އޭއެފްސީގެ ބޮޑު ތަޖުރިބާއާ އެކު އަމީޒް އަލުން އެފްއޭއެމަށް

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާގެ ރެފްރީންގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހު ރާއްޖޭގެ މުހައްމަދު އަމީޒް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރެފްރީސް ޑިޕާޓްމަންޓްގެ މަސައްކަތާ ހަވާލުވެއްޖެ އެވެ.


ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައިވާ ތަޖުރިބާކާރު ރެފްރީ އަހުމަދު އަމީޒްގެ ބޭބެ މުހައްމަދު އަމީޒް، އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓް ހަރުދަނާކުރުމުގެ މަސައްކަތާ މިދިޔަ ހޯމަ ދުވަހު ހަވާލުވިއިރު، މިއީ އެ އިދާރާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "މިހާރު" އަށް ވިދާޅުވީ އަމީޒްގެ ތަޖުރިބާއާ އެކު އެ އިދާރާގެ ކަންތައްތައް މިހާރު ހުރި ހިސާބުން އެހެން ލެވެލަކަށް ގެންދަން ފުރުސަތު ފަހިވާނެ ކަމަށެވެ.

"މިއީ ދިވެހި ރެފްރީން ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް. އޭއެފްސީގައި މަސައްކަތްކޮށް އަމީޒަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އެފްއޭއެމުން ރެފްރީން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބޭނެ. އެފްއޭއެމްގެ މުބާރާތްތަކުގެ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ކަންތައްތައް ވެސް އިތުރަށް ހަރުދަނާވެގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

މީގެ ކުރިން 2017 ވަނަ އަހަރު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވިދާޅުވީ ރެފްރީންގެ ކުރިއެރުމަށް މިދިޔަ އަހަރުތަކުގައި މާގިނަ ކަންތައްތަކެއް ކުރެވިފައިނުވާ ކަމަށާއި ރެފްރީންގެ ކުރިއެރުވުމަށް ރޭވިފައި ހުރި ކަންތައްތައް ކުރިއަށްގެންދިއުމަށް ބޭރުން ރެފްރީސް ޑިރެކްޓަރެއް ގެންނާނެ ކަމަށެވެ.

އެ އަހަރު އޭއެފްސީގެ ރެފްރީސް ޑިޕާޓްމަންޓްގެ އެހީގައި މަސައްކަތްތައް ފަށާނެ ކަމަށް އެފްއޭއެމުން ބުނިއިރު، ރާއްޖޭގެ ލީގުގެ މެޗުތަކުގައި އޮފިޝަލްކަންކުރާ ރެފްރީންގެ ފެންވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެހެންވެ ފަހުން ބިދޭސީ ރެފްރީން ގެނެސްގެން ވެސް ރާއްޖޭގެ ލީގުގެ މެޗުތަކުގައި ރެފްރީކަންކޮށްފައިވެ އެވެ.

އަމީޒް އެނބުރި އައީ ބޮޑު އުއްމީދަކާ އެކު

އެފްއޭއެމްގައި 1999 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މަސައްކަތްކުރަމުން އައި އަމީޒް ވަނީ ރެފްރީންގެ ކަންތައްތަކުގައި އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. އާ ރެފްރީން ތަރައްގީކުރުމާއި އެހެނިހެން ގޮތްގޮތުން ވެސް ރެފްރީންގެ ކުރިއެރުމަށް ރަނގަޅު ގިނަ މަސައްކަތްތަކެއް ކުރުމުގެ ނަތީޖާއަކަށްވީ އޭނާ އަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމެވެ. އޭއެފްސީގެ ވަޒީފާ އަށް އަމީޒް ދިޔައީ 2007 ވަނަ އަހަރުގެ މާޗް މަހު އެވެ.

އޭއެފްސީގެ ރެފްރީސް ޑިޕާޓްމަންޓުގައި ގިނަ މަސައްކަތްތަކެއް ކުރި އަމީޒް ވަނީ އެ އިދާރާގެ ފަރާތުން އެކި ފެންވަރުގައި ރެފްރީންގެ ކުރިއެރުމަށް ތަފާތު ޕްރޮގްރާމް ހިންގައިފަ އެވެ. އޭގެތެރެއިން ކުރެވުނު ބައެއް މަސައްކަތްތަކުގައި ރާއްޖެ އަށް ވެސް އަ އެވެ. އަމީޒް ރަސްމީކޮށް އޭއެފްސީގެ ވަޒީފާ ދޫކޮށްލީ މިދިޔަ މަހު އެވެ.

