ނިއު ރޭޑިއަންޓުގެ އެކްޓިން ޗެއާމަނަކަށް ސައްޔިދު އަލީ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކްޓިން ޗެއާމަނަކަށް ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ އައްޔަންކޮށް ބޯޑުގެ މެމްބަރުންނާއި އިސް ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި ކްލަބް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.


ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ސަސްޕެންޑްކޮށް މާލީ މައްސަލަތަކެއްގެ ތެރޭގައި ނިއު އޮއްވާ ޗެއާމަން މުހައްމަދު ޒިޔާދު ރޭ އިސްތިއުފާ ދެއްވީ ކްލަބް އަލުން ނެގުމަށް ސަޕޯޓަރުންތަކެއް އިސްވެ ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.

ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެކްޓިން ޗެއާމަނަކަށް އައްޔަންކުރީ، މިރޭ ބޭއްވި ބޯޑުގެ ބައްދަލުވުމުގަ އެވެ. ދެން ނިންމި އަނެއް ކަމަކީ ބޯޑުގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި އެ ކޮމިޓީގެ ޗެއާމަނަކަށް ކްލަބުގެ ސަޕޯޓަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖެއްސުމެވެ. ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މޮސްޓާ އަކީ، އެފްއޭއެމްގެ ސަސްޕެންޝަނާ އެކު ނިއު ހުއްޓިފައި އޮއްވާ އަލުން ހަރަކާތްތެރިކުރަން އިސްނެގި ފަރާތެވެ.

ނިއުގެ އިސް ސަޕޯޓަރު މޮސްޓާ (ވ) ކުރީގެ ޗެއާމަން އަލީ ވަހީދާ އެކު: މޮސްޓާ އަކީ ކްލަބުގެ ބޯޑް މެމްބަރުންނާއި ސަޕޯޓަރުން ހިމަނައިގެން ނެގި ކޮމިޓީގެ ޗެއާމަން.

ސައްޔިދު އަލީ "މިހާރަ"ށް ވިދާޅުވީ ސަޕޯޓަރުންގެ އެދުމާ އެކު ކްލަބް ހިންގެވުމާ މިވަގުތު ހަވާލުވީ ކްލަބް ހަމަޔަކަށް އެޅުވުމުގެ މުހިއްމު ބޭނުމުގައި ކަމަށާއި ކްލަބަށް އަލުން ފުރުސަތު ލިބިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"މިހާރު ވެސް ކުޅުންތެރިންނާ އެކު ބައްދަލުވުމެއްގައި މިއުޅެނީ. ވަރަށް ބޮޑަށް އުއްމީދުކުރަން ރަނގަޅުވާނެ ކަމަށް،" ނިއުގެ ފުޓްބޯޅަ ޓީމާއި ވޮލީބޯޅަ ޓީމަށް ކުރިން ކުޅުއްވައި އަދި މެނޭޖަރުކަން ވެސް ކުރައްވާފައިވާ ސައްޔިދު އަލީ ވިދާޅުވި އެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ ކްލަބް އަލުން ހަމަޔަކަށް އެޅުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ސަޕޯޓަރުން ކަމަށާއި މިކަމުގައި އަމަލީ ގޮތުންނާއި އެނޫން ގޮތްގޮތުން ވެސް ބައިވެރިވުމުގެ ފުރުސަތު ސަޕޯޓަރުންނަށް އެބައޮތް ކަމަށެވެ. މިރޭ ހާއްސަ ކޮމިޓީއެއް ނެގީ ވެސް އެ ބޭނުމުގައި ކަމަށާއި އެ ކޮމިޓީއާ ގުޅިގެން މަސައްކަތްކުރަން ސަޕޯޓަރުންނަށް ދައުވަތުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއު އަށް މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ޖެނުއަރީ މަހު ކުއްލި ގޮތަކަށް އެ ކްލަބް ސަސްޕެންޑްކުރުމުންނެވެ. ނިއު އިން ތުހުމަތުކުރާ ގޮތުގައި އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅަން އުޅޭތީ ކަމަށެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހަޅައި އޭގެ ތެރޭގައި ނިއު އަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުއްޓާ އެ ކްލަބަށް ހަމައެކަނި އަދަބު ދިނުމެވެ. އެކަމަކު އެފްއޭއެމުން އެ ތުހުމަތުތައް ކަނޑައެޅިގެން ދޮގުކުރެ އެވެ

ނިއު އިން އޭރު ބުނީ ސަސްޕެންޝަން އުވާލައިފި ނަމަ ފުރަތަމަ އިސްކަންދޭނީ ކުޅުންތެރިންގެ މުސާރަތައްދީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް ނެރެން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދެން އޮތީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ކަމަށްވާތީ ސަސްޕެންޝަން އުވާލައިދޭން ނިއު އިން އެދުނެވެ.

އެއާ އެކު މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް، އެފްއޭއެމްގެ ކޮންގްރެސް އިން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ސަސްޕެންޝަން ދެމެހެއްޓީ އެވެ. އެހެންވެ ޕްލޭޔާސް ސްޓޭޓާސް ކޮމިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ކްލަބުން މުސާރަދީ ހަލާސްކުރި ނަމަވެސް މި އަހަރުގެ ސީޒަނުގައި ކުޅުމުގެ ފުރުސަތު އޮތްތޯ އާއި އަދި ފުރުސަތު ނެތް ނަމަ އެ ސަބަބު ބަޔާންކޮށް އޭޕްރިލް 3 ވަނަ ދުވަހުގެ ކުރިން ޖަވާބެއްދޭން ނިއުގެ ސިޓީގައި އެދިފައިވެ އެވެ. އެކަމަކު އަދިވެސް އެފްއޭއެމުން ޖަވާބެއް ނުދެ އެވެ.

ނިއުގެ ބަދަލުގައި އެފްއޭއެމުން އެއްވެސް ޓީމަކަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ދީފައެއް ނުވެ އެވެ. އެކަމަކު އަންނަ މަހު ފަށާ އާ ސީޒަނުގައި އެ ކްލަބަށް ފުރުސަތެއް ލިބެން އޮންނާނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ ސަސްޕެންޝަން އުވާލަން ކްލަބްތަކުން ނިންމައިފި ނަމަ އެވެ.