އައިއޯއައިޖީގައި ފުޓްބޯޅައިން ވާދަކުރާނީ ސީނިއާ ޓީމު

މި މަހު 19 އިން 29 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ޓީމު ކަމަށް އެފްއޭއެމުން ބުނެފި އެވެ.


ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޝޯގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވީ މުބާރާތުގައި ކުޅޭ ޓީމު ސްކޮޑު ފައިނަލްކޮށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިން ކަމަށެވެ. އަދި ދާދި ފަހުން އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނު ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން މި މުބާރާތަށް ޒުވާން ޓީމެއް ފޮނުވުމުގެ ވިސްނުމެއް އެފްއޭއެމުން ގެންގުޅުނެވެ. އެކަމަކު ސީނިއާ ޓީމެއް މި މުބާރާތަށް ފޮނުވަން ނިންމީ މިދިޔަ އަހަރުގެ ސާފް ކާމިޔާބުކުރި ޓީމަކީ ވެސް ނިސްބަތުން ޒުވާން ސްކޮޑަކަށްވެފައި އެ ކުޅުންތެރިންނަށް ވާދަވެރި އިތުރު މެޗުތަކެއް ދިނުމުގެ ގޮތުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އައިއޯއަައިޖީ އަށް ސްކޮޑު ނެގުމުގައި ގައުމީ ކޯޗު ޕީޓަ ސެގާޓާއި ޓެކްނިކަލް ޑިޕާޓްމަންޓުން ގޮތެއް ނިންމައި ސީނިއާ ޓީމަކަށް ފުރުސަތުދޭން ނިންމީ މި ވަގުތަށް ބަލާއިރު ރަނގަޅު މެޗުތަކެއް ގައުމީ ޓީމަށް ވެސް މުހިއްމުވާތީ އެވެ. އަދި ގައުމީ ސީނިއާ ޓީމުގައި މި ވަގުތު ވެސް ޒުވާން ކުޅުންތެރިން ގިނަ ކަމަށާއި އެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް މުހިއްމުވާނެ ކަމަށް ވިދާޅުވި އެވެ.

އޭއެފްސީ 23 އަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު ސެގާޓް "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ބުނީ މި އަހަރަކީ ގައުމީ ޓީމުގެ ތެރެއިން ކުރިއަށް ވުރެ ބޮޑަށް ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތުދޭނެ އަހަރެއް ކަމަށެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ރިޔޫނިއަންގައި އޮތް އައިއޯއައިޖީގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ބަލްގޭރިއާގެ ކޯޗު ވެލިޒާ ޕޮޕޯފް އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި މެޔޯޓް އަތުން 3-1 އިން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުން ސީޝެލްސް އަތުން 2-1 އިން މޮޅުވި އެވެ. އެކަމަކު ފަހު މެޗުން މަޑަގަސްކަރަ އަތުން 4-0 އިން ބަލިވީ އެވެ.

މި މަހު ފަށާ މި ފަހަރުގެ އައިއޯއަައިޖީގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގަ އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަވާނެ ކަމަށް ބެލެވެނީ މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންގައި ރަނގަޅު ވާދައެއް ކުރަމުން އަންނަ މަޑަގަސްކަރަ އެވެ. ވަރުގަދަ ނައިޖީރިއާ އަތުން 2-0 އިން މޮޅުވެ އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

މި ފަހަރުގެ އައިއޯއައިޖީ އަކީ ރާއްޖޭގެ ގައުމީ ޓީމަށް މުހިއްމު މުބާރާތެކެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކެއް މި އަހަރު އޮތުމާ އެކު އޭގެ ކުރިން ކުޅެލަން ލިބޭ ވާދަވެރި ރަނގަޅު މެޗުތަކަކަށް ވާތީވެ އެވެ. ކޮލިފައިން ގުރުނެގުން އޮންނާނީ މި މަހުގެ 17 ގަ އެވެ.