އައިއޯއައިޖީގެ މަަސައްކަތުގައި ދެ މިނިސްޓަރުން ގައުމުތަކަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުންގެ ގޮތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގައުމުތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ވަފުދުގެ ބޭފުޅުން ވޭތުވެދިޔަ ދެ ދުވަހު ރާއްޖޭގެ ހުރިހާ ވަސީލަތްތަކެއް ބެލުމަށް ފަހު ވަނީ ސަރުކާރާއި ކުޅިވަރުގެ އެކި ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ.

ރަސްމީ ދަތުރު ނިންމާލުމަށް ފަހު ރޭ ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ރާއްޖެ އަށް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ބެއްލެވުމުގެ ދަށުން އައިއޯއައިޖީގެ ކަންކަން ކުރިއަށް ގެންދަވަމުން އަންނަ ކަމަށާއި މުޅި ސަރުކާރު މިކަމުގައި ބައިވެރިވާ އިރު ކުޅިވަރު އާއިލާ ވެސް އޮތީ މިކަން ކާމިޔާބު ކުރުމަށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑު ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން އަޅުގަނޑާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެ މީހުންވެސް އެބަފުރަން މި ގައުމުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުންގެ ގޮތުގައި، އަޅުގަނޑުމެން މިދަނީ ހަމަ މި މަސައްކަތަށް،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިޑް ކާމިޔާބު ކުރުމުގެ މަސައްކަތުގައި ކުރާ މި ދަތުރުގައި ޝީޝެލްސްގެ ރައީސް އާއި ކޮމޮރޯސްގެ ބޮޑުވަޒީރާއި މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެ އިން މި އަހަރުގެ ގޭމްސް ބޭއްވުމަށް 2015 ވަނަ އަހަރު ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފަހު ދެން އޮތް އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރަށް ހިޔާލު ދިނުމުން އެކަން ކުރުމަށް ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވައިފަ އެވެ.

އައިއޯއައިޖީ ބޭއްވުމަށް ރާއްޖޭން ބިޑްކުރިއިރު، އެކަމަށް ލިބިގެންދިޔަ އެންމެ ބޮޑު ފަސޭހައަކީ ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭން ވެސް މިއާ ގުޅޭ ގޮތަށް އޮތުމެވެ. ފަސް ސަރަހައްދަކަށް ބަހާލައިގެން ސަރުކާރުން ތަރައްގީގެ މަސައްކަތްކުރާއިރު ސްޕޯޓްސް އިންފްރާސްޓްރަކްޗާ ވެސް ތަރައްގީ ކުރާނީ ވެސް އެ ގޮތަށެވެ. މިއީ ރާއްޖެ އައި ގޭމްސްގެ ވަފުދަށް ވެސް އެންމެ ކަމުދިޔަ އެއް ކަންތައްތަކެވެ.

ބައިނަލްއަގްވާމީ އެކި މުބާރާތްތައް ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ކުރިއަށްދިޔަ އެވެ. މި އަހަރު ވެސް ރާއްޖޭގައި އެކި ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަން ތާވަލުކޮށްފައިވާ އިރު، ސަރުކާރުން އަންނަނީ އެ ކަން ކަމަށް ވެސް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

މި މަހުގެ 19-29 އަށް މޮރިޝަސްގައި އޮންނަ މި ފަހަރުގެ އައިއޯއައިޖީ އަށް ރާއްޖޭގެ ޓީމުތަކުން ތައްޔާރުވަމުން އަންނައިރު މިނިސްޓަރު މަހުލޫފް ވަނީ އެ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. ބައެއް ތަމްރީނުތަކުގައި ކުޅުންތެރިންނާ އެކު އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގެންނެވިއިރު އެކި ފުރުސަތުތައް ވަނީ ހޯދައިދީފަ އެވެ. އެ ގޮތުން ގައުމީ ފިިރިހެން ވޮލީ ޓީމު މިހާރު އަންނަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. މިއީ ގައުމީ ޓީމެއް ޔޫރަޕްގައި ކުރާ ފުރަތަމަ ކޭމްޕެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ބާއްވަން ރާއްޖޭގެ އިތުރުން ރާއްޖޭގެ އިތުރުން ކޮމޮރޯސް އާއި މަޑަގަސްކާ އިން ވަނީ ބިޑްކޮށްފަ އެވެ. ގޭމްސް ބާއްވާނެ ގައުމެއް ކަނޑައަޅައި އިއުލާނުކުރާނީ މި ފަހަރުގެ އައިއޯއައިޖީ ނިންމުމުގެ ރަސްމިއްޔާތާ ވީހާ ވެސް ގާތްކޮށް ކަމަށް ގޭމްސްގެ ވަފުދުން ވަނީ ބުނެފަ އެވެ.