ދަ ގްރާންޑޭ ބަލިކޮށް ގްރީން ސްޓްރީޓްސް ފުރަތަމަ މޮޅު ހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-0 އިން ކުރިހޯދައި ގްރީން ސްޓްރީޓްސް އިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. މިއީ މި މެޗާ ހަމައަށް މޮޅުވުމުގެ ރެކޯޑަކާ އެކު އައި ދަ ގްރާންޑޭ ބަލިވި ފުރަތަމަ މެޗެވެ.


މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ މި މެޗުން ބަލިވި ނަމަވެސް، ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

ގްރީން ސްޓްރީޓްސް އިން މި މެޗަށް ނުކުތީ ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން (ޔާން) އާއި އަބްދުﷲ މިސްބާހު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަނެއްކޮޅުން ދަ ގްރާންޑޭގެ ބިދޭސީ މިޑްފީލްޑަރު ކްރިސްޓިއަން ޑޮޑްޒީ ދެ ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ވަނީ ސަސްޕެންޑްވެފަ އެވެ.

މެޗުގެ ދެ ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ޖެހި ބޯޅަ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ދަ ގްރާންޑޭ އިން މެޗުގެ ތެރެއަށް ވަދެ، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އަހުމަދު އިމާޒް (އާއްކޮ) ޖެހި ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ގާސިމް ސައްމާމު (ސައްމެ) އެވެ،

ދަ ގްރާންޑޭ އިން މެދުތެރޭގައި ރަނގަޅު ކުޅުމެއް ދައްކައި އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރަމުންދިޔައިރު، އެ ޓީމުގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ޖެހި ބާރު ބޯޅަ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ލީޑު ނެގީ މެޗުގެ 38 ވަނަ މިނިޓްގައި މިސްބާހު ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން އޭނާ ޖެހި ބޯޅައިގައި މާ ބާރެއް ނެތުމުން ކީޕަރު ފައިސަލް ހުއްޓުވާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ އަތްމަތިން ގޮސް ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން ސްޓްރީޓްސް އިން ވަނީ މެދުތެރެ ވަރުގަދަކުރުމުގެ ގޮތުން ޔާންގެ ބަދަލުގައި ރިހާމް އަބްދުލް ގަނީ (ބޮބީ) ކުޅެން އަރުވައިފަ އެވެ. އަނިޔާގައި ހުރި ޔާންގެ ބަދަލުގައި އެރި ބޮބީ އަކީ ކުރިން ގްރީން ސްޓްރީޓްސް ކުޅުނު ތިން މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނި ކުޅުންތެރިއެކެވެ.

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފް ފަށައިގެން ދަ ގްރާންޑޭ ހާފުގައި ގިނަ ވަގުތު ކުޅުނުއިރު، މެޗުގެ 60 ވަނަ މިނިޓުގައި މިސްބާހު ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ހަ މިނިޓް ފަހުން މިސްބާހު ވަނީ ގްރީން ސްޓްރީޓްސްގެ ލީޑު ފުޅާކޮށްދީފަ އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށްލާފައި ދިން ބޯޅަ މިސްބާހު ވަނީ ކީޕަރު ފައިސަލަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ 79 ވަަނަ މިނިޓްގައި ދަ ގްރާންޑޭގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ޖެހި ބޯޅަ ކީޕަރު ލަބާން އަތުގައި ޖެހިފައި ދިޔައީ ބޭރަށެވެ. ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު، ޕެނަލްޓީ އަކުން ޖެހީ ދަގަނޑޭ އެވެ. އޭނާ ފޮނުވާލީ ޕެނަންކާ ޕެނަލްޓީ އެކެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗު ފަށައިގެން އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު ދެ ލަނޑު ވަނުމުން ކުޅުންތެރިންގެ ޓެކްޓިކަލް ޑިސިޕްލިން ގޯސްވެގެންދިޔަ ކަމަށެވެ. އަދި ގްރީން ސްޓްރީޓްސް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ދަ ގްރާންޑޭ އިން ހަދާ ގޯހެއްގެ ފައިދާ އެ ޓީމުން ނަގާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ލީގެއް ނޫން. ގްރީން ސްޓްރީޓްސް އަކީ ތަޖުރިބާކާރު ރަނގަޅު ކުޅުންތެރިންނާ އެކު ލީގަށް ވާދަކުރާ ޓީމެއް. ދަ ގްރާންޑޭގެ ޓާގެޓަކީ ގަދަ ހަތަރެއް. އެ މަސައްކަތުގައި މި ޓީމު ބަލިވިޔަސް އެހެން ނަތީޖާއެއް ނުކުތް ނަމަވެސް ކުރިއަށްދާނީ،" ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ޕްރެޝަރެއް ނެތި ދަ ގްރާންޑޭ އިން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު ފުރަތަމަ ލަނޑާ އެކު ގްރީން ސްޓްރީޓްސް އަށް ފަސޭހަތަކެއް ވެގެންދިޔަ ކަމަށެވެ. އަދި މި މެޗުން ތިން ޕޮއިންޓް ލިބުމުން ދެން ވިސްނާނީ މި ލިބޭ ބްރޭކްގައި ޓިމުގައި ރަނގަޅުކުރަން ހުރި ކަންތައްތަކަށް ހައްލެއް ހޯދުމަށް ކަމަށާއި ބޭނުންވާ އަމާޒަށް ވާސިލްވާނަމަ އެ ޓީމުން މަސައްކަތްކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަަމަށް ސުޒޭން ބުންޏެވެ.