ސެންޓޭ ދެ ކްލަބަކާ މަޝްވަރާކުރަނީ

އަންނަ ސީޒަނުގައި ވެސް ފެންނާނެ ކަމަށާއި ދެ ކްލަބަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.


އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާތީ އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ނިއު އަށް ނެތެވެ. ސެންޓޭ ފިޔަވައި އެ ޓީމުގެ މުހިއްމު ހުރިހާ ކުޅުންތެރިން ވަނީ އެކި ކްލަބްތަކަށް ބަދަލުވެފަ އެވެ.

"ދެ ޓީމަކާ މަޝްވަރާކުރަމުން މި އަންނަނީ. ވަރަށް އަވަހަށް ޓީމެއް ނިންމައި އަންނަ ހަފްތާގައި ސޮއިކުރާނަން. ކުރިން ކުޅުނު ޓީމަކުން ފެންނާނީ،" ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ސެންޓޭ ބުންޏެވެ.

ސެންޓޭ ފުރަތަމަ ޑިވިޝަނުގައި އެންމެ ފުރަތަމަ ކުޅުނީ އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އަށެވެ. ދެން އޭނާ ބަދަލުވީ ކްލަބް ވެލެންސިއާ އަށެވެ. އެ ޓީމަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދި ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ހަތަރު އަހަރުގެ ތެރޭ ސެންޓޭ ނިއުއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ނަގައި އަދި 2015 ވަނަ އަހަރު ނިއު އަށް ގައުމީ ތަށި މިލްކުކޮށްދޭން ފައިނަލުގައި ލަނޑު ޖެހި އެވެ. އޭގެ ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު ތިން ވަނަ ފަހަރަށް ނިއު އަށް ސޮއިކުރީ 2017 ވަނަ އަހަރު އެވެ.

ބ. އޭދަފުށްޓަށް އުފަން ސެންޓޭ އަކީ މިދިޔަ އަހަރު ގައުމީ ޓީމުން 10 އަހަރު ފަހުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހިއިރު، އެ މެޗުގެ ބޮޑުބައިގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ސެންޓޭ އެވެ.

ސެންޓޭ އާ ކްލަބެއް ހޯދަން މަޝްވަރާކުރަމުން އަންނައިރު ނިއު އިން ވެސް އަންނަނީ މި ސީޒަނުގައި ކުޅޭވެނެ ފުރުސަތެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ދިން އަދަބު ކޮންގްރެސް އިން ދަމަހައްޓާފައިވާތީ ނިއު އަށް ކުޅުމުގެ ފުރުސަތު ލިބެން އޮތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެކަމަށް ރުހުން ލިބިއްޖެ ނަމަ އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ މަހު ހަ ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ބައްދަލުކުރާ ޝީލްޑް މެޗު ކުޅޭނީ ދެ ލެގަށެވެ. އެ އަށް ފަހު ލީގު ފަށާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.