އީގަލްސް އަތުން ޓީސީ ފަހު ވަގުތު ސަލާމަތްވެއްޖެ

އިތުރު ވަގުތުގައި ނޭޕާލްގެ ފޯވާޑް ބިމާލް ގާތީ މަގަރް ޖެހި ގޯލުން ކްލަބް އީގަލްސް ކައިރިން ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ބަލިނުވެ ސަލާމަތްވެއްޖެ އެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.


މިރޭގެ މެޗަށް ނުކުތްއިރު މިއީ އީގަލްްސް އަށް ސީޒަނުގެ ފުރަތަމަ މެޗެވެ. އަނެއްކޮޅުން މި ފަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ވަނީ މިހާތަނަށް ތިން މެޗު ކުޅެފަ އެވެ. އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ރަނގަޅު ޕްރީ ސީޒަނެއް ނުލިބި، އެކުވެރިކަމުގެ މެޗެއް ވެސް ނުކުޅެވުމުން ފުރަތަމަ މެޗަށް އައިއިރު ކުޅުންތެރިންގެ ފިޓްނަސް ހުރީ އެންމެ ރަނގަޅު ލެވެލްގައި ނޫން ކަމަށާއި އެކަމަކު ތިން މެޗު ކުޅެފައި އޮތް ޓީސީ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ހަމައެކަނި ދެރަ އަކީ އަތުގައި އޮތް ތިން ޕޮއިންޓް ގާތްގަނޑަކަށް މި ގެއްލިގެން ދިޔައީ. މި ކަހަލަ ލީގެއްގައި އުނދަގޫވާނެ މި ގޮތަށް ޕޮއިންޓް ގެއްލިގެން ދަންޏާ،" ކުރިން ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.

ޓީސީން މި މެޗަށް ނުކުތްއިރު އޮތް ހިތްހަމަޖެހުމަކީ ވިސާ މައްސަލަ ޖެހިގެން، އެންމެ ފަހުން މެޗުގައި ނުކުޅެވުނު ތިން ބިދޭސީ ކުޅުންތެރިންނަށް މި މެޗުގައި ކުޅެވުމެވެ. އެކަމަކު މެޗު ފަށައިގެން އެ ޓީމަށް އެހާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވި އެވެ.

އީގަލްސް އިން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު މެޗުގެ 11 ވަނަ މިނިޓްގައި އެ ޓީމުގެ އަލީ ފާސިރު (ސެންޓޭ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މުހައްމަދު ނާއިމް ދިން ބޯޅައަކުން އޭރިއާ ތެރެއިން ސެންޓޭ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ޓީސީން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 24 ވަނަ މިނިޓްގައި ބިމަލް އެވެ. އޭނާ ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން މުހައްމަދު އައްޒާމް އޭރިއާތެރެއިން މުޅިން ހުސްކޮށް ވަދެ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ޓީސީގެ އައްޒާމު (ވ) ކައިރިން އީގަލްސްގެ އުމަރުޔޯނޯފް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 29 ވަނަ މިނިޓްގައި އީގަލްސްގެ ސެންޓޭ ހިލޭ ޖެހުމަކުން ޖެހި ބާރު ބޯޅަ ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ޓީސީން ވަނީ އައްޒާމުގެ ބަދަލުގައި އަހުމަދު ރިލްވާން (ބެން) ކުޅެން އަރުވައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 61 ވަނަ މިނިޓްގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އުމަރުޔޯނޯފް އަކްރޯފް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ފަހުން އީގަލްސްގެ އޭރިއާތެރެއިން ބްލޮކްވި ދެ ބޯޅައެއްގައި އީގަލްސް ކުޅުންތެރިއަކު އަތުގައި ޖެހުނު ކަމަށް ބުނެ ޓީސީން އެޕީލްކުރި ނަމަވެސް ރެފްރީ ޕެނަލްޓީ ނުދެ އެވެ.

އީގަލްސް އިން ވަނީ މެޗުގެ ފަހު 25 މިނިޓަށް ހަސަން ރާއިފް (ހަންނަ) ކުޅެން އަރުވައިފަ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި އީގަލްސްގެ އަބްދުﷲ ސަމީހު (ސަމިއްޓެ) ނަގައިދިން ހުރަހަކުން އަހުމަދު ރިޒުވާން (ރިޒޭ) ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިންނެވެ.

އީގަލްސް އަށް ލީޑުނަގައިދިން ގޯލު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު އަތުން ގެއްލުނު ބޯޅައެއް ހޯދައި ހަންނަ ހުސްކޮށްލާފައި ސެންޓޭ އަށް ދިނުމުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ލީޑުފުޅާކޮށްދޭން ސެންޓޭ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނިޓްގެ ތެރެއިން ފަހު މިނިޓްގައި ބިމަލް ޓީސީ އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ސާމިރު ނަގައިދިން ހުރަހަކުންނެވެ. ކީޕަރު ސުޖަން އަށް ލިބުމުގެ ކުރިން ބިމަލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ދެ ޓީމުގެ ފަރާތުން ވެސް މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި ޓީސީ އަށް ދިމާވީ ފިޓްނަސްގެ މައްސަލަ ކަމަށެވެ. އަދި އެކަން ރަނގަޅުކުރެވޭނީ މެޗުތައް ކުޅެވެމުންދާ ވަރަކަށް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެކަންތައްތައް ރަނގަޅުކުރާނެ ކަމަށެވެ.

ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހާއި ހޯމަ ދުވަހު އެވެ. ހޯމަ ދުވަހު ހަވީރު ދަ ގްރާންޑޭ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ އީގަލްސްއާ އެވެ.