ބައްސާމްގެ ބަހުގެ ހަމަލާއެއް ސުޒޭނަށް

ގަލޮޅު ދަނޑުގައި ކޯޗުން ނޫސްވެރިންނަށް މައުލޫމާތުދޭއިރު ބޭނުންކުރާ ބެކްޑްރޮޕުގައި ހުރި މައްސަލަތަކެއް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ފާހަގަކުރުމުން، އެކަން ހައްލުކުރުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސުޒޭނަށް ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.


ލީގުގައި މިދިޔަ ހަފުތާގައި މާޒިޔާ އަތުން 3-1 އިން ގްރީންސްޓްރީޓްސް ބަލިވި މެޗަށް ފަހު އެފްއޭއެމްގެ ތައްޔާރީތަކަށް ފާޑުކިޔަމުން ސުޒޭން ފާހަގަކުރި އެއް ކަމަކީ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ބާއްވާއިރު ފުރަގަހުގައި ހުންނަ ބެކްޑްރޮޕްގައި ބައެއް ނަމާ ދިމާލުގައި ސްޓިކާ ޖަހާފައި ހުރުމެވެ. މީގެ އިތުރުން ލީގުގެ މެޗުތައް ކުރީގެ ބާ ބޯޅަތަކުން ކުޅުމުގެ އިތުރުން ދަނޑުގައި ބަހައްޓާފައި ހުންނަ ލީގުގެ ޓައިޓަލް އިޝްތިހާރު ބޯޑުގެ ޑިޒައިން އާދައިގެ ގޮތަކަށް ހުރުމުގެ އިތުރުން އެހެނިހެން ތައްޔާރީތަކުގައި ފަރުވާ ކުޑަވުމުގެ ވާހަކަ ވެސް ދެއްކި އެވެ.

އެ ވާހަކަތަށް ނޫހުގައި ޖެހުމުން ބައެއް އާއްމުން ވަނީ އެއީ މެޗުން ބަލިވުމުން ސުޒޭން ސަމާލުކަން އަނބުރާލަން ދެއްކި ވާހަކައެއް ކަމަށް ބުނެ ކޮމެންޓްކޮށްފަ އެވެ. ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ވެސް މިއަދު ޓްވީޓްކުރެއްވީ އެފަދަ މޭރުމަކުންނެވެ.

އެ ބެކްޑްރޮޕް އާކޮށް ނަގާފައިވާ ފޮޓޯއާ އެކު އެކު ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއެއްޗަކާ ބެހޭގޮތުން އެތައް ވާހަކަތަކެއް ދެކެވުނު "ޕްރެސް ބެކްޑްރޮޕް" ގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި އެކިއެކި ގޮތްގޮތުން، އެކަން އެފްއޭއެމްގެ ސަމާލުކަމަށް ގެނެސްދިން ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

"އުއްމީދުކުރަން ދެން ފޯކަސް އޮންނާނީ މެޗުގެ ނަތީޖާއަށް ކަމަށް،" ސުޒޭނަށް އިޝާރާތްކޮށް ބައްސާމް ވިދާޅުވެފައިވެ އެވެ.

އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސުޒޭން ބުނީ ކަންތައްތައް ރަނގަޅުކުރަން އޭނާ ފާޑުކިޔަނީ ވަކި ބަޔަކަށް އަމާޒުކޮށް އުނދަގުލެއް ޖެއްސުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ފުޓްބޯޅަ އަށް ރަނގަޅަކަށް ކުރާކަމެއް ކަމަށެވެ.

"އަޅުގަނޑު އެކަން ފާހަގަކުރީ އެކަމުން އުނދަގުލެއް ކުރާކަށް ނޫން. އެކަންކަން ރަނގަޅުކުރަން. މިހާރު ވެސް އެފްއޭއެމުން އޭގެ ބައިވަރެއް ކަންތައްތައް ރަނގަޅުކޮށްފި. ޖެހިގެން އައި ދުވަހު ހުރީ ވަރަށް ރަނގަޅު އާ ބޯޅަތަކެއް ނެރެފައި. އޭގެ މާނަ އަކީ ކަންތައްތައް ރަނގަޅު އެބަވެއޭ. ރަނގަޅު ކުރުމުގެ އެއް ބޭނުމަކީ އަޅުގަނޑުމެން ސްޕޮންސަރުންނާ ދިމާލަށް ދިޔައީމަ އެ މީހުންގެ ވެސް ޝަކުވާތަކެއް ނުހުންނާނީ އޭރުން،" ސުޒޭން ބުންޏެވެ.