ވޮލީން އެހީ ހޯދަން ދުނިޔޭގެ ފެޑެރޭޝަނާ މަޝްވަރާކުރަނީ

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)ގެ ކުރިއަށް އޮތް ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވާއިރު، އެހީ ހޯދޭނެ އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.


ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވިދާޅުވީ ތައިލެންޑްގެ ބެންކޮކްގައި އޮންނަ އެފްއައިވީބީގެ ބޯޑް ބައްދަލުވުމުގައި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް އާއި ސީނިއާ ނައިބު ރައީސް މުހައްމަދު ފަހުމީ ވޮލީބޯޅައިގެ ތަރައްގީގެ މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"މި ބައްދަލުވުމުގައި ވޮލީބޯޅައިގެ ތަރައްގީގެ މަޝްވަރާ އާއި އެކި ގައުމުތަކުން ވޮލީބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށް މަޝްވަރާކުރެވިގެންދާނެ،" ޝާފީ ވިދާޅުވި އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އަންނަ ސެޕްޓެމްބަރު މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބީޗް ވޮލީބޯޅައިގެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވީއޭއެމުން ބުނެ އެވެ. ރާއްޖޭގައި ވަނީ މީގެ ކުރިން ވެސް ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވައިފަ އެވެ. އެއީ 2015 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.

ޝާފީ ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ އަށް ބޭނުންވާ އިތުރު ކަންތައްތައް ވެސް އެފްއައިވީބީ އަށް ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"މީގެ އިތުރުން ދިވެހިރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ވެރިން ޓެކްނިކަލް ގޮތުންނާއި އެހީ ހޯދުމުގެ މަޝްވަރާކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޭވީސީ މުބާރާތުގެ ތެރެއިން ވީއޭއެމްގެ ރައީސް ލަތީފް (ކ) އާއި ޝާފީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވީއޭއެމްގެ ރައީސް ލަތީފާއި ސީނިއާ ނައިބު ރައީސް ފަހުމީ އެފްއައިވީބީގެ ބައްދަލުވުމަށް ފުރާވަޑައިގެންނެވިއިރު، ވީއޭއެމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުށަހަޅާފައިވާތީ ސްޕޯޓްސް މިނިސްޓްރީން އަންނަނީ ތިން މެމްބަރުންގެ ކޮމިޓީއެއް މެދުވެރިކޮށް އެ ކަންތައްތައް ބަލަމުންނެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވީއޭއެމުން ކޮށްފައިވާ ކަންތައްތަކުގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

ދާދި ފަހުން ނެރުނު ބަޔާނެއްގައި ވީއޭއެމުން ބުނީ މިހާރު އެ އިދާރާގައި އޮތް ހިންގާ ކޮމިޓީ މަގާމާ ހަވާލުވެ އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. އަދި އެ އެސޯސިއޭޝަނުގައި ކޮރަޕްޝަން އޮތްކަމަށް ބުނެ ފަތުރާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް 2016 ވަނަ އަހަރުގެ ފަހު ކޮޅުގައި މަގާމަަށް އިންތިހާބުވިއިރު، އޭގެ ފަހުން އެތަކެއް ފަހަރެއްގެ މަތިން އެސޯސިއޭޝަނުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް ވަނީ ބަދަލުވެފަ އެވެ. ގިނަ ފަރާތްތަކުން މަގާމުން އިސްތިއުފާ ދިނީ ލަތީފްގެ ލީޑަޝިޕަށް ފާޑުކިއުމަށް ފަހު އެވެ. މަގާމުތަކުގައި މީހުން ހަރުނުލުމާ ބެހޭގޮތުން ލަތީފް މީގެ ކުރިން ވިދާޅުވީ އިސްތިއުފާދީފައި ދިޔަ މީހުންނަށް މަގާމުގެ ޒިންމާ އަދާނުކުރެވުނީ ކަމަށެވެ.

ފަހަކަށް އައިސް ލަތީފްގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވާއިދަށް ބަދަލު ގެނެސް ވޮލީގެ ލޯގޯ އަށް ވަނީ ބަދަލު ގެނެސްފައިވުމުންނެވެ. އަދި އެ ލޯގޯ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނީސް ވީއޭއެމުން ވަނީ ބޭނުންކޮށްފަ އެވެ. އަދި މީގެ އިތުރުން ގައުމީ ޓީމުތަކުގެ ނަތީޖާތަށް ފަހަކަށް އައިސް ދަށްވަމުންދިއުމާއި ރާއްޖޭގައި ބޭއްވޭ މުބާރާތްތަކުގެ ފެންވަރު ދަށްވުމުން ވޮލީ އާއިލާގެ ގިނަ ފަރާތްތަކުން ވަނީ ރާއްޖޭގެ ވޮލީގެ މިސްރާބާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ވޮލީބޯޅައިގެ ލީޑަޝިޕަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވަމުން އަންނައިރު، ވޮލީ އާއިލާގެ ގިނަ ފަރާތްތަކެއްގެ އިތުރުން ބައެއް ކުޅުންތެރިން ވަނީ ޝަކުވާތަކާ އެކުސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އަރިހަށް ގޮސްފަ އެވެ.