ވިކްޓްރީ އަތުން ފޯކައިދޫ އަށް އުނދަގޫ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ވިކްޓްރީ އަތުން 1-0 އިން ށ. ފޯކައިދޫ އުނދަގޫ މޮޅެއް ހޯދައިފި އެވެ.


މި މޮޅާ އެކު ފޯކައިދު ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަށް ވަނައިގައި އޮތް ވިކްޓްރީ އަށް އަދި ހަތަރު މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

ފުރަތަމަ ޑިވިޝަނަށް އާ ގިނަ ޒުވާން ކުޅުންތެރިންނާ އެކު މި ފަހަރު ލީގުގައި ވާދަކުރާ ވިކްޓްރީ މި މެޗަށް ނުކުތީ މިދިޔަ ތިން މެޗުން އެ ޓީމު ބަލިވިއިރު ގޯލުގައި ހުރި ކީޕަރު އަހުމަދު މުހައްމަދުގެ ބަދަލުގައި އަހުމަދު ރަމީޒް ކުޅެން އަރުވައިގެންނެވެ. ވިކްޓްރީން މި މެޗުގެ ކުރިން ކުޅުނު މެޗުތަކުގައި ކޮޅަށް 12 ގޯލު ވަންއިރު އޭގެ ތެރެއިން އަށް ގޯލު ވަނީ ކީޕަރު އަހުމަދަށް ހެދުނު ގޯހަކުންނެވެ. މި މެޗުގައި ވިކްޓްރީ ގޯލު ބެލެހެއްޓި ރަމީޒް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ހަތަރު ވަނަ މިނިޓްގައި ފޯކައިދޫގެ މިސްރު ފޯވާޑް މުސްތަފާ ސެޑިކް އޭރިއާތެރެއިން ޖެހި ބާރު ބޯޅަ ކީޕަރު ރަމީޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފޯކައިދުން އިތުރު ފުރުސަތުތައް ތަނަވަސްކުރަން ކުރި މަސައްކަތް ހުއްޓުވުމުގައި ވިކްޓްރީން ދިޔައީ ކުރި ހޯދަމުންނެވެ.

ވިކްޓްރީ އަށް ލީޑުނަގައިދޭން މެޗުގެ 21 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް ޔޫސުފް ޖައިޝަމް (ޖައި) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ފޯކައިދޫގެ ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބް ކައިރިން ނައްޓާލުމަށް ފަހު ޖައި އެ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަތުން އެ ފުރުސަތު ގެއްލުނީ އެވެ.

އޭގެ ފަހުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ފޯކައިދޫގެ ސެޑިކަށް އިތުރު ދެ ފުރުސަތު ލިބުނެވެ. އެ ގޮތުން މެޗުގެ 27 ވަނަ މިނިޓްގައި ސެޑިކް ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ 10 މިނިޓް ފަހުން އަލީ ޝާމިއު (މައިތޯ) ނަގައިދިން ހުރަހަކުން ސެޑިކް ބޮލުން ޖަހަން އެރި ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވި އެވެ.

ފޯކައިދޫގެ ސެޑިކް (ވ) ޖަހާ ބޯޅަ ކީޕަރު ރަމީޒް ހުއްޓުވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ކުރީކޮޅުގައި ފޯކައިދޫގެ އަންސަރު އިބްރާހިމް (އަންކޮ) އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ޖެހި ދެ ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި ސެޑިކް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މި މެޗުގައި ފޯކައިދުން ޖެހި ހަމައެކަނި ގޯލު މެޗުގެ 73 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސެޑިކް އެވެ. އޭރިއާތެރެއިން ވިކްޓްރީ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސެޑިކް ވަނީ ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ. ބޮލުން ބޯޅަ ފޮނުވާލިއިރު ސެޑިކަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވި އެވެ.

އެހެން މެޗުތަކަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކި ވިކްޓްރީން އޭގެ ފަހުން ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މާޒިޔާ އަތުން އެންމެ ފަހުން ކުޅުނު މެޗުގައި އެއްވަރުވީ އެ ވަރުގެ ޓީމަކާ ދެކޮޅަށް އެ ކަހަލަ ޓާގެޓަށް ވިސްނައިގެން ކުޅެގެން ކަމަށާއި މި މެޗުން ޓާގެޓްކުރީ ތިން ޕޮއިންޓަށް ކަމަށްވެފައި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. ނިސްތާރު ވަނީ ވިކްޓްރީގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ މި މެޗުގައި ފެނުނު ކުޅުމުން ލީގުގައި ވާދަކުރެވޭނެ ފެންވަރު އެ ޓީމުގެ ހުރިކަން އެނގިގެންދިޔަ ކަމަށާއި މި ގޮތަށް އެހެން މެޗުތަކުގައި ނުޖެއްސީ ސީޒަނުގެ އެހާ ކުރީކޮޅުގައި އަނިޔާގެ މައްސަލަތައް ގޯސްވެދާނެތީ ކަމަށެވެ.

މުހައްމަދު ބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ވިކްޓްރީ އަށް މި ލިބުނީ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ބްރޭކުގެ ފަހުން އެނބުރި އަންނައިރު ވިކްޓްރީ ރަނގަޅުވާނެ ކަމަށެވެ.