ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ އަށް ލޯ މެޑަލް

ފްލީޓް މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ލޯ މެޑަލް ހާސިލްކޮށްފި އެވެ.


ނަބާހާ އާއި ނަބީހާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ ކުއާޓާގައި މުބާރާތުގެ އެއް ވަނަ އަށް ސީޑްކޮށްފައިވާ މިސްރުގެ ދޯހާ ހާނީ އާއި ހާދިޔާ ހުސްނީ ބަލިކުރުމަށް ފަހު އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-17، 21-23 އަދި 21-09 އިންނެވެ. ނަބީހާ އާއި ނަބާހާ އަތުން ބަލިވި މިސްރުގެ ޕެއާ އަކީ ދުނިޔޭގެ ރޭންކިންގެ ޑަބަލްސް ބައިގައި 70 ވަނައިގައި އޮތް ޕެއާ އެވެ. އެ ދެ ޕެއާ އަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މުބާރާތްތަކުގައި ރެކޯޑް ރަނގަޅު ޕެއާ އެކެވެ. ނަބީހާ އާއި ނަބާހާގެ ދުނިޔޭގެ ރޭންކިން އަކީ 186 އެވެ.

ސެމީ ފައިނަލުގައި ނަބާހާ އާއި ނަބީހާ ބަލިވީ މެލޭޝިއާގެ ކަސްތޫރީ ރާދަކްރިޝްނަން އާއި ވެނޯޝާ ރާދަކްރިޝްނަން އަތުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11، 21-13 އިންނެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތްތަކުން މިދިޔަ ތިން އަހަރެއްހާ ދުވަސްތެރޭ ނަބާހާ އާއި ނަބީހާ އަންހެން ޑަބަލްސް އިވެންޓުން ހާސިލްކުރި ފަސް ވަނަ މެޑެއްޔެވެ. މިދިޔަ ދެ އަހަރުގެ ސައުތު އޭޝިއަން ޔޫތު ބެޑްމިންޓަން މުބާރާތުން ރިހި މެޑަލް ހާސިލްކުރިއިރު، މިދިޔަ އަހަރު ޖޫން މަހު އޮތް މޮރިޝަސް މުބާރާތުން ވެސް ރިހި މެޑަލް ހޯދި އެވެ. އަދި ނޭޕާލުގައި މިދިޔަ ޑިސެމްބަރު މަހު އޮތް ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުން ވެސް ލޯ މެޑަލް ހާސިލްކުރި އެވެ.

މޮރިޝަސް މުބާރާތުގެ ކުއާޓާ ފައިނަލުގެ އަންހެން ޑަބަލްސްގައި ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ މައިސާ ފަތުހުﷲ އާއި ނީލާ ނަޖީބު ވަނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ އޯރެލީ މާރިއާ އާއި ކޮބިތާ ދޫކީގެ ޕެއާ އަތުން ބަލިވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-18، 14-21 އަދި 21-10 އިންނެވެ.

މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ނީލާ އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ ބަލިވީ މި މުބާރާތުގައި ތިން ވަނަ އަށް ސީޑުކޮށްފައިވާ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ އެމެރިކާގެ ހޮވާޑް އާއި ޕައުލާ ލީންގެ ޕެއާ އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-13، 21-12 އިންނެވެ.

މޮރިޝަސް މުބާރާތަށް ފަހު ބެޑްމިންޓަން ޓީމު މާދަމާ މާލެ އައިސް އަންނަ މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެ ޓީމުގެ ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމަށް 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި އިރުޝާދުދިން ކޯޗު ސުން ހަން ކުކްގެ ބެލުމުގެ ދަށުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މިއީ އައިއޯއައިޖީން ރަން މެޑަލެއް ހޯދަން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.