މޯހަން ކޯހުގައި، ނިމާ އީގަލްސް ލީޑުކުރަނީ

ފުޓުބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް، އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށް ރާއްޖޭގެ ކާމިޔާބު ކޯޗު އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) މި ވަގުތު ރާއްޖޭން ބޭރުގައި ހުރުމުން ކުރިއަށް ހުރި އެ ޓީމުގެ މެޗުތަކުގައި ޓީމު ލީޑުކުރުމުގެ ޒިންމާއާ އަހުމަދު ނިމާދު (ނިމާ) ހަވާލުވެއްޖެ އެވެ.


ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޯ ލައިސަންސް ކޯޗިން ކޯހުގެ ފުރަތަމަ ބައި މޯހަން ފުރިހަމަކުރީ މިދިޔަ ފެބްރުއަރީ މަހުގައި ތައިލެންޑުގަ އެވެ. ދެ ވަނަ ބައި ފުރިހަމަކުރަން ޖަޕާނަށް ދިޔައީ ލީގުގައި ޓީސީ އާއި އީގަލްސް މިދިޔަ ބުރާސްފަތި ދުވަހު 1-1 އިން އެއްވަރުވި މެޗަށް ފަހު އެވެ.

މޯހަންގެ ކޯސް ފުރިހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ. މިދިޔަ އަހަރު އީގަލްސްއާ ހަވާލުވެ މޯހަން ވަނީ އެ ޓީމަށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދައިދިނުމުގެ އިތުުރުން ޕްރިމިއާ ލީގުގެ ތިން ވަނައިގައި ނިންމާލައިފަ އެވެ. ނިއު ރޭޑިއަންޓާ އެކު ކާމިޔާބީތަކެއް ހޯދައި އޭގެ ފަހުން ވެލެންސިއާ، އދ. މަހިބަދޫ އަދި ދ. ކުޑަހުވަދު އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން މޯހަން އަކީ ޕްރޯ ލައިސަންސް ނަގާ ދިވެހި ދެ ވަނަ ކޯޗެވެ. އެ ލައިސަންސް އެންމެ ފުރަތަމަ ނެގީ އެފްއޭއެމްގެ ކޯޗިން އެޑިއުކޭޝަންގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ބީޖީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

މާދަމާ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ މެނޭޖަރު މުހައްމަދު އިނާން ބުނީ ކޯޗު މޯހަން ޓީމާ ދުރުގައި މި ވަގުތު ހުރުމުން ޓީމު ލީޑުކުރާނީ އެސިސްޓެންޓުންގެ ތެރެއިން ނިމާ ކަމަށެވެ.

"މި ވަގުތު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ތިބި ކޯޗިން ޓީމުން ޓްރެއިނިންތައް ކުރިއަށްގެންދާނީ. ނިމާ މީގެ ލީޑުކުރާނީ. ކޯޗު (މޯހަން) ހުރިހާ ވަގުތެއްގައި ވެސް ވާހަކަ ދައްކަމުން މި އަންނަނީ. އަބަދުވެސް ކޯޗުގެ އެހީތެރިކަން ލިބޭނެ." އިނާން ބުންޏެވެ.

އީގަލްސްގެ މެޗެއްގެ ތެރެއިން މޯހަން: ކުރިއަށް އޮތް ތިން މެޗުގައި ބެންޗުން ނުފެންނާނެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ މާދަމާ ރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ޓީމަކީ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ވަރަށް ވަރުގަދަ ޓީމަކަށް ވުމުން މެޗު ފަސޭހަނުވާނެ ކަމަށެވެ.

މީގެ ކުރިން ވެސް އީގަލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ނިމާ އަށް އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާނެ އެއް ކޯޗަކީ ޔޫތު ލެވެލްގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ޒުވާން ކޯޗު އަދި ގައުމީ 15 އަހަރުން ދަށުގެ ޓީމުގެ ވެސް އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު (ކަކާ) އެވެ.

މޯހަން އަށް މިހާރު އޮތް ގޮތުން ގެއްލޭނީ ގްރީން ސްޓްރީޓްސް މެޗުގެ އިތުރުން ފ. ނިލަންދޫ އާއި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަންނަ މަހު އަށް ވަނަ ދުވަހުން ފެށިގެން ލީގު މެދުކަނޑާލުމަށް ފަހު އަންނަ އޮގަސްޓް މަހު ތިން ވަނަ ދުވަހު އަލުން ލީގު ފަށާއިރު އޭގެ އެއް ދުވަސް ފަހުން އީގަލްސް އާއި ފޯކައިދޫ ކުޅޭ މެޗުގައި މޯހަން ހުންނާނެ އެވެ.

މި ފަހަރުގެ މުބާރާތަށް އީގަލްސް އިން ޓީމު ވަރުގަދަކުރިއިރު ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި އަލީ ފާސިރު (ސެންޓޭ) ގެންގޮސްފަ އެވެ. އަދި ކުރިން އެ ޓީމުގެ ކެޕްޓަންކަން ކުރި އިމްރާން ނަޝީދު (އިންމަ)ގެ އިތުރުން ހިސާމް ސަލީމް (ކޮކީ) ވެސް ކުޅެނީ އީގަލްސް އަށެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އީގަލްސް އަށް ކުޅެމުން އަންނަނީ ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާގެ އިތުރުން އުޒްބެކިސްތާން ޒުވާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް އާއި ހަމަ އެ ގައުމުގެ މިޑްފީލްޑަރު އުމަރުޔޯނޯފް އަކްރޯފް އެވެ.

ގްރީން ސްޓްރީޓްސް އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.