ދީމާ ޗައިނާގައި މަތީ ފަންތީގެ ތަމްރީންތަކެއް ހަދަނީ

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ހަމަޖައްސަވައިދެއްވި ހާއްސަ ފުރުސަތެއްގެ ދަށުން ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެ ކުޅިވަރުގެ ދުނިޔޭގެ އެއް ވަނަ ގައުމު ކަމަށްވާ ޗައިނާގެ ނަންޖިންގައި، އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ބެލުމުގެ ދަށުން ޕްރައިވެޓް ތަމްރީންތަކެއް ފަށައިފި އެވެ.


މިއީ މިދިޔަ މަހު އޮތް އޭޝިއަން ޓޭބަލް ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި ޓޭބަލް ޓެނިހުން ރާއްޖެ އަށް އޭޝިއާގެ މުބާރާތަކުން މެޑެއްޔެއް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ދީމާ ހޯދުމުން ދިން ފުރުސަތެކެވެ.

ދީމާ އަށް ކޯޗުކޮށްދީ އޭނާއާ އެކު މެޗުތައް ކުޅެމުން އަންނަނީ ޗައިނާގެ އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ޒާއޯ ޔާން އެވެ. ޕްރޮފެޝަނަލް ތަމްރީންތައް 10 އަހަރު ހަދާފައިވާ ޒާއޯ ވަނީ ޗައިނާ ގައުމީ ޓީމަށް ކުޅެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ.

"ވަރަށް މަތީ ފަންތީގެ ތަމްރީން ޕްރޮގްރާމެއް މިއީ. ޗައިނާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔެއްގެ ޕްރައިވެޓް ކޯޗިންއާ އެކު ދީމާ އަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ. މިއީ ސްޕޯޓްސް މިނިސްޓަރު ހޯދައިދެއްވި ހާއްސަ ފުރުސަތެއް،" ޓީޓީ އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވި އެވެ.

ބޭނުމަކީ އަންނަ މަހު އޮމާނުގައި ބާއްވާ ވޯލްޑް ހޯޕްސް މުބާރާތަށާއި މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމެވެ. މީގެ ތެރެއިން އައިއޯއިޖީ އަށް ރާއްޖޭގެ ގައުމީ ސްކޮޑުގެ އެހެން ކުޅުންތެރިން އަންނަނީ މާލޭގައި ތަމްރީން ހަދަމުންނެވެ. އަދި އެ ކުޅުންތެރިންނާ އެކު އިންޑިއާގެ ނެޝަނަލް ބީ ލެވެލްގެ ކުޅުންތެރިންތަކެއް މިވަގުތު އަންނަނީ މާލޭގައި ތަމްރީން މެޗުތަކެއް ކުޅެމުންނެވެ. އެއަށް ފަހު ޖުލައި 1-10 އަށް އިންޑިއާގެ އެއް ވަނަ އެކަޑަމީ ކަމަށްވާ ހަރްޔާނާގެ ޕިނޭކަލް އެކަޑަމީގައި ހާއްސަ ތަމްރީންތަކެއް ހަދާނެ އެވެ.

ރާއްޖޭގެ ކުޅުންތެރިންގެ ދީމާ އައިއޯއައިޖީ ނިންމާލުމަށް ފަހު ސީދާ މޮރިޝަސް އިން ދާނީ ވޯލްޑް ހޯޕްސްގައި ވާދަކުރަން އޮމާނަށެވެ. އޭނާ އަށް ވޯލްޑް ހޯޕްސް އިން ފުރުސަތު ލިބުނީ އޭޝިއާ މުބާރާތުގެ ގަދަ ދެ ކުޅުންތެރިންގެ ތެރޭ ހިމެނުމުންނެވެ. އަދި އޭޝިއާ މުބާރާތަށް ކޮލިފައިވީ މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއާ އެކު ދީމާ ވެގެންދިޔައީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް ޓޭބަލް ޓެނިހުން، އެއްވެސް ކެޓަގަރީއަކުން ރަން މެޑެއްޔެއް ހޯދައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

ދީމާ ވަނީ މާލޭގައި މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 12 އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ. އަދި އޭނާ ހިމެނިގެން ރާއްޖޭގެ އަންހެން ޓީމުން ވަނީ ޖޫނިއާ ކެޓަގަރީންނާއި ކެޑޭޓް ކެޓަގަރީން ލޯ މެޑެޔެއް ވެސް ހޯދި އެވެ.

މި އަހަރުގެ ގައުމީ ޓީޓީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއާ އެކު ސްވިޑަންގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޮތް ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޭނާ ވާދަކުރީ އެ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ލަންކާގައި އުފަންވި ދީމާ އޭނާއާ އެކު އާއިލާއާ އެކު މިދިޔަ އަހަރާ ހަމަޔަށް ވެސް ދިރިއުޅެމުން އައީ ލަންކާގަ އެވެ. އޭނާ ލަންކާގައި ހޯދި ކާމިޔާބީތަކާ އެކު ލަންކާ ގައުމީ ޓީމަށް ކުޅެން ވެސް ދައުވަތު ދިނެވެ. އެކަމަކު އޭނާގެ މަންމަ އާއި ބައްޕަ ނިންމީ ރާއްޖެ އަށް ކުޅުވާށެވެ.

އޭނާ ވަނީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދައިފަ އެވެ. މުޅި ލަންކާ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި، ލަންކާގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 208 ކުޅުންތެރިން ބައިވެރިވި 10 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ އޭނާ އަށް ވުރެ ދެ އަހަރު ދޮށީ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.