ސެންޓޭ އީގަލްސް އަށް ސޮއިކޮށްފި

ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ފޯވާްޑް އަލީ ފާސިރު (ސެންޓޭ) ކުރިއަށް އޮތް ސީޒަނަށް ކްލަބް އީގަލްސް އަށް ސޮއިކޮށްފި އެވެ.


ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ސެންޓޭ އީގަލްސް އަށް ސޮއިކޮށްފައިވާކަން އެ ކްލަބުން ވަނީ "މިހާރަ"ށް ޔަގީންކޮށްދީފަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާތީ ކުރިއަށް އޮތް ސީޒަނުގައި ކުޅުމުގެ ފުރުސަތު ނިއު އަށް ނެތެވެ. ނިއުގެ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ހުރި ސެންޓޭ ފިޔަވައި އެ ޓީމުގެ މުހިއްމު ހުރިހާ ކުޅުންތެރިން ވަނީ އެކި ކްލަބްތަކަށް ބަދަލުވެފަ އެވެ.

ސެންޓޭ އެންމެ ފުރަތަމަ ކުޅުނު ޓީމަކީ އީގަލްސް އެވެ. އެ ގޮތުން 2006 ވަނަ އަހަރު އެ ޓީމަށް ކުޅުނު ނަމަވެސް އޭނާގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) ގައި 2007 ވަނަ އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

އޭވައިއެލް އަށް ކުޅުމަށް ފަހު ސެންޓޭ ދެން އޭނާ ބަދަލުވީ ކްލަބް ވެލެންސިއާ އަށެވެ. އެ ޓީމަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދި ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ހަތަރު އަހަރުގެ ތެރޭ ސެންޓޭ ނިއުއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ނަގައި އަދި 2015 ވަނަ އަހަރު ނިއު އަށް ގައުމީ ތަށި މިލްކުކޮށްދޭން ފައިނަލުގައި ލަނޑު ޖެހި އެވެ. އޭގެ ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު ތިން ވަނަ ފަހަރަށް ނިއު އަށް ސޮއިކުރީ 2017 ވަނަ އަހަރު އެވެ. ސެންޓޭ ވަނީ ނިއު އަށް 100 ގޯލު ޖަހައިދީފަ އެވެެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ދެ ފަހަރެއްގެ މަތިން ހާސިލްކުރި ސެންޓޭ އަކީ މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ކޮޅަށް ސެންޓޭ ވަނީ ލަނޑު ވެސް ޖަހައިފަ އެވެ.

މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ އީގަލްސް އަށް ސެންޓޭ ބަދަލުވުމަކީ އެ ކްލަބްގެ އެޓޭކަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެކެވެ. މިދިޔަ ސީޒަނުގައި އީގަލްސް އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރި އަހުމަދު ރިޒުވާން (ރިޒޭ)، އާއިހަސަން ރާއިފް (ހަންނަ) އަދި މުހައްމަދު ނާއިމް ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް އީގަލްސް އިން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު އެ ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި އުއްމީދީ ފުލްބެކް ހިސާމް ސަލީމް (ކޮކީ) ހިމެނެ އެވެ. އީގަލްސްގެ ގޯލު މި ފަހަރު ވެސް ބަލަހައްޓާނީ މިދިޔަ އަހަރުތަކުގައި އެ ޓީމަށް ކުޅުނު ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ.