ބޮޑު އިނާމަކާ އެކު ދިވެހި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގު ފަށަނީ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފޯރިގަދަކުރުމުގެ ގޮތުން ފެންޓަސީ ދިވެހި ޕްރިމިއާ ލީގުގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ތައާރަފްކޮށްފި އެވެ.


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން މި ފަހަރު ފަށާ މި ފެންޓަސީ ލީގު ނިމޭއިރު އެއް ވަނަ އަށްދާ ފަރާތަކަށް 50،000ރ ގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފެންޓަސީ ލީގު ފެށޭނީ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ކުޅޭ މެޗުތަކުން ފެށިގެންނެވެ.

މީގެ ކުރިން 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އެފްއޭއެމުން ވަނީ އަމިއްލަ ފަރާތަކާ ގުޅިގެން ފެންޓަސީ ލީގެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ފަހަރު "ފެންޓަސީ ފުޓްބޯޅަ" ގެ ނަމުގައި ކުރިއަށްދިޔަ ލީގުގެ ހަފްތާގެ ވަނަތައް ހޮވި ނަމަވެސް މުޅި ލީގުގެ އެއް ވަނަ ހޮވާފައިނުވެ އެވެ. އެ ފަހަރު ފެންޓަސީ ލީގު ނިމޭއިރު އެއް ވަނަ އަށް ދާ ފަރާތަކަށް ހުށަހެޅި އިނާމަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއް ބަލަން ދިއުމުގެ ފުރުސަތެވެ.

އެފްއޭއެމްގެ އޮފިޝަލަކު "މިހާރަ"ށް ވިދާޅުވީ މި ފަހަރު އެފްއޭ އިސްވެ އެކަން ކުރަން ނިންމީ ސަޕޯޓަރުންނާ ގުޅުންހުރި މި ފަދަ ކަމެއްގައި އެފްއޭއެމްގެ ބައިވެރިވުން އިތުރުކޮށް ވީ އެންމެ ރަނގަޅަކަށް މި ކަންތައްތައް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށެވެ.

މި ޕްލެޓްފޯމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ފެންޓަސީ ލީގު ވެބްސައިޓް މެދުވެރިކޮށް ހިޔާލީ ޓީމެއް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނަށް ހިޔާލީ އަގުތަކެއް ދީފައިވާއިރު، ކޮންމެ ބައިވެރިޔަކަށް ވެސް އޭނާ ހަދާ ޓީމަށް ކޮންމެ މެޗު ހަފުތާއެއްގެ ކުރިން ކުޅުންތެރިން ގަނެ ވިއްކޭނެ އެވެ. އެ ބައިވެރިއަކަށް ޕޮއިންޓް ލިބޭނީ، އެ މެޗު ހަފުތާއެއްގައި ލީގުގައި ކުޅޭ މެޗުތަކުގައި ނުކުންނަ ނަތީޖާ އާއި ކުޅުންތެރިންގެ ޕާފޯމަންސަށް ބަލައިގެން ކަނޑައަޅާފައިވާ މިންގަނޑަކުންނެވެ. އަދި ޖެހިގެން އަންނަ މެޗު ހަފުތާއަކަށް އަނެއްކާ ވެސް ޓީމަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.

ފެންޓަސީ ލީގުގެ ޗެމްޕިއަންކަން ލިބޭނީ، ލީގު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ލީގުގެ މެޗުތައް ގަވާއިދުން ބަލަން ޖެހެ އެވެ.

ދުނިޔޭގެ މަޝްހޫރު ލީގުތަކަށް ހާއްސަކޮށްގެން ތަފާތު އެތައް ފެންޓަސީ ފުޓްބޯޅަ ޕްލެޓްފޯމްތައް ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖޭގައި އެންމެ މަގުބޫލޫ އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގެވެ. އޭގައި 7000 އަށް ވުރެ ގިނަ ދިވެހިން ބައިވެރިވެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ބަލާލައިގެން، މި އަހަރު އޮންނަ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ޓިކެޓް ހޯދޭނެ ފުރުސަތެއް ވެސް އެފްއޭއެމުން ވަނީ ހުޅުވާލައިފަ އެވެ. އެ ގޮތުން ލީގުގެ ތިން ބުރުގެ މެޗުތަކަށް ވަންނަން ޓިކެޓް ގަނެގެން، ކޮންމެ ބުރަކުން ނަސީބުވެރި، އެއް ސަޕޯޓަރަކު (ޖުމްލަ ތިން ސަޕޯޓަރުންނަށް) ރާއްޖޭން ބޭރުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން މެޗެއް ބަލާލުމުގެ ފުރުސަތު ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން ނަސީބުވެރި ސަޕޯޓަރު ހޮވަން ބާއްވާ ގުރުއަތުލުން އޮންނާނީ ކޮންމެ ބުރަކަށް ފަހު އެވެ.

މި ފަހަރުގެ ލީގުގައި ނުވަ ޓީމަކުން ވާދަކުރެ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން މާޒިޔާ، ގްރީން ސްޓްރީޓްސް، އީގަލްސް، ދަ ގްރާންޑޭ، ވިކްޓްރީ، ޔުނައިޓެޑް ވިކްޓްރީ، ށ. ފޯކައިދޫ އަދި ފ. ނިލަންދޫ އެވެ.