ނިއުގެ ސަޕޯޓަރުންގެ މަސައްކަތަށް ކުއީން ވަހީދުގެ ތާއީދު

ނިއު ރޭޑިއަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ގްރޫޕުން އިސް ނަގައިގެން ފަށާފައިވާ މަސައްކަތުގައި ކްލަބުގެ ކުރީގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދާ ބައްދަލުކޮށް އޭނާގެ އެއްބާރުލުން އެކަމަށް ހޯދައިފި އެވެ.


ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން ނިއު އަށް މި އަހަރުގެ ސީޒަނުގައި ނުކުޅެވޭނެ އެވެ. މިއީ 1979 ވަނަ އަހަރު ކްލަބް އުފެދުނު ފަހުން މުބާރާތެއްގައި ވާދަނުކުރެވޭ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މާލީ މައްސަލަތަކާ ހެދި ކްލަބް އޮތީ ހިރިނުލެވޭ ހާލަތުގަ އެވެ.

ވަހީދާ އެކު އާދީއްތަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ބައެއް ސަޕޯޓަރުންގެ އިތުރުން ކްލަބުގެ މިހާރުގެ މެނޭޖްމަންޓުގެ ބައެއް އޮފިޝަލުން ވެސް ބައިވެރިވި އެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ބުނީ ވަހީދު ހުރީ ނިއު އަށް އަލުން ފުރުސަތު ލިބޭނެ މަގެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ތައްޔާރަށް ކަމަށެވެ.

"ނިއު އަށް ފުރުސަތު ހޯދައިދިނުމަށާއި ނިއުގެ ހާލަތު ބަދަލުކުރުމަށް ސަޕޯޓަރުންނާ ގުޅިގެން، މި މަސައްކަތުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި. ވަހީދުގެ ތާއީދު މިކަމަށް ލިބުމަކީ އަޅުގަނޑުމެންނަށް ވެސް ލިބުނު ހިތްވަރެއް،" އޭނާ ބުންޏެވެ.

ވަހީދަކީ ފެށުނީއްސުރެ އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން ކްލަބް ހިންގެވި، އެ ކްލަބުގެ އެންމެ ބޮޑު ހިދުމަތްތެރިޔާ އެވެ. އޭނާގެ ދައުރުގައި ނިއު އިން ވަނީ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލުގައި ކުޅެ އަދި އެފްއޭ ކަޕް މިލްކުކޮށްފަ އެވެ. ވަހީދު ކްލަބުގެ ހިންގުމާ 2004 ގައި ދުރުވީ، އޭނާގެ ބޭފުޅެއް ކަމަށްވާ އަލީ އާޒިމް ކްލަބާ ހަވާލުވެވަޑައިގަތުމުންނެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ޖެނުއަރީ މަހު ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. ފަހުން އެފްއޭއެމްގެ ކޮންގްރެސް އިން ވަނީ އެ ނިންމުން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ދަމަހައްޓައިފަ އެވެ.

ނިއު އިން ތަކުރާރުކޮށް ބުނަމުން އައީ، އެތައް ކްލަބެއްގެ މާލީ މައްސަލަ ދިމާވެ މުސާރަ ނުދެވި އޮއްވާ ހަމައެކަނި އެ ކްލަބަށް އަދަބު ދިނީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ ކަމަށެވެ. އެފްއޭއެމުން އެކަން ކަނޑައެޅިގެން ދޮގުކުރެ އެވެ.

ނިއު އިން ބުނެފައިވާ ގޮތުގައި އެފްއޭއެމްގެ ކޮންގްރެސް އިން އެ ކްލަބުގެ ސަސްޕެންޝަން ދަމަހައްޓަން ފާސްކޮށްފައިވަނީ، ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް ކަމަށެވެ.

އަދި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން ކްލަބްތައް ސަސްޕެންޑްކުރުމުގެ ބާރު ކޮންގްރެސް އަށް އަދި ބައެއް ހާލަތްތަކުގައި އެގްޒެކެޓިވް ކޮމިޓީއަށް ލިބިފައިވީ ނަމަވެސް ޕްލޭޔާސް ސްޓޭޓާސް ކޮމިޓީން ކްލަބަށް މުއްދަތެއް ދީފައި އޮއްވާ އެ މުއްދަތު ހަމަނުވަނީސް ސަސްޕެންޝަން ދަމަހައްޓަން ކޮންގްރެސްގައި އެޖެންޑާކޮށް ނިންމާފައިވާ ނަމަ އެއީ ވަރަށް ނާއިންސާފުން ހިންގާފައިވާ އަމަލެއް ކަމަށް ދެކޭ ކަމަށް ނިއު އިން ބުނެ އެވެ.

ނިއުގެ އިސް ސަޕޯޓަރު މޮސްޓާ ބުނީ އެ ކްލަބް އަލުން ފުޓްބޯޅައިގައި ވާދަކުރެވޭ ގޮތް ހެދުމަށްޓަކައި އެފްއޭއެމްއާ ވާހަކަ ދެއްކުނަސް ޖެހުނަސް، ކުޅުންތެރިންނާ ވާހަކަދައްކަން ޖެހުނަސް އަދި ބައިނަލްއަގްވާމީ ކޯޓަކަށް ދާން ޖެހުނަސް ތިބީ ތައްޔާރަށް ކަމަށެވެ.

"ނިއު ރޭޑިއަންޓް ނެތި ފުޓްބޯޅަ ސީޒަން ފެށުން ގަބޫލެއް ނުކުރެވޭނެ. ގާތްގަނޑަކަށް ހުރިހާ ސަޕޯޓަރުން އެއްވެ މިކަމުގައި ތެދުވާން ނިންމާފައިވަނީ. ކްލަބުގެ މިހާރުގެ މެނޭޖްމަންޓާއި ކުރީގެ ޗެއާމަނުންނާއި ކްލަބުގެ އިސް ސަޕޯޓަރުން ވެސް، އެންމެން އެކަތިގަނޑަކަށް ވެގެން މި މަސައްކަތްކުރަނީ،" މޮސްޓާ ބުންޏެވެ.