ގޯލްކީޕާ ކޮންފަރެންސުން އަހުސަނަށް ތަޖުރިބާ

އިނގިރޭސިވިލާތުގެ ރެޑިންގައި އެވޮލޫޝަން ގޯލްކީޕަރު ކޯޗިންގެ ފަރާތުން ކުރިއަށްގެންދިޔަ ނެޝަނަލް ގޯލްކީޕާ ކޮންފަރެންސްގައި ޓީސީ ސްޕޯޓްސް ކްލަބާއި އަންހެން ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އަހުމަދު އަހުސަން (ބަރޯ) ބައިވެރިވެ ތަޖުރިބާތަކެއް ހޯދައިފި އެވެ.


ދުނިޔޭގެ މަޝްހޫރު ގޯލްކީޕަރު ކޯޗުން ބައިވެރިވި މި ކޮންފަރެންސުން އަހުސަނަށް ފުރުސަތު ހޯދައިދިނީ އޭނާ މިދިޔަ އަހަރު މިޔަންމާގައި ގޯލްކީޕަރު ކޯޗު ކޯސް ފުރިހަމަ ކުރިއިރު، އެ ކޯހުގައި ކިޔަވައިދިން އިނގިރޭސިވިލާތުގެ ޑީން ވޭ އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ފާއިތުވި ތިން ދުވަހު ކުރިއަށް ދިޔަ މި ކޮންފަރެންސްގެ އެހީގައި އަހުސަން ވަނީ މުހިއްމު މައުލޫމާތުތަކެއް އެއްކޮށްފަ އެވެ.

މި ކޮންފަރެންސްގައި ބައިވެރިވި ގޯލްކީޕަރު ކޯޗުންނަށް ބަލާއިރު އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ އަދި ތަޖުރިބާކާރު ޓްރެއިނަރު އެރިކް ސްޓީލް، ހިމެނެ އެވެ. ކުރިން އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ހުރި ސްވެން ގޯރަން އެރިކްސަން އާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ސްޓުއާޓް ޕިއަސް އަދި ބްލެކްބާންގެ ކުރީގެ ކޯޗު މާކް ހިއުސްއާ އެކު އެރިކް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި އެެރިކް ވަނީ އިނގިރޭސި އެފްއޭއާ އެކު ޒުވާން ގޯލްކީޕަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ.

އެރިކްގެ އިތުރުން ދެން ބައިވެރިވީ ޓޮޓެންހަމްގެ ކުރީގެ ކުޅުންތެރިޔާ އަދި އިނގިރޭސި ޔޫތު ޓީމުތަކުގައި މަސައްކަތްކުރަމުން އަންނަ ޓޯނީ ޕާކްސް އާއި ހަޑްސްފީލްޑް އާއި ވުލްވްސްގައި މަސައްކަތްކުރި ޕައުލް ކްލެމެންޓްސް އާއި މިހާރު ސްޓޯކް ސިޓީގައި އިންގްލެންޑް ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު ޖެކް ބަޓްލަންޑް ތަމްރީން ކުރަމުން އަންނަ ގޯލްކީޕަރު ކޯޗު އެންޑީ ކުއި އަދި ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާއާ އެކު ލީޑްސް ޔުނައިޓެޑްގެ ގޯލްކީޕަރު ޓްރެއިނަރަކަށް ހުންނަ މާކޯސް އަބަޑް އެވެ.

ނެޝަނަލް ގޯލްކީޕަ ކޮންފަރެންސްގައި ބައިވެރިންނާ އެކު އަހުސަން (ވ-3).

އިންގްލެންޑްގެ އިތުރުން އޮސްޓްރޭލިއާ އާއި ބަލްގޭރިއާ އަދި އެމެރިކާގެ ގޯލްކީޕަރު ޓްރެއިނަރުން ބައިވެރިވި މި ކޮންފަރެންސަކީ ގޯލްކީޕަރުން ތަމްރީން ކުރުމުގެ މައުލޫމާތު ބަދަލުކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ ނަން މަޝްހޫރު ގޯލްކީޕަރުންގެ ތަމްރީންތަކުން މައުލޫމާތު އެއްކޮށް މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެ އެވެ.

އަހުސަން "މިހާރަ"ށް ބުނީ އެރިކް އާއި ޓޯނީ ފަދަ ތަޖުރިބާކާރު ޓްރެއިނަރުންގެ ފަރާތުން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށާއި ހާއްސަކޮށް މައުލޫމާތު ހޯދީ ގޯލްކީޕަރުން މެޗުތަކަށް ތައްޔާރުވުމާ ބެހޭގޮތުން ކަމަށެވެ. އަދި ކެރިއަރުގެ ފަހުކޮޅުގައި ބްރެޑް ފްރީޑަލް އާއި އެޑްވިން ވަން ޑަ ސާގެ ތަމްރީންތައް ހުރިގޮތް ވެސް އެނގިގެންދިޔަ ކަމަށް ބުންޏެވެ.

"ވަރަށް މުހިއްމު މައުލޫމާތުތަކެއް ލިބިއްޖެ. ކުރިއަށް އޮތް ސީޒަނުގައި މަސައްކަތް މިކުރަން ޖެހެނީ ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިމްރާންއާ އެކު،" އަހުސަން ބުންޏެވެ.

އޭނާ ވަނީ މި ފުރުސަތު އޭނާ އަށް ހޯދައިދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ވިކްޓަރީން މީގެ ކުރިން ފެނުނު އަހުސަން އަންނަނީ ޓީސީގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ދެ އަހަރު އޭނާ އެ ޓީމުގައި މަސައްކަތްކުރީ ނޭޕާލްގެ އެއް ވަނަ ކީޕަރު ކިރަން ޝެމްޝޮންއާ އެކު އެވެ. އަހުސަން އަކީ ގައުމީ އަންހެން ޓީމުގެ ވެސް ގޯލްކީޕަރު ކޯޗެވެ. އަދި 19 އަހަރުން ދަށުގެ ޓީމުގެ ވެސް ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަނީ އޭނާ އެވެ.

މީގެ 13 ވަރަކަށް އަހަރު ކުރިން ގޯލްކީޕަރު ޓްރެއިނިން ކޯސްތަކެއް ބޭއްވުމަށް ފަހު އެފްއޭއެމުން ވަނީ މި އަހަރު ގޯލްކީޕަރުން ތަމްރީންކުރަން ކޯހެއް ބާއްވައިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ގޯލްކީޕަރުން ތަމްރީންތަކަށް އިތުރު ކޯސްތައް ބާއްވާނެކަމަށް މައުލޫމާތުދެ އެވެ. އެފްއޭއެމުން މިހާރު ވަނީ ގޯލްކީޕަރު އެކެޑަމީއެއް ވެސް ފަށައިފަ އެވެ.