އެތުލެޓިކްސް އެސޯސިއޭޝަނުން އެޅި ފިޔަވަޅެއް ސްޕޯޓްސް ކައުންސިލުން ބާތިލްކޮށްފި!

ކީން ޔޫތު ސްޕޯޓްސް އެކަޑަމީ (ކޭވައި އެކަޑަމީ) އެތުލެޓިކްސްގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް ގިންތި ދަށްކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމި ނިންމުން ސްޕޯޓްސް ކައުންސިލުން ބާތިލްކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި މިއީ ކުޅިވަރު އެސޯސިއޭޝަނަކުން މެމްބަރު ކްލަބަކާ ދެކޮޅަށް އެޅި އިދާރީ މިފަދަ ފިޔަވަޅެއް ސްޕޯޓްސް ކައުންސިލުން ބާތިލް ކުރި ފުރަތަމަ ފަހަރެވެ.

އެތުލެޓިކްސް ކޯޗު ޔަޒްނީ ނަޝީދާ (ޔަޒޫ) އާއި އޭނާގެ ފިރިމީހާ ހަންގޭރީގެ ޗަބާ ކިސް ހިންގާ ކޭވައި އެކަޑަމީ ސަސްޕެންޑްކުރަން 2017 ވަނަ އަހަރުގެ ސެޕްޓެމްބްރު 21 ގައި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން ނިންމީ އެކަޑަމީގެ ބައެއް މެމްބަރުން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އެސޯސިއޭޝަން ބަދުނާމްކުރުމާއި އެސޯސިއޭޝަނާ މެދު މެމްބަރުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި ސާބިތު ނުހިފޭ ތުހުމަތުތަކެއް ކުރަމުން އަންނާތީވެ އެވެ. އަދި އެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު މިދިޔަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ކްލަބުގެ ގިންތި ދަށްކުރުމަށް ނިންމީ އެވެ. އެއާ އެކު އެ އެކަޑަމީ އަށް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ގެއްލުނެވެ.

ސްޕޯޓްސް ކައުންސިލުން ބުނީ އެސޯސިއޭޝަނުގެ ސުލޫކީ މައްސަލަތަކާ ބެހޭ ގަވާއިދު ބުނާ ގޮތުން، އެއްވެސް މީހަކު ނުވަތަ ކްލަބެއް ވިޔަސް ސަސްޕެންޑްކުރުމަކީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޑިސިޕްލިނަރީ ކޮމިޓީ އަށް ކަމަށެވެ. އެހެންވެ ސެޕްޓެމްބަރު 21 ގައި އެ ކްލަބް ސަސްޕެންޑްކުރަން އެންމެ ފުރަތަމަ ނިންމި ނިންމުން ގާނޫނީ ގޮތުން ސައްހަ ނޫން ކަމަށެވެ.

އޭގެ ފަހުން ހިންގާ ކޮމިޓީން ހުށަހެޅި މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް އެ އެކަޑަމީގެ ގިންތި ދަށް ކުރަން ނިންމީ، ގިންތި ދަށްކުރުމުގެ ކުރިން އަޅަން ޖެހޭ ހަތަރު ފިޔަވަޅުގެ ތެރެއިން ސަމާލުކަމަށް ގެނައުމާއި ނަސޭހަތްތެރިވުމާއި އިންޒާރުކުރުމުގެ ފިޔަވަޅު އެޅުމަށް ފަހު ވެސް އެ އަމަލުތައް ތަކުރާރުވެފައިވާތީވެ އެވެ.

އެކަމަކު ސްޕޯޓްސް ކައުންސިލުން ބުނީ ކޭވައި އެކަޑަމީގެ މައްޗަށް 26 ސެޕްޓެމްބަރު 2016 ގައި އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ ސުލޫކީ މައްސަލަތައް ބެލުމާއި ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށްވާތީ، އެ ފިޔަވަޅަކީ ސައްހަ ފިޔަވަޅެއް ކަމަށް ބެލި ނަމަވެސް އެއީ ސުލޫކީ މައްސަލަތައް ބެލުމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އެޅިފައިވާ ފިޔަވަޅެއް ކަމަށް ބެލެން ނެތް ކަމަށް ކައުންސިލުން ބުނެ އެވެ. އެހެންވެ ގިންތި ދަށްކުރަން ނިންމި ނިންމުން ނިންމާފައިވަނީ އޭގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިކަން ބެލޭނެ ތަނެއް ނެތެވެ.

އެހެންވެ، ކޭވައި އެކަޑަމީގެ މައްޗަށް، ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވާ އަސާސަކީ އޭގެ ޒާތުގައި ގާނޫނީ ގޮތުން ބުރަދަނެއް ނެތް އަދި އެސޯސިއޭޝަނުން ފާސްކޮށް، އެ މައްޗަށް އަމަލުކުރުމަށް އަމިއްލަ އަށް ނިންމާފައިވާ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ގާނޫނާ ހިލާފު ކަމެއްގެ މައްޗަށް ތަރައްތުބުވެގެން އަންނަ ކޮންމެ ނިންމުމެއް ވެސް ބާތިލްވާނެކަން އެނގެން އޮންނާތީ، އެ އެކަޑަމީގެ މައްޗަށް އެސޯސިއޭޝަނުންނާއި އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ ކޮމިޓީން އަޅައިފައިވާ ފިޔަވަޅުތަކަކީ ގާނޫނީ ގޮތުން ސައްހަ ފިޔަވަޅުތަކެއް ނޫންކަން އެނގެން އޮތް ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އެހެން ކަމަށް ވުމާ އެކު އެކަޑަމީގެ މައްޗަށް އެސޯސިއޭޝަނުން އަޅައިފައިވާ ފިޔަވަޅުތައް ބާތިލްކޮށް އެއިން އެއްވެސް ފިޔަވަޅެއް އެކަޑަމީއާ މެދު އަޅައިފައިނުވާ ކަމަށް ބެލުމަށާއި އެކަޑަމީގެ ގިންތި ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެ ކްލަބް ކުރިން ހުރި ހާލަތަށް އަނބުރާ ރުޖޫއަކުރުމަށް އަންގާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ކައުންސިލުގެ ނިންމުމަށް އިހުތިރާމްކުރައްވާ ކަމަށާއި އެކަމަކު އެ ކައުންސިލުން މައްސަލަ ނިންމާފައިވަނީ ބަލަން ވާވަރަށް ނުބަލައި ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.

"ކޭވައި އެކަޑަމީން ވަނީ ކައުންސިލަށް ދޮގު މައުލޫމާތުތަކެއް ދީފައި. ކައުންސިލުން މައްސަލަ ބަލާފައިވަނީ ބަލަން ވާވަރަށް ނުބަލައި ކަމަށް އަޅުގަނޑުމެން ދެކެނީ. އެކަމަކު ކައުންސިލުގެ ނިންމުމަށް އަޅުގަނޑުމެން އިހުތިރާމް ކުރާނަން. ސަސްޕެންޝަން އުވާލިކަން މިހާރު ކޭވައި އެކަޑަމީ އަށް ވަނީ އަންގާފައި،" ތޮލާލް ވިދާޅުވި އެވެ.