ވިކްޓްރީއާ ހަވާލުވީ ހާލަތު އެނގިހުރެ: ކޯޗު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ގިނަ ގޮންޖެހުންތަކަކަށް ފަހު ޒުވާން ޓީމެއް ގޮވައިގެން ނުކުންނަން ނިންމީ ހާލަތު އެނގިހުރެ ކަމަށާއި މި ޓީމަށް ނަތީތާ ނެރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.


މި ސީޒަނުގައި ވިކްޓްރީ ފެނިދާނެތޯ ވެސް ސުވާލު އުފެދިފައި އޮތުމަށް ފަހު ފަހު ވަގުތު އެތަކެއް މަސައްކަތަކަށް ފަހު ވިކްޓްރީ އަށް ލީގުގައި ވާދަކުރެވޭނެ ގޮތްވިއިރު، އެ ޓީމު ޕްރެކްޓިސް ފެށި ވެސް ވަރަށް ފަހުންނެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ތަޖުރިބާކާރު މަޝްހޫރު ކުޅުންތެރިންތަކެއް ވިކްޓްރީގައި ނެތެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވިކްޓްރީ ބަލިވެފައިވަނީ 4-0 އިންނެވެ. ފުރަތަމަ މެޗުން މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުންނެވެ. ދެ ވަނަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުންނެވެ. ލީގުގައި މިއަދު ހަވީރު ވިކްޓްރީ ބައްދަލުކުރާނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ މި ފަަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ.

ލީގުގައި މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓްރީގެ ކޯޗު މުހައްމަދު ބުނީ ވިކްޓްރީގައި އޮތް ޓީމާ ހަވާލުވުމުން އޭނާ އަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި ކަމަށާއި އެކަމަކު އެކަމަށް އޭނާގެ ފަރުވާލެއް ނެތް ކަމަށެވެ.

"ބައެއް މީހުން އެބަހުރި ބުނެފައި ތިއީ މޮޔައެއްހޭ ވެސް. ތިވަރު ޓީމަކާ ހަވާލުވާން. ކޯޗިން ދާއިރާގައި ކޮބާތޯ އިންޓްރަސްޓެއް އެއްވެސް ރިސްކެއް ނެތި ހަވާލުވިއްޔާ. ހުސް މޮޅެތި ކުޅުންތެރިންތަކެއް ގަނެގެން އޭނަގެ މޮޅުކަން ކިހިނެއްތޯ ދައްކަނީ،" ލެގޫންސާއި ވިކްޓަރީ އަށް ކުރިން ކުޅުނު މުހައްމަދު ބުންޏެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޯޗެއްގެ ޒިންމާ އަކީ ކުޅުންތެރިންތަކެއް ޑިވެލޮޕް ކޮށްދިނުން. އެ ގޮތުން މި ޒުވާން ކުޅުންތެރިންނާ ހަވާލުވީ އަޅުގަނޑުގެ ފެންވަރު ހުރިވަރަކުން ދައްކައިދޭނަން. ދެ ވަނަ ރައުންޑުން އެ ތަފާތު ފެންނާނެ،"

ސްރީ ލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ކޯޗުކޮށްދިން މުހައްމަދު ބުނީ އޭނާ އަށް ވެސް ކޯޗިންގައި ދަސްވެފައިހުރި އެއްޗެއްގެ ބޭނުންކުރެވޭނީ ވަގުތު ލިބިގެން ކަމަށެވެ.

ވިކްޓްރީ ފުރަތަމަ ކުޅުނު ދެ މެޗަށް ބަލާއިރު އެ ޓީމަށް ކުޅުނު ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ނޫރައްދީން އާއި ހުސެއިން ޝިހުބާން (ބައްޓޭ) އަކީ ވެސް ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިންނެއް ނޫނެވެ.

މުހައްމަދު ބުނީ ވިކްޓްރީގެ މައްސަލަ ދިމާވީ ކޮންޓްރެކްޓް ހަދާފައިތިބި ރަނގަޅު ކުޅުންތެރިން އީދަށް ރަށަށް ދިއުމަށް ފަހު އެނބުރި ނައުން ކަމަށެވެ. އެކަމަކު އެ ކުޅުންތެރިން އަންނަ މަހުގެ ބްރޭކަށް ފަހު އަލުން ޓީމާ ގުޅޭނެ ކަމަށާއި އޭރަށް ތަފާތު ދެއްކޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުންޏެވެ.

"ދަސްވެފައި ނެތް ކުރު މުއްދަތެއްގައި ކުދިން އެހާ މޮޅު ކުރާނެ ގޮތެއް. އެހެން ނަމަވެސް އަޅުގަނޑަށް ހީވަނީ ޕްރެކްޓިސް ފެށި ދުވަހާ ބަލާއިރު މިހާރު ވަރަށް ކުރިއަރައިފި. ހަގީގަތުގައި އަޅުގަނޑުމެންގެ ޓާގެޓަކީ ވެސް ބްރޭކަށް ފަހު ނުކުންނައިރު އެއްކޮށް ރަނގަޅުކުރުން. އަލުން ނުކުންނައިރު ބޮޑެތި ޓީމުތަކާ ވެސް ވާދަކޮށްލެވޭނެ،" އޭނާ ބުންޏެވެ.

ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެން ދެ ވަނަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ނިސްބަތުން ރަނގަޅަށް ކުޅުނު ކަމަށާއި ދިމާވީ ހަމައެކަނި ޑިފެންޑަރުންގެ މައްސަލަ ނޫން ކަމަށާއި ރަނގަޅު މިޑްފީލްޑަރުން ވެސް ނެތްކަމަށް މުހައްމަދު ބުންޏެވެ.

ބިދޭސީ ތިން ކުޅުންތެރިންގެ ނަން ވިކްޓްރީ ލިސްޓުގައި ހިމަނާފައިވީ ނަމަވެސް މުހައްމަދު ބުނީ އެ ކުޅުންތެރިންގެ ކަންތައްތަކަށް ނުބަލައި އޭނާ ބޭނުންވަނީ ކޮންޓްރެކްޓްގައި ތިބި ދިވެހި ކުޅުންތެރިންނާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.

ލީގުގައި ނުވަ ޓީމެއް ވާދަކުރާއިރު ދެ ވަނަ ބުރަށް ފަހު އެއް ޓީމެއް ކަޓާނެ އެވެ. ތިން ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމެވެ. ވިކްޓްރީގެ ހާލަތަށް ބަލާއިރު ވާދަކުރެވޭނެ އޮތީ ދެ ޓީމު ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ.

"ހަގީގަތުގައި ވިކްޓްރީ ގުނަންޏާ ގުނާނީ ބޮޓަމްގައި މިހާރު. ދެން ހަގީގަތަށް ބުނަންޏާ ޔޫވީ (ޔުނައިޓެޑް ވިކްޓްރީ) މެޗަށް އުއްމީދުކުރިން. ވާދަކުރާ ޓީމަކަށް އިނީ އަނެއްހެން ބަލަންޏާ ޔޫވީ އާއި ނިލަންދޫ ކަންނޭނގެ. އެ ނޫނީ ނެތް ކަންނޭނގެ އެހާ ބޮޑަށް ވާދަކުރެވޭނެ ޓީމެއް މި މުބާރާތުގައި މިހާތަނަށް،" އޭނާ ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ވިކްޓްރީ ކުޅޭ މެޗު ފަށާނީ ހަތަރެއް ޖަހާއިރު އެވެ. މިރޭ ކުޅޭނީ އީގަލްސް އާއި ގްރީން ސްޓްރީޓްސް އެވެ. އެ މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ.