ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓަށް އަލުން ފުރުސަތު ލިބޭނެ ގޮތެއް ފެނޭތޯ ކްލަބުން މަސައްކަތް ފަށާފައިވާއިރު، އެ ޓީމުގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ގެންނަން އޭނާއާ މަޝްވަރާކޮށްފި އެވެ.
އަންނަ މަހު ފަށާ އާ ސީޒަނުގައި ނިއު އަށް ފުރުސަތެއް ލިބެން އޮންނާނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ ސަސްޕެންޝަން އުވާލަން ކްލަބްތަކުން ނިންމައިފި ނަމަ އެވެ. ނިއު އިން އަންނަނީ އެ ފުރުސަތު ހޯދުމުގެ ގޮތުންނާއި ޓީމު އެކުލަވާލުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
މައްސަލަތަކެއްގެ ތެރޭގައި ނިއު އޮއްވާ ޗެއާމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވުމުން ނިއު ހަމަމަގަށް އެޅުވުމަށް ކުރެވޭ މަސައްކަތް ލީޑުކުރުމުގެ ގޮތުން އެކްޓިން ޗެއާމަނަކަށް ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ އައްޔަންކޮށް ބޯޑުގެ މެމްބަރުންނާއި އިސް ސަޕޯޓަރުން ހިމެނޭގޮތަށް ރޭ ވަނީ ކޮމިޓީއެއް ނަގައިފަ އެވެ.
އެ ކޮމިޓީގެ ޗެއާމަނަކަށް ކްލަބުގެ ސަޕޯޓަރު އަދި ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސާފައިވާއިރު، ރޭ ނިއުގެ ބައެއް އޮފިޝަލުންވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު ނިޒާމްބެއާ ބައްދަލުކޮށްފަ އެވެ.

ނިޒާމްބެ "މިހާރަ"ށް ބުނީ އެ ބައްދަލުވުމުގައި ނިއުއާ ހަވާލުވުމުގެ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
"މަޝްވަރާތަކެއް ކުރެވުނު. އެކަން ކުރިއަށްދަނީ. ދެން ދެ ފަރާތުގެ ހުށަހެޅުންތަކެއް ހުންނާނެ. އެ ކަންތައްތައް ކުރިއަށްދަނީ،" ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ނިޒާމްބެ ބުންޏެވެ.
އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި ބަންގްލަދޭޝް އިން އޭއެފްސީ އޭ ލައިސަންސް ކޯސް ފުރިހަމަކުރަމުން އަންނަ ނިޒާމްބެ އަކީ ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ދިވެހި ކޯޗެވެ. ފަސް އަހަރު ޓީސީ އަށް ކޯޗުކޮށްދިނުމަށް ފަހު އެ ޓީމު ފުރަތަމަ ޑިވިޝަނުގެ ގަދަބާރަކަށް ހަދައިދިނުމުގެ އިތުރުން މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނިޒާމްބެ ޓީސީ ކޯޗުކަމުން ވަކިވީ މިދިޔަ ސީޒަނަށް ފަހު އެވެ.
ކްލަބް ވެލެންސިއާ އާއި އައިއެފްސީގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ވަނީ މީގެ ކުރިން ވިޔަންސާ އާއި ކަޅައިދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެވެ. އަދި ޒުވާން ގައުމީ ޓީމުތަކުގައި ވެސް ނިޒާމްބެ ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.
ނިއު އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން މިދިޔަ އަހަރު އެ ޓީމު ދޫކޮށް ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އަށް ބަދަލުވުމުން މިދިޔަ ސީޒަނުގެ ފަހު މެޗުގައި ނިއު އަށް ކޯޗުކޮށްދިނީ އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ މުހައްމަދު ސޮބާހު (ސޮބާ) އެވެ.