ޓީސީން ފަހު ވަގުތު ގްރީންސްޓްރީޓްސްއާ އެއްވަރުކޮށްފި

ފަހު ވަގުތު އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ގޯލާ އެކު ޓީސީ ސްޕޯޓްސް ކްލަބުން މިރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުކޮށްފި އެވެ.


ލީގުގެ އެއް ވަނައިގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

ގްރީން ސްޓްރީޓްސް އިން މި މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން ރިލްވާން ވަހީދު (ރިލޭ)، މުހައްމަދު ރިސްވާން (ފުކޭ)ގެ އިތުރުން މިސްރުގެ ޑިފެންޑަރު އަލްސައީދު މަހުމޫދަށް ވަނީ ފުރަތަމަ އެގާރައިގައި ހިމަަނައިފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފަސް ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުން ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރު ޖެހި ބޯޅަ ޓީސީ ކުޅުންތެެރިޔެއްގެ ފައިގައި ޖެހިފައި ދިޔައީ އަރިމަތިން ބޭރުންނެވެ.

ގްރީން ސްޓްރީޓްސްގެ ދަގަނޑޭ

ފުރަތަމަ 20 މިނިޓަށް ފަހު ޓީސީން ގޭމުގެ ތެރެއަށް އައިސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އިސްމާއިލް އީސާ (މެސީ) އޭރިއާ ބޭރުން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ލަބާން ކުރިއަށް ޖެހި ހުރި ވަގުތު ޓީސީގެ އަކުރަމް އަބްދުލް ގަނީ (އަކޫ) އަމިއްލަ ހާފުގެ ތެރެއިން މަތިން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ޓީސީ އަށް މި ހާފު ނިމުމުގެ ކުރިން ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އީސާ ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން އަރައި ހުރި ޓީސީގެ ނޭޕާލް ތަރި ބިމަލް ގާތީ މަގަރް ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ މިނިޓް ތެރޭގައި ގްރީން ސްޓްރީޓްސް އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި އުމެއިރު ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން މި ގޯލު ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އޭގެ ހަ މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ ލީޑުފުޅާކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މި ހާފުގައި ކުޅެން ނުކުތް އަބްދުﷲ ޔާމީން (ޔާން) އެވެ. މެޗުގެ 56 ވަނަ މިނިޓްގައި އޭރިއާ ބޭރުން ޔާން ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ކީޕަރު އިމްރާނަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑުކަމެއް ނުކުރެވުނެވެ.

ޓީސީން ގޯލެއް ޖަހައި މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ގޯލު ޖެހީ އީސަ އެވެ. މިއީ އީސަ އަށް ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ޓީސީ އަށް އެއްވަރުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސައްޓު އެވެ. އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ސައްޓު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އަތުގައި އޮތް ތިން ޕޮއިންޓް ގެއްލުނީ ހެދުނު ކުޑަ ގޯހަކުން ކަމަށާއި ޓީސީ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ފުރުސަތެއް ދީފިނަމަ އޭގެ ބަދަލު ދައްކަންޖެހޭ ފަހަރު ގިނަވާނެ ކަމަށެވެ. އަދި ޓީސީ ކަހަލަ މޮޅު ވާދަވެރި ޓީމަކާ ދެކޮޅަށް ކުޅޭއިރު ލިބޭ ފުރުސަތުތައް ބޭނުންހިފައިގެން ރަނގަޅަށް ކުޅެން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ޔާން އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ހަގީގަތުގައި 2-0 ގައި އޮއްވައި ވަރަށް ފަސޭހަކޮށްލެވުނު. ޕެނަލްޓީއާ ހިސާބުން ޓީސީން ހިތްވަރު ރަނގަޅުވި. ދެން އެންމެ ފަހު ވަގުތު ހެދުނު ގޯހެއްގެ ފައިދާނަގައި ޓީސީން ކުރި މަސައްކަތުގެ އިނާމު އެ ޓީމަށް ލިބުނީ،" ސުޒޭން ބުންްޏެވެ.

އޭނާ ބުނީ މި ކަހަލަ ވާދަވެރި މެޗުތަކުން ކޮންމެ ޓީމެއް އަތުން ވެސް ޕޮއިންޓް ގެއްލޭނެކަމަށާއި މައްސަލަ ޖެހޭނީ އެހެން ޓީމުތަކުން ޕޮއިންޓް ނަގާ ޓީމެއް އަތުން ބަލިވެއްޖެނަމަ ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީސީން ވަނީ މި ފަހަރުގެ ލީގުގައި އީގަލްސް އަތުން ބަލިނުވެ ސަލާމަތްވީ ވެސް މެޗުގެ ފަހު ވަގުތު ޖެހި ގޯލަކުންނެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ އޭނާގެ ޓީމުން ގާތްގާތުގައި މެޗު ކުޅުމުގެ އަސަރު ފެންނަމުން އަންނަކަމަށާއި އެހެން ނަމަވެސް މެޗުތަކުގައި ނަތީޖާ ނެރެން ޓީމުގެ ކުޅުންތެރިންކުރާ މަސައްކަތުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު އެންމެ ވިސްނަންޖެހޭ ކަމަކީ ގާތްގާތުގައި މެޗުތައް ކުޅެގެން ޓީމުގެ ހާލަތު އެންމެ ގޯސްވާނެ ދަނޑިވަޅެއް ނޭނގޭނެތީ ކަމަށް ބުންޏެވެ.