ޔުއެފާ މުބާރާތް އައްޑޫގައި ބާއްވަން މަޝްވަރާކޮށްފި

ޔުއެފާގެ އެހީގައި އެފްއޭއެމުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން 15 އަހަރުން ދަށަށް ހާއްސަކޮށްގެން ޖުލައި މަހު ބާއްވާ ފުޓްބޯޅަ މުބާރާތް އައްޑޫގައި ކުރިއަށްގެންދިއުމަށް މަޝްވަރާކޮށްފި އެވެ.


ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ކުޅޭނީ ބޫޓާނާއި ސައުދީ އަރަބިއާގެ އިތުރުން ލެޓްވިއާ އެވެ. މީގެ ކުރިން މި މުބާރާތުގައި ކުޅެން ސްރީ ލަންކާ ވެސް ބޭނުންވި ނަމަވެސް ފަހުން އެ ޓީމު ބައިވެރިނުވެ އެވެ. މިއީ ބޭރުގެ ގައުމުތަކާ އެކުގައި ރާއްޖޭގައި ރަސްމީ ފެންވަރެއްގައި ބޭއްވޭ އެންމެ ބޮޑު ޔޫތު މުބާރާތެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ޔުއެފާއާ ގުޅިގެން ބާއްވާ ޔޫތު މުބާރާތް އައްޑޫގައި ބޭއްވުމުގެ ގޮތުން އެކި އިދާރާތަކާ އެކު ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކާ އެކު ދެން ހުރި މުހިއްމު ކަންތައްތަކާ ބެހޭގޮތުން ކުރިއަށް ދުވަސްތަކުގައި ވާހަކަދައްކައި ގޮތެއް ނިންމަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި މި މުބާރާތް ބޭއްވުމުގެ ގޮތުން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެފްއޭއެމްގެ އިތުރުން ބައިވެރިވީ އައްޑޫ ސިޓީ ކައުންސިލާއި ސްޕޯޓްސް މިނިސްޓްރީ، ޕޮލިސް، އެމްއެންޑީއެފް އަދި އެމްޕީއެލް އެވެ. މުބާރާތް ތާވަލުކޮށްފައިވަނީ އަންނަ މަހު 20 ވަނަ ދުވަހު ފަށާ ގޮތަށެވެ.

މީގެ ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) "މިހާރަ"ށް ވިދާޅުވީ މިއީ އެފްއޭއެމުން ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކޮށްގެން ޔުއެފާއާ މަޝްވަރާކޮށް ހޯދި މުބާރާތެއް ކަމަށާއި މި މުބާރާތުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަށް ފުރުސަތުތަކެއް ލިބިގެންދިއުމަކީ ޔޫތު ފުޓްބޯޅަ އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ.

އެފްއޭއެމުން ވަނީ ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް ދެ އަހަރުގެ ޕްލޭނެއްގެ ދަށުން އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ޔޫތު ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ކުރީގެ އެއް ވަނަ ކުޅުންތެރިއާ އިސްމާއިލް އާސިފް (ކުޑަހީނާ) ހަމަޖައްސައިފަ އެވެ. ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާއާ ހަވާލުކުރިއިރު، ޖުލައި މަހު ބާއްވާ މުބާރާތުގައި ވެސް ކުޑަހީނާ ޓީމު ތައްޔާރުކުރުމުގައި އެހީތެރިވާނެ އެވެ.

ކުލަބު މޯލްޑިވްސް އިން ވަނީ 2017 ވަނަ އަހަރު ބޭރުގެ އެކެޑަމީތަކަށް ދައުވަތު ދީގެން 16 އަހަރުން ދަށަށް ހާއްސަކޮށްގެން އިންވިޓޭޝަނަލް ކުލަބު މުބާރާތެއް ރާއްޖޭގައި ބާއްވާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ރާއްޖޭގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އެވެ. އީޓީއެފްއޭ އަކީ ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ހިންގާ އެކެޑަމީއެކެވެ. އެ ފަހަރު އެ ޓީމުގެ ކޯޗަކަށް ހުރީ ކުޑަހީނާ އެވެ.

ރާއްޖޭގައި މީގެ ކުރިން ބޭއްވި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތައް އައްޑޫގައި ކުޅުނެވެ. އެއީ 2014 ވަނަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތަކެވެ. އޭގެ ފަހުން 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ވެސް އައްޑޫގައި ކުޅުނެވެ. އަދި އެ މުބާރާތުގެ ފައިނަލް ވެސް އޮތީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.

މި އަހަރުގެ ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އައްޑޫގަ އެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސެއް އެޅުމުގެ މަސައްކަތް ދާދި ފަހުން ވަނީ ފަށައިފަ އެވެ.