ފޯކައިދޫ އާއި ޓީސީ ތާރީހީ މެޗަކަށް

ކަޕްވިނާސް ކަޕުގެ ބަދަލުގައި 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެފްއޭ ޗެރިޓީ ޝީލްޑް މެޗު މީގެ ކުރިން މުޅިން ވެސް ކުޅެމުން އައީ މާލޭގަ އެވެ. ސީޒަން ހުޅުވަން ކުޅޭ އެ މެޗު ދެ ލެގުގެ އުސޫލަށް ބަދަލުކޮށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މާލޭން ބޭރުގައި މިއަދު ކުޅޭނެ އެވެ. އެ މެޗުގެ ފުރަތަމަ ލެގުގައި ށ. ފޯކައިދޫ ދަނޑުގައި ބައްދަލުކުރާނީ އެ ޓީމާއި ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލެބެވެ.


ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ބަދަލުކޮށް މާލޭން ބޭރުގައި އެއް މެޗު ކުޅޭ ގޮތަށް ރޭވުމުގެ އެއް މަގުސަދަކީ އެފްއޭއެމުން މުޅި ރާއްޖެ އަށް ފުޅާކޮށްގެން ލީގު ބޭއްވުމުގެ ފެށުމެއްގެ ގޮތުގައި އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޝީލްޑް މެޗު ކުޅުމުގެ ފުރުސަތު ފުރަތަމަ ލިބުނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ތ. ތިމަރަފުށްޓަށެވެ. އެ ޓީމުން ފުރުސަތު ދޫކޮށްލުމުން މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕްގެ ހައިސިއްޔަތުން ފޯކައިދޫ އަށް އެ ފުރުސަތު ލިބުނީ އެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު "މިހާރަ"ށް ބުނީ ފޯކައިދޫގައި މިހާރު އޮތީ ޒުވާން ޓީމެއް ކަަމަށާއި އެ ކުޅުންތެރިން ތިބީ މި ފުރުސަތުގެ ބޭނުން ހިފަން ކެތްމަދުވެފައި ކަމަށެވެ.

"ފޯކައިދޫގެ ފުޓްބޯޅަ ފޯރި ވަރަށް އަޑުގަދަވެފައި ޖޯޝް ހުންނާނެ. ޕްރެޝަރު އޮތީ ފޯކައިދޫ އަށް. އެއީ މިނިވަން ޗެމްޕިއަންޝިޕުން އަންނަ ޓީމުތަކަށްވެފައި ފެންވަރު ސާބިތުކޮށްދޭން ބޭނުންވާތީ. އަހަރެމެންގެ ބެސްޓް ދޭނަން. އަދި ސަޕޯޓަރުން ޓީމު ފަހަތުގައި ވެސް ތިބީ އެ ރޫހުގައި،" ޕްރިމިއާ ލީގުގައި މީގެ ކުރިން އއ. މާޅޮހަށް ވެސް ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

ޝީލްޑް މެޗު ކުޅެން ފޯކައިދޫ ކުޅުންތެރިންނާއި ޓީސީ ކުޅުންތެރިން އެ ރަށަށް ދިއުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ނިސްތާރު ބުނީ މުސްތަގުބަލަށް ބަލާއިރު ހޯމް އެންޑް އަވޭ ސިސްޓަމް ލީގަށް ވެސް ތައާރަފްކުރާތަން ދެކެން ބޭނުންވާ ކަމަށާއި މިއީ ޗެލެންޖްތަކެއް ހުރި ކަމެއް ނަމަވެސް ނުވާނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ފުރަތަމަ މި ސިސްޓަމްގައި މިނިވަން ޗެމްޕިއަންޝިޕް ކުޅުނުއިރު އަހަރެން ހުރީ ގއ. ކޮނޑޭގައި. މި ސިސްޓަމް ރަނގަޅު ކުރެވޭނެ. އަދި ކުރިއަށް އޮތްތަނުގައި ލީގު ވެސް ހޯމް އެންޑް އަވޭ އަށް ބަދަލުވާނެ ކަމަށް އުއްމީދުކުރަން. މީގެ ތެރެއިން ރަށްރަށުގެ ވިޔަފާރިއާ އެހެނިގެން ކަންތައްތަކަށް ވެސް ފައިދާކުރާނެ،" ނިސްތާރު ބުންޏެވެ.

