ވޮލީ ޓީމުގެ މެނޭޖަރުކަމުން ޑިލައިޓް އައްޔަ އިސްތިއުފާދީފި

ފާއިތުވި އަހަރުތަކުގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމު ފުރަމުން އައި އަލީ ލަތީފް (ޑިލައިޓް އައްޔަ) މަގާމުން އިސްތިއުފާ ދީފި އެވެ.


ޑިލައިޓް އައްޔަ އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އެކި ކޯޗުންނާ އެކު ގައުމީ ޓީމުގައި މަސައްކަތްކުރަމުންނެވެ. އޭނާ މަގާމުން ވަކިވިއިރު، ގައުމީ ވޮލީބޯޅަ ޓީމު އަންނަނީ އަންނަ މަހު 19-29 އަށް މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވަމުންނެވެ.

ވީއޭއެމްގެ ރައީސް ކަމުގައި މުހައްމަދު ރިޔާޒް ހުންނެވިއިރު މަގާމާ ހަވާލުވި ޑިލައިޓް އައްޔަ ވަނީ ފަހުން އިންތިހާބުވި މުހައްމަދު ލަތީފްގެ ދައުރުގައި ވެސް މަގާމު ދަމަހައްޓައިފަ އެވެ. އަދި ލަތީފްގެ ދައުރުގައި އޭނާ ވަނީ ވީއޭއެމްގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އެ ގޮތުން ގައުމީ ވޮލީބޯޅަ ޓީމުގެ ކަންތައްތައް ހަމަޖެއްސުމަށް އެކުލަވާލި ކޮމިޓީގައި ވެސް އޭނާ ހިމެނެ އެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީގެ އިސް މަގާމެއް ވެސް ފުރި އެވެ.

ޑިލައިޓް އައްޔަ މަގާމުން އިސްތިއުފާ ދީފައި މިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފައިވަނިކޮށެވެ. ނޯމަލައިޒިން ކޮމިޓީއަކާ ވީއޭއެމް ހިންގަން ހަވާލުކުރަން ނިންމީ އެ އެސޯސިއޭޝަނާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުށަހެޅުމުން އެ މައްސަަލަ ބެލުމަށް ފަހު އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދިނީ ވީއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރުމުން ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ފަހު އެވެ.

2016 ވަަނަ އަހަރުގެ އޭވީސީ މުބާރާތުގެ ތިން ވަނަ ހޯދި ޓީމާ އެކު އައްލާ (ކ.2) ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: މިހާރު

ޑިލައިޓް އައްޔަ މެނޭޖަރުގެ މަގާމުގައި ހުރިއިރު ގައުމީ ވޮލީ ޓީމު ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން އިންވިޓޭޝަނަލް މެންސް ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ހޯދި އެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި އޭވީސީ ސެންޓަރަލް ޒޯން މުބާރާތުގެ ރަނަރަޕް ދިޔަ އެވެ. އަދި 2016 ވަނަ އަހަރު ޑާކާގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ހޯދި އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ނަތީޖާ ދަށެވެ.

ގައުމީ ޓީމަށް އައި އެކި ކޯޗުންނާ އެކު ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ތައިިލެންޑުގެ ސުންޓޮން ފޮސީޓާ އާއި ރާއްޖޭގެ ދެ ކޯޗުން ކަމަށްވާ މުހައްމަދު ޝަރަފާއި މުހައްމަދު ސާޖިދު (ކާއްޓޭ) އަދި ސްރީ ލަންކާގެ ކޯޗު ކުމާރް ވެންޑަކޫން ހިމެނެ އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ޑިލައިޓް އައްޔަ ވަނީ ވޮލީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ.