ނިއުގެ ކުރީގެ އިސްވެރިން ބައްސާމާ ބައްދަލުކޮށްފި

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އަލުން ފުޓްބޯޅައިން ފުރުސަތު ލިބޭތޯ ކުރަމުން އަންނަ މަސައްކަތުގައި އެ ކްލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކު މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލުކުރައްވައިފަ އެވެ.


ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއު ސަސްޕެންޑްކުރީ ޖެނުއަރީ މަހު އެވެ. އަދި އެފްއޭއެމްގެ ކޮންގްރެސް އިން ވަނީ އެ ނިންމުން އަންނަ އަހަރުގެ ކޮންގްރެސްއާ ހަމަޔަށް ދަމަހައްޓަން ފާސްކޮށްފަ އެވެ. އެއާ އެކު މި އަހަރުގެ ފުޓްބޯޅަ ސީޒަން ކުރިއަށްދާނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ނުލަ އެވެ. މިއީ 1979 ވަނަ އަހަރު ނިއު އުފެދުނު ފަހުން އެ ކްލަބް ނެތި ފުޓްބޯޅަ ސީޒަނެއް ކުރިއަށްދާނެ ފުރަތަމަ ފަހަރެވެ.

އެކަމަކު ޗެއާމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވައި ކްލަބް އަލުން ނެގުމަށް ސަޕޯޓަރުން އިސްވެ އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭރު ސަޕޯޓަރުން ބުނަމުން ދިޔައީ މިކަމުގައި އެފްއޭއެމްއާ މަޝްވަރާކުރަން ޖެހުނަސް ކުރަން ތައްޔާރުކަމަށެވެ. އަދި އެކަމަށް ކްލަބުގެ ކުރީގެ ޗެއާމަނުންގެ ރުހުން ވެސް ހޯދި އެވެ. މިއަދުގެ ބައްދަލުވުމަކީ އެ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

ބައްދަލުވުމަށް ފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއު ރޭޑިއަންޓުގެ ބައްޕަ ކުއީން ވަހީދާއި ކުރީގެ ޗެއާމަން ހަސަން މަނިކާ ބައްދަލުކުރެވުމަކީ ލިބުނު ޝަރަފެއް ކަމަށާއި ނިއުގެ މިހާރުގެ ހާލަތާ މެދު މަޝްވަރާކުރެވުނު ކަމަށެވެ. ނިއު އުފެދުނީއްސުރެ ދެހާހުގެ އަހަރުތަކާ ހަމަޔަށް ވަހީދަކީ ނިއު އަށް އެންމެ ބޮޑު ހިދުމަތެއްކުރެއްވި އެކެކެވެ. ކާމިނީޕޫލް ހަސަން މަނިކު ވެސް ވަނީ ޗެއާމަންގެ ގޮތުގައި ނިއު އަށް ހަރަދުކުރައްވައި ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ނިއުގެ އެކްޓިން ޗެއާމަން ސައްޔިދު އަލީ އާއި ބޯޑް މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީގެ ޗެއާމަން މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަދި ކްލަބުގެ ޖެނެރަލް ސެކްރެޓަރީ ވެސް ވަނީ ބައްސާމާ ބައްދަލުކޮށްފަ އެވެ. އަދި ސަޕޯޓަރުންގެ ފަރާތުން މޮސްޓާ ވެސް ވަނީ ވަކިން ބައްސާމާ ބައްދަލުކޮށްފަ އެވެ.

އެފްއޭއެމުން މި އަހަރުގެ ޖެނުއަރީ މަހު ނިއު ސަސްޕެންޑްކުރީ ކުޅުންތެރިން ހުށަހެޅި މައްސަލަ އަށް ރިއާޔަތްކުރުމަށް ފަހު އެވެ. އެކަމަކު ނިއު އިން ތަކުރާރުކޮށް ބުނަމުން އައީ ސަސްޕެންޑްކުރި ސަބަބަކީ، އެފްއޭއެމްގެ ވެރިންގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހެޅުން ކަމަށެވެ. އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ދިން އަދަބު ކޮންގްރެސް އިން ދަމަހައްޓާފައިވާތީ ނިއު އަށް ފުރުސަތު ލިބެން އޮތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެކަމަށް ރުހުން ލިބިއްޖެ ނަމަ އެވެ.

އެކަމަކު އާ ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބިދާނެ ކަމަށް ބަލައި އެކުލަވާލާ ޓީމަށް ކޯޗުކޮށްދިނުމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާ އަންނަނީ ވާހަކަދައްކަމުންނެވެ. އަލީ ފާސިރު (ސެންޓޭ) ފިޔަވައި އެހެން މުހިއްމު ހުރިހާ ކުޅުންތެރިން ކްލަބް ދޫކޮށްލާފައިވާއިރު ޓީމެއް އެކުލަވާލަން ބައެއް ކުޅުންތެރިން ހޯދަން ވެސް ނިއު އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް ނިއު އިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު ދެން އޮތް މައްސަލައަކީ އަފްގާނިސްތާން ކުޅުންތެރިޔާ ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ނުދީގެން ފީފާ އިން ދީފައިވާ އަދަބެވެ. އެގޮތުން އެ ފައިސާ ދެއްކުމާ ހަމަޔަށް ކުރިއަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ވެސް ކުޅުންތެރިން ނުހޯދޭނެ ކަމަށް ފީފާ އިން ވަނީ އަންގައިފަ އެވެ. އެހެންވެ އެކަމުން ސަލާމަތްވުމަށް އޭނާ އަށް އެކަނި ވެސް ނިއު އިން ހަތްލައްކައެއްހާ ދިވެހި ރުފިޔާ ދައްކަން ޖެހެ އެވެ.