ވަރުގަދަ ގިނަ މެޗުތަކުގެ ރެފްރީސް އެސެސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަމީޒް "މިހާރު" އަށް ބުނީ އަލުން ރާއްޖެ އައިސް އެފްއޭއެމާ ގުޅުނީ ދިވެހި ފުޓްބޯޅަ އަށާއި ދިވެހި ރެފްރީންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެ، އެކަމާ މެދު ބޮޑު އުއްމީދެއް އޮތުމުން ކަމަށެވެ.

"މި މަގާމަށް މި އައީ ދިވެހި ފުޓްބޯޅަ އަށް ހިދުމަތްތަކެއް ކޮށްދެން ބޭނުންވާތީ. ދިވެހި ރެފްރީންނަށް އެހީތެރިކަން ފޯރުކޮށްދެން ބޭނުންވާތީ. މި މަސައްކަތްކުރެވޭނެ. އުއްމީދު އެބައޮތް،" އަމީޒް ބުންޏެވެ.

ދިވެހި ރެފްރީން ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ ވަރުގަދަ މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. އަދި ރައްޖޭގައި ފެންވަރު ރަނގަޅު ރެފްރީން މަދުވަމުން އައި ނަމަވެސް ރަނގަޅު ރެފްރީން ވެސް އަދި އެބަތިއްބެވެ. އެކަމަށް ބާރު ލިބޭ އެއް ސަބަބަކީ އޭއެފްސީން މި އަހަރަށް ނެގި އެލީޓް ރެފްރީޒް ޕެނަލުން ރާއްޖޭގެ ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް) އަށް ފުރުސަތު ލިބުމެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ރެފްރީ ޖާވިޒް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީޒް ބުނީ މަަސައްކަތްކޮށްފި ނަމަ އެހެން ލެވެލަކަށް ދެވޭނެ ރަނގަޅު ރެފްރީން އެބަތިބި ކަމަށާއި އެ ފަދަ ރެފްރީންނަށް އޭނާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑު އޭއެފްސީގައި މަސައްކަތް ކޮށްފައި އައީމަ ރަނގަޅު ރެފްރީން މިނެކިރާގޮތް ތަފާތުވާނެ. އެއީ ވަރަށް ރަނގަޅު ރެފްރީން ފެންނާނީ. އެކަމަކު ހަގީގަތަށް ބުނާނަމަ ދިވެހިރާއްޖޭގައި ވެސް އެބަހުރި ޕޮޓެންޝިއަލް ހުރި ރަނގަޅު ރެފްރީން. މަސައްކަތްކޮށްގެން މި ރެފްރީން ވަރަށް ކުރިއަރާނެ. އެކަމަށް އެހީތެރިވެދޭނަން." އަމީޒް ބުންޏެވެ.

ފާއިތުވި ތިން ވަރަކަށް ސީޒަނުގައި ރާއްޖޭގައި ކުޅޭ ގިނަ މުބާރާތްތަކުގައި ރެފްރީންނާ ގުޅޭގޮތުން މެޗުތަކަށް ފަހު އަންނަ ޝަކުވާތައް ގިނަ އެވެ. ރެފްރީންގެ ތަރައްގީ އަށް ފާއިތުވި އަހަރުތަކުގައި އެންމެ އެދެވޭ ގޮތަށް ގިނަ ކަންތައްތަކެއް ކުރެވިފައިނުވެ އެވެ. އޭއެފްސީއާ ގުޅިގެން ބައެއް ޕްރޮގްރާމްތައް ހިންގި ނަމަވެސް ދުވަހުން ދުވަހަށް ރެފްރީންގެ މަސައްކަތް ބެލެހެއްޓޭނެ އެންމެ ރަނގަޅު ނިޒާމެއް ނެތްކަން ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ފާހަގަކުރި އެެވެ. އެކަމަކު އަމީޒް ފަދަ ތަޖުރިބާކާރަކު ރެފްރީންގެ ޒިންމާއާ އަލުން ހަވާލުވުމަކީ ކަންތައްތައް ރަނގަޅުކުރެވޭނެކަމަށް ފުޓްބޯޅައިގައި އުޅޭ ގިނަ ބަޔަކަށް ލިބޭނެ އުއްމީދެކެވެ.