ދީމާގެ ތަމްރީން ހަރަދުތަކާ ސަރުކާރުން ހަވާލުވެއްޖެ

އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ފާތިމަތު ދީމާ އަލީގެ ތަމްރީންތަކުގެ ހަރަދުތައް ހަމަޖައްސައިދޭން ކުޅިވަރާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.


ތައިލެންޑުގައި ބޭއްވި މުބާރާތުގައި، ޓޭބަލް ޓެނިހުން ރާއްޖެ އަށް އޭޝިއާގެ މުބާރާތަކުން މެޑެއްޔެއް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށް ފަހު މިރޭ ދީމާ އެނބުރި ރާއްޖެ އައުމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ އެއާޕޯޓުން ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ. އެއަށް ފަހު މިނިސްޓަރު ވަނީ ދީމާގެ ތަމްރީން ހަރަދުތަކާ ސަރުކާރުން ހަވާލުވިކަން އިއުލާންކުރައްވައިފަ އެވެ.

"ދީމާގެ ތަމްރީންތަކަށް ކުރަންޖެހޭ ހުރިހާ ހަރަދެއް މިނިސްޓްރީން ކޮށްދޭން ވަނީ ނިންމާފައި. އެގާރަ އަހަރުގެ ދީމާ އަކީ ރާއްޖެ އަށް ރަން ވަނަތަކެއް ގެނެސްދޭނެ ކުއްޖެއް،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވަނީ ދީމާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ހިތްވަރުގަދަ ބެލެނެވެރިން ކަމަށްވާ މަންމަ އައިޝަތު ވަހީދާ އާއި ބައްޕަ އަބްދުއްސައްތާރު އަލީ އާއި ކޯޗު އިބްރާހިމް ޝިއުރީ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންކަން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.

ދީމާގެ ތަމްރީންތަކަށް މިހާތަނަށް ހަރަދުކުރަމުން އައީ އޭނާގެ އާއިލާ އިންނެވެ. އެގޮތުން ސްކޫލް ޗުއްޓީތަކުގައި ވެސް އެކި ގައުމުތަކަށް ގެންގޮސް ތަމްރީން ޕްރޮގްރާމްތަކުގައި އައީ ބައިވެރިކުރަމުންނެވެ.

އެ ކުރިއެރުންތަކާ އެކު، މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި، އޭޝިއާ މުބާރާތަށް ކޮލިފައިވި ދީމާ މި މުބާރާތުގެ ގަދަ ދެ ކުޅުންތެރިން ތެރޭ ހިމެނުމާ އެކު ވޯލްޑް ހޯޕްސް މުބާރާތަށް ވަނީ ކޮލިފައިވެފަ އެވެ.

ސައުތު އޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން މި އަހަރުގެ ކުރީކޮޅު ހޯދުމާ އެކު ދީމާ ވެގެންދިޔައީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް ޓޭބަލް ޓެނިހުން، އެއްވެސް ކެޓަގަރީއަކުން ރަން މެޑެއްޔެއް ހޯދައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. އެކަމަކު އޭޝިއާ މުބާރާތުން ހޯދި ކާމިޔާބީ އަކީ އެއަށް ވުރެ ހުރިހާ ގޮތަކުން ވެސް ބޮޑު ކާމިޔާބެކެވެ.

ދީމާ (ވ) އޭނާގެ މަންމަ ވަހީދާ (މ) އާއި ބައްޕަ ސައްތާރާ އެކު.

ދީމާ ވަނީ މާލޭގައި މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 12 އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ. އަދި އޭނާ ހިމެނިގެން ރާއްޖޭގެ އަންހެން ޓީމުން ވަނީ ޖޫނިއާ ކެޓަގަރީންނާއި ކެޑޭޓް ކެޓަގަރީން ލޯ މެޑެޔެއް ވެސް ހޯދި އެވެ.

މި އަހަރުގެ ގައުމީ ޓީޓީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއާ އެކު ސްވިޑަންގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޮތް ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޭނާ ވާދަކުރީ އެ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ލަންކާގައި އުފަންވި ދީމާ އޭނާއާ އެކު އާއިލާއާ އެކު މިދިޔަ އަހަރާ ހަމަޔަށް ވެސް ދިރިއުޅެމުން އައީ ލަންކާގަ އެވެ. އޭނާ ލަންކާގައި ހޯދި ކާމިޔާބީތަކާ އެކު ލަންކާ ގައުމީ ޓީމަށް ކުޅެން ވެސް ދައުވަތު ދިނެވެ. އެކަމަކު އޭނާގެ މަންމަ އާއި ބައްޕަ ނިންމީ ރާއްޖެ އަށް ކުޅުވާށެވެ.

އޭނާ ވަނީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދައިފަ އެވެ. މުޅި ލަންކާ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި، ލަންކާގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 208 ކުޅުންތެރިން ބައިވެރިވި 10 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ އޭނާ އަށް ވުރެ ދެ އަހަރު ދޮށީ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.