އީގަލްސް އަތުން ފަހު ވަގުތު ގްރީން ސްޓްރީޓްސް އަށް ޕޮއިންޓެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މެޗުގެ ފަހު ވަގުތު އަލީ އަޝްފާގު (ދަގަނޑޭ) ވައްދާލި ގޯލުން ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުކޮށް ގްރީން ސްޓްރީޓްސް އިން ލީގުގެ ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.


އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ވެސް ފަހު ވަގުތު 1-1 އިން އެއްވަރުވީ އެވެ. މި މެޗުގައި ކްލަބް އީގަލްސް އަށް އިރުޝާދުދިނުމުގައި ހަރަކާތްތެރިވީ ޓީމުގެ އޮފިޝަލް އަދި ކުރީގެ ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މި ވަގުތު ޓީމާ ދުރުގައި ހުރީ އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށެވެ.

މި ފަހަރު ސީޒަނަށް ވަރުގަދަ ޓީމަކާ އެކު ތައްޔާރުވި ގްރީން ސްޓްރީޓްސް ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން ބަލިވެފަ އެވެ. އަލުން ފޯމަކަށް އެޅެން ގްރީން ސްޓްރީޓްސް އަށް މި މެޗު އޮތީ މުހިއްމުވެފަ އެވެ. ފަހު ވަގުތު މިރޭ ލިބުނު ޕޮއިންޓަކީ މި ވަގުތުގެ ހާލަތަށް ބަލާއިރު ގްރީން ސްޓްރީޓްސް އަށް ރަނގަޅަށް ދިޔަ ކަމެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

"ވަރަށް އުނދަގޫ ހާލަތެއްގައި އޮއްވައި ހަގީގަތުގައި ޕޮއިންޓެއް ލިބުމަކީ ރަނގަޅު ފާލަކަށް ވާނެ. އީގަލްސް އިން ވަރަށް ރަނގަޅަށް ކުޅުނު މެޗެއް މިއީ. އެކަމަކު މެޗުގެ ފަހު ވަގުތު ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައިގެން ޕޮއިންޓެއް ލިބިއްޖެ." މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.

މެޗު ފަށައިގެން 50 ސިކުންތު ތެރޭގައި އީގަލްސް އަށް ލީޑުނަގައިދޭން އަލީ ފާސިރު (ސެންޓޭ) އަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ތިން މިނިޓް ފަހުން އީގަލްސްގެ މުހައްމަަދު ނާއިމް މުޅިން ހުސްކޮށްވަދެ ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ފަހަތުން ފުރަތަމަ ހާފުގެ ކުރީކޮޅުގައި ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އީގަލްސް އަށް ދިޔައީ އެންމެ ފުރިހަމަ އަށް ބޭނުމެއް ނުހިފި އެވެ. އެކަމަކު މެޗުގެ 22 ވަނަ މިނިޓްގައި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ އީގަލްސް އަށް ލީޑުނަގައިދީފަ އެވެ. އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ރިޒޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މިރޭގެ މެޗުގައި ރިޒޭ ގޯލަށް ފޮނުވާލި ބޯޅަ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 26 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ގާސިމް ސައްމާމު (ސައްމެ)ގެ ބަދަލުގައި ބިދޭސީ ޑިފެންޑަރު އަލް ސައީދު މުހައްމަދު ކުޅެން އަރުވައިފަ އެވެ. އެއާ އެކު ގްރީން ސްޓްރީޓްސްގެ ޑިފެންސް ރަނގަޅުވި އެވެ. ހަތަރު މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ ފުރަތަމަ ހަމަލާ ފެނިގެންދިޔަ އެވެ. މުހައްމަދު އުމެއިރު ހުސްކޮށްލާފައި ދަގަނޑޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ދެ ވަނަ ހާފް ފަށައިގެން އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، އޭރިއާ ތެރެއިން ރިޒޭ ފޮނުވާލި ބާރު ބޯޅައެއް ދިޔައީ އަރިމަތިން ބޭރުންނެވެ. މެޗުގެ 60 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ބޯޅައެއް އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ރިސްވާން (ފުކޭ) ތިރިތިރިން ޖެހި ބޯޅަ ވެސް ސުޖަން ވަނީ ހުއްޓުވައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ލަނޑު ދަގަނޑޭ ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. އުމެއިރު ޖެހި ހިލޭ ޖެހުމެއްގައި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު ސުޖަން އަތުން ދޫވި ވަގުތު ދަގަނޑޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން މޮޅުވަން ލިބުނު ބޯޅައިގެ ބޭނުން ގްރީން ސްޓްރީޓްސް އަށް ނުހިފުނެވެ.

އީގަލްސް އިން މި ފަހަރު ކުޅުނު ފުރަތަމަ މެޗުން ޓީސީއާ އެއްވަރުވީ ވެސް ފަހު ވަގުތު ވަން ގޯލަކުންނެވެ. އީގަލްސްގެ މެނޭޖަރު މުހައްމަދު އިނާން ބުނީ ދެ މެޗު ވެސް ދިޔައީ އެއް ކަހަލަ ގޮތަކަށް ކަމަށާއި ލީޑުފުޅާކުރަން ލިބި ބޭނުން ނުކުރެވިދިޔައިރު، ފަހު ވަގުތު ދިމާވީ ފިޓްނަސްގެ މައްސަލަ ކަމަށެވެ.