ރިޒޭގެ ހެޓްރިކުން އީގަލްސް އަށް ފުރަތަމަ މޮޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކުން ފ. ނިލަންދޫ އަތުން 5-1 އިން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.


މިއީ އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ފަހު ވަގުތު ޕޮއިންޓް ގެއްލުނު އީގަލްސް ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިއީ އެންމެ ފަހުން ކުޅުނު މެޗުން މާޒިޔާ އަތުން 13-0 އިން ބަލިވި ނިލަންދޫ އަށް ވެސް ޕޮޒިޓިވް މެޗެކެވެ. ކުރީ މެޗާ ބަލާއިރު، މި މެޗުގައި ނިލަންދޫގެ ފަރާތުން އޯގަނައިޒް ކުޅުމެއް ފެނި ގޯލް ޖަހާނެ ފުރުސަތު ވެސް ހޯދި އެވެ.

އީގަލްސް އޮތީ ފަސް ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ނިލަންދޫ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. ތާވަލުގެ އެއް ވަނައިގައި މިވަގުތު އޮތީ ނުވަ ޕޮއިންޓާ އެކު ދަ ގްރާންޑޭ އެވެ.

މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ބޭކާރުވެފައިވަނިކޮށް، އީގަލްސް އަށް ނިލަންދޫގެ ގޯލް ހުޅުވާލަދިނީ 12 ވަނަ މިނެޓުގައި މުހައްމަދު ނާއިމެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅަ ނިލަންދޫގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަންގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ނާއިމް ގޯލަށް ވައްދާލީ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް އީގަލްސް އަށް ރަނގަޅު ދެ ފުރުސަތެއް ބޭކާރުވި އެވެ. ރިޒޭ 28 ވަނަ މިނެޓުގައި މުޅިން ހުހަށް އަރައި ޖެހި ބޯޅަ ކީޕަރު މަތަކުރިއިރު، އޭގެ މިނެޓެއް ފަހުން ވެސް އެހާމެ ހުހަށް އަރައި ފޮނުވާލި ބޯޅަ އަމާޒެއް ނުކުރެވުނެވެ. އެކަމަކު 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރިޒޭ ވަނީ އީގަލްސްގެ ލީޑު ފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ރިޒޭ ވަނީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން އީގަލްސްގެ ތިން ވަނަ ގޯލް ޖަހައިދީފަ އެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ނާއިމް ދިން ބޯޅައެއް، ގޯލް ކުރިމަތިން މުޅިން ހުހަށް ހުރެ ރިޒޭ ޖެހީ ބޭރަށެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން، ސެންޓޭ ދިން ޕާހަކުން ހަމަ އެހާމެ ހުސްކޮށް ހުރެ ގޯލަށް ބޯޅަ ވައްދާލައި ހެޓްރިކް ހެދީ އެވެ.

ނިލަންދޫގެ އަހުމަދު އުސާމް 80 ވަނަ މިނެޓުގައި އެ ޓީމުގެ ސުން ކަނޑުވާލާފައިވަނިކޮށް، އީގަލްސްގެ ފަސް ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިވަގުތު ކޯޗިން ލައިސަންސް ކޯހެއްގައި ރާއްޖޭން ބޭރުގައި ހުރުމުން މެޗުގައި އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދެވެ. އެކަމަކު މެޗުގެ ކުރިން ވެސް އަދި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ކުޅުމާ ބެހޭގޮތުން ވާހަކަދައްކަން އައީ މެނޭޖަރު މުހައްމަދު އިނާން އަލީ އެވެ. އޭނާ ބުނީ މުހިއްމީ ތިން ޕޮއިންޓް ކަމަށާއި އެކަންވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ބަލިވި ނަމަވެސް ކުޅުން ގޯހެއް ނޫން ކަމަށާއި ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ލިބުމުން އެކަން ފާހަގަކުރާ ކަމަށެވެ. އަދި މިއަދު ޓީމުގެ ޓެކްޓިކަލް ޑިސިޕްލިން ވެސް ރަނގަޅު ކަމަށާއި މައްސަލައަކަށްވީ ވަދެގެން ނުވާނެ ފަދަ އާދައިގެ ގޯލްތަކެއް ވަނުން ކަމަށް ފެސްކޯ ބުންޏެވެ.

"ހަގީގަތަކީ މިއީ އާ ޓީމެއް. ތަޖުރިބާމަދު، އެހެންވީމާ ހުރިހާ މެޗެއް އެއް ފެންވަރެއްގައި ނުކުޅެވުން އެއީ މައްސަލައަކަށްވާނީ. އެކަމަކު ދިގު މުއްދަތުގައި، ރަނގަޅުވާނެ،" ފެސްކޯ ބުންޏެވެ.