ލީގުގެ މެޗެއްގެ ތެރެއިން ފޯކައިދޫގެ ކޯޗު ނިސްތާރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޯކައިދޫން ވަނީ ފުރަތަަމަ ޑިވިޝަނުގެ އެކި ޓީމުތަކުން މީގެ ކުރިން ފެނުނު ޒުވާން ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ޓީމުތަކުގެ ފުރަތަމަ އެގާރައިގައި ކުޅެފައިތިބި ކުޅުންތެރިން ވެސް ހިމެނެ އެވެ. ފޯކައިދޫ އިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފަ އެވެ. އެއީ މިސްރުގެ ހަލީލް ޖަމާލް އާއި ސައްޔިދު ރާމޯސް އަދި އީގަލްސް އާއި ވިކްޓަރީ އަށް ކުރިން ކުޅުނު މުސްތަފާ ސެޑިކްގެ އިތުރުން ޕާކިސްތާނުގެ ހަނީފް ސާގިބް ގެނެސްފަ އެވެ.

ނިސްތާރު ބުނީ ޒުވާން ޓީމެއް ގޮވައިގެން ސީޒަނާ ކުރިމަތިލާއިރު އޭނާގެ އެންމެ ބޮޑު އެދުމަކީ މި ކުޅުންތެރިންނަށް މުޅި ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބުމެވެ. ލީގުގެ ގަވާއިދުގައި އޮންނަ ބަދަލެއްގެ ސަބަބުން ބައެއް ޓީމުތަކަށް އަވަހަށް ސީޒަން ނިމި މީގެ ތެރޭގައި ތިބި ޒުވާން ކުޅުންތެރިން ގެއްލިގެންދާން ނޭދޭ ކަމަށް ނިސްތާރު ބުންޏެވެ.

"ވަރަށް ބޮޑު އެދުމެއް އެއީ މުޅި ސީޒަން ޓޮޕް ޑިވިޝަން ހުރިހާ ޓީމަކަށް ކުޅެވޭގޮތްވުން. ވަރަށް އުއްމީދާ އެކު އެފްއޭގެ ގަވައިދާ އެއްގޮތަށް ތިން އަހަރަށް މި ކުޅުންތެރިން ސޮއިކުރީ. އަތޮޅުތެރޭގެ މޮޅެތި ކުޅުންތެރިން ވެސް ބޭނުންވޭ މުޅި އަހަރުގައި ކުޅެން. ހަމައެކަނި އަހަރަކު ހަތަރު މަސް ދުވަހު ކުޅޭ ގޮތަށް ކެރިއަރެއް ބިލްޑް ނުކުރެވޭނެ،" ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި އީގަލްސްގައި ވެސް މަސައްކަތްކުރި ނިސްތާރު ބުންޏެވެ.

މި ފަހަރުގެ ސީޒަނަށް ޓީސީން ކުރިމަތިލާނީ އެ ޓީމު 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ތަަފާތު ކޯޗަކާ އެކު އެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މި ސީޒަނުގައި ޓީސީން ނުފެންނައިރު، އެ ޓީމަށް މި އަހަރު ކޯޗުކޮށްދޭނީ ގައުމީ ފިރިހެން ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ މުހައްމަދު އާތިފް (އާތީ) އެވެ.

ޓީސީން މި ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިސްމާއިލް އީސާ (މެސީ)ގެ އިތުރުން ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ގެނެސްފަ އެވެ. ޓީސީން ވަނީ ބިދޭސީ ތިން ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ކުރިން އެ ޓީމަށް ކުޅުނު މިސްރުގެ އަލާ ނާސިރާއި މިސްރުގެ މުސްތަފާ އަދި ނޭޕާލްގެ ބިމަލް ގާތީ މަގަރް އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށާއި ޔުނައިޓެޑް ވިކްޓަރީ އަށް ވެސް މީގެ ކުރިން ކޯޗުކޮށްދިން އާތީ ހުރީ ޓީސީއާ އެކު ވާދަވެރި ފުރަތަމަ މެޗަށް ނުކުންނައިރު ރަނގަޅު ނަތީޖާއެއްގެ އުއްމީދުގަ އެވެ.

