ވިކްޓްރީ އަށް ފައިސާ ހަމަޖެހިއްޖެ

މިދިޔަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ހަމަޖައްސަން ފައިސާ ލިބިފައިވާ ކަމަށާއި އިދާރީ ކަންކަން ނިންމައި މާދަމާގެ ނިޔަލަށް އެފްއޭއެމް އަށް ކްލަބް ލައިސަންސް ހޯދުމަށް ހުށަހެޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.


އެފްއޭއެމްގެ މި ފަހަރުގެ ގަވާއިދުގައިވާ ގޮތުން ލީގުގައި ވާދަކުރެވޭނީ އޭއެފްސީ ކްލަބް ލައިސަންސް ލިބޭ ޓީމުތަކަށެވެ. ވޭތުވެދިޔަ އަހަރުގެ ކުޅުންތެރިންގެ މުސާރަ ހަމަނުޖެއްސޭނަމަ ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަނުވާނެ އެވެ. ލައިސަންސް ހޯދުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ކަންކަން ނިންމަން އެންމެ ފަހުން އެފްއޭއެމުން ދިން މުއްދަތު ހަމަވާނީ މާދަމާ އެވެ.

ވިކްޓްރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވީ 2016 ވަނަ އަހަރު ކުޅުނު ޖަޕާން މިޑްފީލްޑަރު ޝިމޯނޯ އަށް ދޭން ޖެހޭ ފައިސާ ހަލާސްކޮށްފައިވާ ކަމަށާއި މިދިޔަ ސީޒަނުގެ މުސާރަ ނުލިބިގެން އެފްއޭއެމް އަށް ސިޓީ ލާފައިވާ 10 ކުޅުންތެރިންނާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެ ކުޅުންތެރިންނާ އެކު އެއްބަސްވެފައިވަނީ 50 ޕަސެންޓް މުސާރަ ވަގުތުން ދިނުމަށް ފަހު ބާކީ ބައި ޑޭޓެޑް ޗެކަކުން ހަމަޖައްސާށެވެ.

ނާޝިދު ވިދާޅުވީ ފައިސާ މިހާރު ލިބިފައިވާ ކަމަށާއި ދެން އޮތީ އިދާރީ ކަންކަން ފުރިހަމަކުރުން ކަމަށާއި މާދަމާގެ ނިޔަލަށް ހުރިހާ ކަމެއް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިކަމުގައި ލަސްވީ އެފްއޭއެމުން ދޭން އެއްބަސްވި ފައިސާ ނުލިބުމާއި ސްޕޯޓްސް މިނިސްޓްރީން ދޭ ފައިސާ ޖަމާވުން ލަސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓްރީން ދޭ އެހީ މިއަދު ނޫނީ މާދަމާ ޖަމަވާނެ ކަމަށްވެ އެެވެ.

"އެފްއޭއެމުން ކޮންގްރެސްގައި ވަނީ ކްލަބްތަކަށް ފައިސާ ދޭނެ ކަމަށް ބުނެފައި. އެ ފައިސާ ދޭން އަޅުގަނޑުމެން އެދުނިން. އެ ފައިސާ މިވަގުތު ދެވެން ނެތަސް، ސިޓީއެއް ދޭން ވެސް އެދުނިން. ކޮންމެ ގޮތެއް ވިޔަސް ކުޅުންތެރިންނަށް ވެސް ލިބޭ ޔަގީންކަމަކަށް ވާނެތާ އެފްއޭއެމްގެ ލިޔުމެއް އޮވެއްޖެ ނަމަ. އެކަމަކު އެކަން ހަމަނުޖެހި ދިޔައީ،" ނާޝިދު ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ކްލަބްތަކުން ލައިސަންސް ހޯދުމަށް ފުރިހަމަކުރަން ޖެހޭ 90 ޕަސެންޓް ކަންކަން ނިންމާފައިވާ ކަމަށާއި ދެން ހުރީ މާލީ ބައެއް ކަންކަމާއި މެޑިކަލް ކަންކަމެވެ. މާދަމާގެ ނިޔަލަށް އެކަންކަން ފުރިހަމަނުކުރާ ކްލަބްތަކަށް ބުރާސްފަތި ދުވަހު ފަށާ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ޖަވާ ވިދާޅުވި އެވެ. ސަބަބަކީ ލައިސަންސް ނެތި ކުޅުމުގެ ހުއްދަ އޭއެފްސީން ނުދިނުމެވެ.

މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. އެފްއޭއެމުން އޭރު ބުނީ ވިކްޓަރީ އަކީ ސަރުކާރު ކުންފުނިތަކުން ދިން ފައިސާ ބަރާބަރަށް ލިބުނު ކްލަބެއް ކަމަށާއި އެ ޓީމުން އޮތީ އެ ބޭނުންކުރުމުގައި އިހުމާލުވެފައި ކަމަށެވެ. ޑިސެމްބަރު މަހު ވިކްޓަރީއާ ހަވާލުވުމަށް ފަހު ނާޝިދު ވިދާޅުވީ "ކްލަބް އޮތީ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާފައި ކަމަށާއި އަމާޒަކީ ދަރަނިވެރިނުވެ ކްލަބް ހިންގުން" ކަމަށެވެ. އަދި ކުރިން ވިކްޓަރީ ހިންގި ފަރާތްތަކުން ކަންތައް ކޮށްފައިވާ ގޮތުން ކްލަބްގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައިކަން ވެސް ފާހަގަކުރެއްވި އެވެ.

މަޝްހޫރު ކުޅުންތެރިޔަކު ނެތި ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު ވިކްޓަރީން މި ސީޒަނަށް ތައްޔާރުވަމުން އަންނަނީ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުންނެވެ.

ވިކްޓްރީގެ ވާދަވެރި ނިއު ރޭޑިއަންޓް އަންނަ ސީޒަނުގައި ނުފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ޓީމަށް ފުރުސަތު ގެއްލުނީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ދިން ސަސްޕެންޝަން ދަމަހައްޓަން ކޮންގްރެސް އިން ނިންމާފައިވާތީވެ އެވެ. އެ ފައިސާތައް ދައްކައި މި ސީޒަނުގައި ވާދަކުރެވޭތޯ ކްލަބުން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އެހެންވެ މި އަހަރު މަސައްކަތްކުރާނީ އެ ފައިސާ ދެއްކުމަށް ފަހު އަންނަ އަހަރަށް ޓީމެއް ނެރެން ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.