ދެ އިވެންޓަކުން ބެޑްމިންޓަން ޓީމު ކުއާޓާ އަށް

މިހާރު ކުރިއަށްދާ ފްލީޓް މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އާއި ވިމެން ޑަބަލްސް ބައިން ރާއްޖޭގެ ތިން ޕެއާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


މިއަދު ކުޅޭ ކުއާޓާ ފައިނަލު މެޗުތަކުގައި މިކްސް ޑަބަލްސް އިވެންޓު ކުއާޓާ ފައިނަލުގައި ވާދަކުރާނީ ރާއްޖޭގެ ނީލާ ނަޖީބާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ އެވެ. އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ދެ ޕެއާ ކުޅޭނެ އެވެ. އެއީ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ އިތުރުން ނީލާ އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ އެވެ.

ނަޝީއު އާއި ނީލާގެ ޕެއާ ކުއާޓާ އިން ފުރުސަތު ހޯދީ ފުރަތަމަ ބުރުގައި މޮރިޝަސްގެ ކިމް ލީ އާއި ޝެރޮންގެ ޕެއާގެ މައްޗަށް 21-10، 21-08 އިން ކުރިހޯދައިގެންނެވެ. ދެ ވަަނަ ބުރުގައި ވަނީ މޮރިޝަސްގެ ލި ޔޮކް އާއި ޝާނިއާ ލިޔޮންގެ ޕެއާ އަތުން 21-19، 21-09 އިން ކުރިހޯދައިފަ އެވެ. މިއަދު ކުޅޭ ކުއާޓާ ފައިނަލުގައި ނަޝީއު އާއި ނީލާ ނުކުންނާނީ މި މުބާރާތުގައި ތިން ވަނަ އަށް ސީޑުކޮށްފައިވާ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ އެމެރިކާގެ ހޮވާޑް އާއި ޕައުލާ ލީންގެ ޕެއާއާ ދެކޮޅަށެވެ.

އަންހެން ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާގެ ޕެއާ ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ މޮރިޝަސްގެ ޖެމީމާ އާއި ގަނޭޝާގެ ޕެއާ އަތުން 21-17، 21-23 އަދި 21-09 އިން މޮޅުވެގެންނެވެ. އަދި ނީލާ އާއި މައިސާގެ ޕެއާ ފުރަތަމަ ބުރުގައި މޮޅުވީ މޮރިޝަސްގެ ހޫލާ ޝަބްނީޒް އާއި ޝެރޮން ޔަން އަތުން 21-08، 21-09 އިންނެވެ.

ކުއާޓާ ފައިނަލުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ނުކުންނާނީ މި ބައިން އެއް ވަނަ އަށް ސީޑްކޮށްފައިވާ މިސްރުގެ ދޯހާ ހާނީ އާއި ހާދިޔާ ހުސްނީއާ ދެކޮޅަށެވެ. އަދި ނީލާ އާއި މައިސާ ބައްދަލުކުރާނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ އޯރެލީ މާރިއާ އަދި ކޮބިތާ ދޫކީއާ ދެކޮޅަށެވެ.

އަންހެން ސިންގަލްސް އިން ނީލާ އާއި ނަބާހާ ބަލިވީ ދެ ވަނަ ބުރުންނެވެ. ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ ވަނީ ފުރަތަމަ ބުރުން ބަލިވެފަ އެވެ. އަދި ފިރިހެން ޑަބަލްސް ބައިގައި ރާއްޖޭގެ ހަތަރު ޕެއާ ވަނީ ދެ ވަނަ ބުރުން ބަލިވެފަ އެވެ.

މޮރިޝަސް މުބާރާތަށް ފަހު ބެޑްމިންޓަން ޓީމު ހޯމަ ދުވަހު މާލެ އައިސް އަންނަ މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެ ޓީމުގެ ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމަށް 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި އިރުޝާދުދިން ކޯޗު ސުން ހަން ކުކްގެ ބެލުމުގެ ދަށުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މިއީ އައިއޯއައިޖީން ރަން މެޑަލެއް ހޯދަން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.