ވޮލީގެ ނޯމަލައިޒިން ކޮމިޓީގެ ރައީސަކަށް އަބްދުﷲ އާމިރު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) މިހާރުގެ ހިންގާ ކޮމިޓީ އުވާލައި އެ އިދާރާ ހިންގުން ހަވާލުކުރި ނޯމަލައިޒިން ކޮމިޓީގެ ރައީސަކަށް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރަައީސް އަބްދުﷲ އާމިރު (އައްލޯ) ހަމަޖައްސައިފި އެވެ.


ވީއޭއެމްއާ ގުޅޭގޮތުން ހުށަހެޅުނު ގިނަ ޝަކުވާތަކެއްގެ މައްސަލަ ކޮމިޓީއެއް މެދުވެރިކޮށް މިދިޔަ މަހު 21 ވަނަ ދުވަހުން ފެށިގެން ބެލުމަށް ފަހު އެ އިދާރާގެ ހިންގުން ރަނގަޅުކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ވަނީ ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ އެވެ. ނޯމަލައިޒިން ކޮމިޓީން ވަނީ މިއަދު ވީއޭއެމްއާ ހަވާލުވެފަ އެވެ.

އެ ނޯމަލައިޒިން ކޮމިޓީން ވީއޭއެމްއާ ހަވާލުވުމަށް އިއްޔެ ސްޕޯޓްސް ކޮމިޝަނަރު އޮފީހުން އެންގިއިރު، އެކުލަވާލި ނޯމަލައިޒިން ކޮމިޓީގެ ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާ އެވެ.

ނޯމަލައިޒިން ކޮމިޓީއާ ހަވާލުކޮށްފައިވަނީ ވީއޭއެމްގެ ކަންތައްތައް ދުވަހުން ދުވަހަށް ބެލުމާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާހުކުރުމާއި ހިންގާ ކޮމިޓީގެ އިންތިހާބުގެ ކަންތައްތައް އަވަސްކުރުމެވެ. މި ޒިންމާތައް އަދާކުރުމަށް ނޯމަލައިޒިން ކޮމިޓީ އަށް ދީފައިވާ މުއްދަތަކީ ތިން މަސް ދުވަހެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ލަތީފް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. މިހާާރުގެ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފަށް އެ މަގާމު ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ.

ލަތީފުގެ ހިންގެވުމާ މެދު ހިތްހަމަނުޖެހި އެސޯސިއޭޝަނުގެ އެކި މަގާމުތަކުން މީހުން އިސްތިއުފާ ދެމުން އަ އެވެ. އެސޯސިއޭޝަންގެ މަގާމުތަކުގައި މީހުން ހަރުނުލާއިރު، ފަހަކަށް އައިސް ވިއޭއެމްގެ ލީޑަޝިޕަށް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އެކަމަކު ވީއޭއެމުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ވީއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރިިއިރު، ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ދާދި ފަހުން ވިދާޅުވި ގޮތުގައި ދުނިޔޭގެ ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ)ގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ވީއޭއެމްގެ ރައީސް ލަތީފާއި ސީނިއަ ނައިބު ރައީސް މުހައްމަދު ފަހުމީ މި ވަގުތު ހުންނެވީ ތައިލެންޑުގެ ބެންކޮކުގަ އެވެ.

ލަތީފް މި މަހު އަށް ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ބޮޑު ހީނާ އަށް ފޮނުއްވި ސިޓީގައި އެދިފައިވަނީ ވޮލީގައި މިހާރު ކުރެވެމުން އަންނަ އިސްލާހީ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި އެ އަށް ފަހު އަވަސް އިންތިހާބަކަށްދާނަމަ މަރުހަބާކިޔާނެ ކަމަށާއި ބާއްވާ އަވަސް އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުނުކުރާކަމަށެވެ.