އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް އަންނަ އަހަރު ރާއްޖޭގައި

އަންނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ އެވެ.


އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ބާއްވަން ރާއްޖޭން ކުރި ބިޑް ކާމިޔާބުވިކަން އިއުލާންކުރައްވައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓްރީއާ ގުޅިގެން މި މަސައްކަތް ކާމިޔާބުކުރަން ކުރި މަސައްކަތަށް އެސޯސިއޭޝަނުގެ ރައީސާއި އެގްޒެކެޓިވް ކޮމިޓީ އަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވަން ވެސް ބިޑްކުރަމުން މަސައްކަތްކުރަމުން އަންނައިރު، އެގޮތަށް ލިބޭ ފުރުސަތުގައި މުބާރާތްތައް ބާއްވާނީ މުޅި ރާއްޖެ އޭގެ ތެރޭގައި ޝާމިލުވެވޭ ގޮތަކަށް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގަ އެވެ.

އޭޝިއަން ބޮޑީބިލްޑިން މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން ރާއްޖޭގެ ޝާހީން އިބްރާހިމް ދީދީ ވަނީ 2017 ވަނަ އަހަރު ރަން މެޑަލް ހޯދައި އޭޝިއާގެ ކުޅިވަރު މުބާރާތަކުން ފުރަތަމަ ފަހަރަށް ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދައިދީފަ އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ މުބާރާތުގައި 160 ސެންޓިމީޓަރު ފިޓްނަސް ކެޓަގަރީން އޭނާ ލޯ މެޑަލް ހޯދި އެވެ. މީގެ އިތުރުން ދެކުނު އޭޝިއާގެ މުބާރާތްތަކުން ރަން، ރިހި އަދި ލޯ މެޑަލް ރާއްޖޭން ވަނީ ހޯދައިފަ އެވެ.