ޓީސީގެ ކޯޗު އާތީ: މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއީ ޓީސީއާ ހަވާލުވި ފަހުން ކުޅޭ ފުރަތަމަ މެޗު. މިއީ ޓީސީ އަށް ވަރަށް މުހިއްމު މެޗެއް. ދެން ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުރަތަމަ މެޗުވީމަ ވަރަށް ތާރީހީ މެޗަކަށްވާނެ." އާތީ ބުންޏެވެ.

ޓީސީން ސީޒަނަށް ތައްޔާރުވުމުގައި އެކި ގޮންޖެހުންތައް ދިމާވިއިރު، އެނގިފައިވާ ގޮތުގައި ޓީސީން ފޯކައިދޫ އަށް ދާން ބޭނުންވި ދުވަހު ދަތުރުހަމަޖެހޭގޮތްނުވި އެވެ. އާތީ ބުނީ އޭނާ ބޭނުންވާ ލެވެލަށް ޓީމުގެ ތައްޔާރީތައް ނުދާ ކަމަށެވެ.

"ބޭނުންވާ ވަރަށް ޓީމު ތައްޔާރެއް ނުކުރެވޭ. ފޮރިން ޕްލޭޔަރުންނަށް ކުޅެވޭ ނުކުޅެވޭއެއް ނޭނގި އަދި މިތިބީ އައިޓީސީ ނުލިބި. ޕްރެކްޓިސްތަކުގައި މެޗެއް ކުޅެލެވޭ ވަރަށް ވުރެ ވެސް ލަހުން އެ ކުޅުންތެރިން ލިބުނީ. ދެން ޓީމު ބައްޓަންކޮށްލަން ވަގުތު ބޭނުންވާނެ،" އާތީ ބުންޏެވެ. "އެކަމަކު މިމެޗަކީ ނުނެގޭ ވަރުގެ މެޗެއް ނޫން. އުއްމީދަކީ މި މެޗު ނެގުން."

ސީޒަނުގެ ފުރަތަމަ މެޗަށް ނުކުންނައިރު އުނދަގޫތަކެއް ހުރި ނަމަވެސް ޓީމުގެ ކުޅުންތެރިން ފުރިހަމަ އަށް މަސައްކަތްކުރަން ޖެހޭނަކަން އާތީ ފާހަގަކުރި އެވެ. އަދި މިއީ ފެށުން ކަމަަށާއި ލީގަށް ޓީސީ ނުކުންނާނީ މި މެޗަށް ވުރެން ވަރުގަދަ އަށް ކަމަށް ބުންޏެވެ.

"ގާތްގަނޑަކަށް 10 ދުވަހުގެ ޓްރެއިނިން ފުލް ޓީމާ އެކު ލޮބިފައި ދެން ކުރިއަށްދާން ބަލާއިރު ރަނގަޅުވާނެ. މި މެޗަށް ކަންތައްތައް މިހެން ހުރިކަމުގައި ވިޔަސް ކުރިއަށް ހުރި މެޗުތަކަށް ލީގު މެޗުތަކަށް ޓީސީން ނުކުންނާނީ ފުލް ސްޓްރެންތުގައި،" އާތީ ބުންޏެވެ.

މިދިޔަ އަހަރު ޗެރިޓީ ޝީލްޑް މެޗު ނުބާއްވަ އެވެ. ޝީލްޑް މެޗު ކުޅެން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުގައި އޭރު ރާއްޖެ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން މެޗު ފަސްކުރީ އެވެ. ފަހުން މެޗު ކެންސަލްކުރަން ނިންމީ އެ މެޗު އެހެން ތާރީހެއްގައި ބާއްވަން ކަލަންޑަރަށް ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ބުނެ އެވެ. އަދި ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސްފިނަމަ ޓީމުތަކަށް އޭގެ ގެއްލުންކުރިމަތިވާނެ ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ މެޗެއް އެންމެ ފަހުން މާލޭން ބޭރުގައި ކުޅުނީ 2015 ވަނަ އަހަރު އެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވަނީ ހދ. ކުޅުދުއްފުށްޓާއި ސ. ހިތަދޫގައި ބާއްވައިފަ އެވެ.

ފޯކައިދޫ ދަނޑުގައި މިއަދު ހަވީރު 4 ޖަހާއިރު ފުރަތަމަ ލެގު ކުޅުމަށް ފަހު ދެ ވަނަ ލެގު ކުޅޭނީ ހޯމަ ދުވަހުގެރޭ 9 ޖަހާއިރު މާލޭގަ އެވެ.