން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އިންޑިއާގެ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމް ވިދާޅުވެއްޖެ އެވެ.


އޭނާ އާއި އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ މިވަގުތު އަންނަނީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި އެސެސްމަންޓެއް ހަދަމުންނެވެ. މިއީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއް ބައްލަވާލެއްވުމުގެ އިތުރުން ބީސީސީއައި އާއި އައިޕީއެލްގެ އިސް އޮފިޝަލުން އެކު ބޭއްވެވި ބައްދަލުވުމުން ހަމަޖެހިގެންދިޔަ ކަމެކެވެ.

މި ވަފުދުން ވަނީ ރާއްޖޭގެ ކްރިކެޓުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ވަސީލަތްތައް ބަލައި އަދި ކުޅުންތެރިންގެ ފެންވަރު ވެސް ވަޒަންކޮށްފަ އެވެ. އަބޭ ޝަރްމާ ވަނީ ރޭ ޓީމަށް ކޯޗިން ސެޝަނެއް ވެސް ނަގައިދީފަ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބާ ކަރީމް ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި އަދި ރާއްޖޭގައި ރަނގަޅު ފެންވަރެއްގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އިންޑިއާ އިން ދޭ އެހީތެރިކަން ބިނާކުރާނީ އޭގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަހަރެމެންނަށް ހޯދުނު ކަންކަމުގެ މައްޗަށް ބަލައި، ރާއްޖޭން ކުރިއަށް ދިއުމަށް މަގުޗާޓެއް އެކުލަވާލައި ވަރަށް އަވަހަށް ރާއްޖޭގެ ކްރިކެޓް ބޯޑާ ހިއްސާކޮށް އެންމެން ގުޅިގެން ކްރިކެޓް ކުރިއެރުވަމަށް މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން މިތިބީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އެހީތެރިވެދޭން. ކީއްވެ ރާއްޖޭން ހަމައެކަނި އޭޝިއާގެ މުބާރާތަށް ވިސްނަންވީ؟ އެއަށް ވުރެ ވެސް މައްޗަށް ދިއުމަށް އުއްމީދުކުރަން. އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން އަހަރެމެން މިތިބީ ތައްޔާރުގައި."

ސަބާ ކަރީމް އަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް އަފްލާހު ޖާޒީއެއް ހަދިޔާކުރައްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގެ ޓީމުތަކަށް އިންޑިއާ މުބާރާތްތަކުގައި ވާދަކުރެވޭނެ ގޮތް ހެދުމަށް ބޯޑުން އެދިފައިވާ ކަމަށާއި އެގޮތުން ސީނިއާ ޓީމުގެ އިތުރުން ޔޫތު ޓީމާއި ޖޫނިއާ ޓީމަށް ވެސް އެފަދަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ހުރިހާ ކަމަކާ އެކު ވެސް ކްރިކެޓް ކުރިއެރުވެން އޮތީ ސަޕޯޓަރުންގެ އެހީއާ އެކުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންޑިއާ އިން ކްރިކެޓުގެ ވަރުގަދަ ބާރަކަށްވީ އިންޑިއާގެ ސަޕޯޓަރުންގެ އެހީއާ އެކު. އަހަރެން އެދެން ދިވެހިން ވެސް ޓީމުގެ ފަހަތަށް ވަދެ ސަޕޯޓްދޭން. ކްރިކެޓް ކުރިއެރުވޭނީ އޭރު. މި ކުޅިވަރުގެ ތެރެއަށް ޒުވާން ކުޅުންތެރިން ވަންނަން ވެސް ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ބުނި ގޮތުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ރޭ ނަގައިދިން ސެޝަނުން ފާހަގަކުރެވުނީ ހުނަރުވެރި ކުޅުންތެރިން ތިބިކަން ކަމަށާއި ހާއްސަ ތަމްރީންތަކާއި ސްޓްރަކްޗަރަލުން ކޯޗިންނާ އެކު އެ ކުޅުންތެރިންގެ ހުނަރު މަތިކުރެވި، އަމާޒަށް ވާސިލްވެވޭނެ ކަމަށެވެ.

މި އެހީތަކުގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް ނިންމައިފަ އެވެ. ހުޅުމާލޭގައި އަޅާ އެ ސްޓޭޑިއަމާ އެކު ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ލިބުމުގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ވެސް ތަނަވަސްވާނެ އެވެ. މީގެ އިތުރުން ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.