ނިލަންދޫ ކޮޅަށް މާޒިޔާ އިން 13 ލަނޑު ޖަހައިފި!

މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހި ފަސް ގޯލާއި ކެޕްޓަން އަސަދުﷲ އަބްދުﷲ ހެދި ހެޓްރިކާ އެކު މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފ. ނިލަންދޫ އަތުން 13-0 އިން މޮޅުވެއްޖެ އެވެ.


މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ދިވެހި ޕްރިމިއާ ލީގަށް ރި-ބްރޭންޑްކުރި ފަހުން ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު އެއް ނަތީޖާ އެވެ. ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ ހަލުވި އެޓޭކިން ލައިން އޮތް މާޒިޔާ އިން ވަނީ މިރޭ އެ ޓީމުގެ އެ ޑިޕާޓްމަންޓުގެ ފެންވަރު ދައްކާލައިފަ އެވެ. އެކަމަކު ޖުމްލަކޮށް މާޒިޔާގެ ހުރިހާ ދިމާލެއް ވެސް ފެނިގެން ދިޔައީ އޯގަނައިޒްކޮށް، ހަމަޖެހިލައިގެން ކުޅުނުތަނެވެ.

މި މޮޅާ އެކު މާޒިޔާ އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައި ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ދަ ގްރާންޑޭ އެވެ. އެ ޓީމުގެ ފަހަތުން ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. ކްލަބް ލައިސަންސް ނުލިބި ދިގުލައި ގޮސް، ލީގުގައި ވާދަކުރެވޭކަން ފަހު ވަގުތު ކަށަވަރުވި ނިލަންދޫ އޮތީ ދެ މެޗުން ވެސް ބަލިވެ ތާވަލުގެ ފުލުގަ އެވެ.

މާޒިޔާގެ ތިން ކުޅުންތެރިން ބޮލުން ޖަހަން އަރާއިރު ނިލަންދޫގެ ކީޕަރު ޒިޔަޒަން (ވ) ބޯޅަ ދިފާއުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިރޭގެ މެޗުގައި މާޒިޔާ އިން ނިލަންދޫގެ ގޯލް ހުޅުވާލީ ތިން ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ޖެހި ގޯލުންނެވެ. އަސަދުﷲ ބޮލުން ޖައްސާލި ބޯޅަ، ދާދު ގޯލުގެ ތެރެއަށް ވައްދާލީ ވެސް ބޮލުން ޖަހަ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 10 ވަނަ މިނެޓުގައި ޖެހީ އިއްބެ ވަހީދެވެ. އަސަދުﷲ ދިން ބޯޅަ އިއްބެ ފުރަތަމަ ޖެހުމުން ނިލަންދޫގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އަތުގައި ޖެހިފައި ނުކުތުމުން އިއްބެ ވަނީ ދެ ވަނަ ފަހަރަށް ޖަހައި ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. މާޒިޔާގެ ތިން ވަނަ ގޯލަކީ އަހުމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަހަކުން އަސަދުﷲ ފްރީހެޑާ އަކުން ޖެހި ގޯލެކެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކަށް އަރައި ކީޕަރު ކައިރިން ނައްޓާލާފައި ހަތަރު ވަނަ ގޯލް ޖެހީ މޫސާ ޔާމީން (ޔާންބެ) އެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އިން އިތުރު ހަތަރު ގޯލް ޖެހި އެވެ. އޭގެ ތެރެއިން ދެ ގޯލް ޖަހައި އަސަދުﷲ ހެޓްރިކް ހެދިއިރު އަނެއް ދެ ގޯލް ޖަހައި އިއްބެ ވަހީދު ވެސް ހެޓްރިކް ހެދި އެވެ.

މާޒިޔާ އިން ދެ ވަނަ ހާފް ފެށީ ދެ ވަނަ މިނެޓުގައި ދާދު ކާމިޔާބުކުރި ގޯލުންނެވެ. ނިލަންދޫގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ. މާޒިޔާގެ 10 ވަނަ ގޯލް 55 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ. އޭގެ ފަހުން 70 ވަނަ މިނެޓުގައި އިއްބެ ވަހީދު އޭނާގެ ހަތަރު ވަނަ ގޯލް، މާޒިޔާގެ 11 ވަނަ ގޯލް ކާމިޔާބުކުރިއިރު 12 ވަނަ ގޯލް 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަސަން ޝިފާޒް (ޑުންގާ) އެވެ. މިއީ އޭނާ ބާރު ޝޮޓަކުން ގޯލަށް އަމާޒުކޮށްލި ބޯޅައެކެވެ. ފަހު ގޯލް 84 ވަނަ މިނެޓުގައި އިއްބެ ވަހީދު ޖެހީ ކޯނަރަކުން ދާދު ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

މާޒިޔާގެ އިއްބެ ވަހީދު އާއި ނިލަންދޫގެ ކީޕަރު ޒިޔަޒަން (ވ) ބޯޅަ އަށް މަސައްކަތްކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ އޭނާ އުފާވަނީ ގިނަ ގޯލްތަކެއް ޖެހުމުން ނޫން ކަމަށާއި ކުޅުންތެރިން މެޗުގައި ދެއްކި ޕްރޮފެޝަނަލިޒަމާ މެދު ކަމަށެވެ.

"މާޒިޔާ ކުޅުންތެރިންނަށް މަރުހަބާ ކިޔަން. އެ ކުޅުންތެރިން ވަރަށް ޕްރޮފެޝަނަލްކޮށް މިރޭ ފެނިގެން ދިޔައީ. ނިލަންދޫ، މިވަގުތު މާޒިޔާ ލެވެލްގައި ނެތަސް އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ވެސް އަހަރެމެންނަށް މުހިއްމު. ބައެއް ފަހަރު އެއް ގޯލުން ވެސް ފުދޭ އަނެއް ބައި ފަހަރު 15 ގޯލުން ވެސް ނުފުދިދާނެ. އެކަމަކު މިރޭ އެންމެ މުހިއްމު ކަމަށްވީ ކުޅުންތެރިން މެޗު ނެގިލެއް ޕްރޮފެޝަނަލްކަން،" ސެކުލޮސްކީ ބުންޏެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މި ވަރުގެ ސްކޯލައިނެއް ފެނިދާނެ ކަމަށް ހީ ނުކުރާ ކަމަށާއި މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވެން ޖެހޭނެ ކަމަށެވެ. އެކަމަކު މައްސަލައަކަށް ދިމާވީ މެޗުގެ ކުރީކޮޅު ޓެކްޓިކަލް ޑިސިޕްލިން ނުހިފެހެއްޓި ގޯލްތަކެއް ވަނުމުން ކަމަށެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިން މަދުވުމުން، އަލުން ޓީމު ދަނޑުމަތީގައި އޯގަނައިޒްކުރަން ފަސޭހަ ނޫން ކަމަށް ފެސްކޯ ބުންޏެވެ. ނިލަންދޫގައި ތިބި ފުރަތަމަ ޑިވިޝަން ފެންވަރުގެ ތަޖުރިބާކާރު ކުޅުންތެރިންނަކީ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) އާއި ކީޕަރު ޒިޔަޒަން އެވެ.