ވިކްޓްރީ ބަލިކޮށް ޗެމްޕިއަން ޓީސީ އަށް ފަސޭހަ ފެށުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ވިކްޓްރީގެ މައްޗަށް 4-0 އިން ކުރިހޯދައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.


މިއަދުގެ މެޗަށް ނުކުތްއިރު ޓީސީ އަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިނުމަށް ދެ ލެގުގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ވިންގް މުސްތަފާ ކަހުރަބާ އާއި ނޭޕާލްގެ ތަރި ބިމަލް ގާތީ މަގަރު އަތުގައި ވޯކް ވިސާ ނެތުމުގެ ސަބަބުން ނުކުޅެވުނެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅުނީ އިބްރާހިމް އަތީގް (އިއްބެ) އާއި އިބްރާހިމް ސަފްރާޒް (ޝަފްލޭ) އެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް ބުނީ ބިދޭސީ ކުޅުންތެރިން ނުލައި ކުޅެން ޖެހުމުން ޓީމު ރަނގަޅަށް ކުޅެން އުނދަގޫތަކެއް ދިމާވި ކަމަށާއި އެކަމަކު ޖުމްލަކޮށް ބަލާއިރު ކުޅުންތެރިން ބެލީ ޓެކްޓިކްސްތަކާ އެއްގޮތަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ކަމަށެވެ.

"ބިދޭސީ ކުޅުންތެރިން ނެތީމަ ޓީމުގެ ކޮމްބިނޭޝަންތަކާ ހުރިހާ ކަމެއް ސެޓްކޮށްލަން އުނދަގޫތަކެއްވި. އެކަމަކު ޖުމްލަކޮށް ފުރުސަތުދިން ހުރިހާ ކުޅުންތެރިން ވެސް ރަނގަޅަށް ކުޅުނު. ތިން ޕޮއިންޓް ލިބުމުން އެ ހިތްހަމަޖެހުން އެބައޮތް،" އާތީ ބުންޏެވެ.

ޒުވާން ކުޅުންތެރިންތަކަކާ އެކު ކުޅޭ ވިކްޓްރީގެ ލިސްޓުގައި ބިދޭސީ ކުޅުންތެރިން ޖަހާފައިވީ ނަމަވެސް އެެއްވެސް ކުޅުންތެރިއަކު އަދި ޓީމާ ނުގުޅެ އެވެ. އެހެންކަމުން މިއަދުގެ މެޗުގައި ދެ ޓީމުން ވެސް ފެނުނީ މުޅިން ދިވެހި ކުޅުންތެރިންނެވެ. ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު އިބްރާހިމް ނޫރައްދީން (އެންޑިން) އެވެ.

މެޗު ފަށައިގެން ޓީސީން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ވިކްޓްރީންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޓީސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ވިކްޓްރީގެ ޒާހިދު އިބްރާހިމް ޖެހި ބޯޅައިގައި ބާރެއް ނެތްއިރު، ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ.

ޓީސީ އަށް ލިބުނު ފުރަތަމަ ހުސް ފުރުސަތުގައި މެޗުގެ 17 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޝަފްލޭ އެވެ. މުހައްމަދު ސާމިރު ހުސްކޮށްލާފައި ދިން ބޯޅަ ޝަފްލޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ފަހުން ދެ ވަނަ ލަނޑެއް ޖަހަން އިސްމާއިލް އީސަ އަށް ހުސް ދެ ފުރުސަތެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.

ލަނޑު ޖެހުމަށް ފަހު ޓީސީގެ އަތީގް (ކ) އާއި ޝަފްލޭ އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. އީސަ ނަަގައިދިން ކޯނަރަކުން ޓީސީގެ ލީޑުފުޅާކޮށްދިނީ ޝަފްލޭ އެވެ. އޭނާ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ކުރިން ޝަފްލޭ އަތުން ވަނީ ރަނގަޅު ފުރުސަތެއް ގެއްލިފަ އެވެ. ޓީސީގެ ތިން ވަނަ ލަނޑު ޖެހީ އީސަ ދިން ފުރަސަތަކުން މުހައްމަދު އަޖުފާން އެވެ. ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ އަޖުފާން ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ޓީސީން ކުރިއަށް ޖެހިގެން ވިކްޓްރީ ހާފް ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޓީސީން ވަނީ ޝަފްލޭގެ ބަދަލުގައި އިޝާން އިބްރާހިމް (ސައްޓު) ކުޅެން އަރުވައިފަ އެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ޖެހީ އަތީގް އެވެ. އޭރިއާތެރެއިން އަތީގް ފޮނުވާލި ބޯޅަ ވިކްޓަރީ ކުޅުންތެރިއަކު ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ފުރަތަމަ ޑިވިޝަނަށް ވެސް އާ ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ކުޅެމުން ދިޔަ ވިކްޓަރީ އަށް ދެ ވަނަ ހާފްގައި ވެސް ލަނޑު ޖަހަން ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން ޒާހިދަށް ލިބުނު ދެ ބޯޅަ ވެސް އޭނާ އަށް ގޯލާ ސީދާކޮށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާހުރި މަދު ކުޅުންތެރިންނާއި މުޅިން އަލަށް ގަލޮޅު ދަނޑުގައި ކުޅުނު ކުޅުންތެރިން ގޮވައިގެން މި މެޗުގައި އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުމުންނާއި ވަޒީފާތަކުން ރިލީޒް ނުލިބި ތިބި ކުޅުންތެރިން ޓީމާ ގުޅުމުން ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުވާނެ ކަމަށެވެ.

ލީގުގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ށ. ފޯކައިދޫ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. މެޗުގެ ކުރިން މި މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.