އީގަލްސްއާ އެއްވަރުވެ މާޒިޔާ އިން ފުރުސަތު ނަގާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު މާޒިޔާ އިން ނަގާލައިފި އެވެ.


ލީގުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. މި ފަހަރުގެ ސީޒަނަށް ވަރުގަދަ ތައްޔާރީތަކާ އެކު ނުކުތް މާޒިޔާ ދެ ވަަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ނިސްބަތުން ބަލާއިރު ދަ ގްރާންޑޭ އަށް ވުރެން މާޒިޔާ ކުޅުނީ އުނދަގޫ މެޗުތަކެކެވެ. މާޒިޔާ އަށް މައްސަލަ ދިމާވީ ށ. ފޯކައިދޫއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުންނެވެ.

މިރޭގެ މެޗަށް ފަހު ލީގު ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މެދު ކަނޑާލައިފަ އެވެ. މޮރިޝަސްގައި ބާއްވާ އައިއޯއައިޖީ ކުރިއަށްދާނީ މި މަހު 18 އިން 28 އަށެވެ.

މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނީ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި މާޒިޔާ ކޮޅަށް މި މެޗުގައި ވަން ގޯލަކީ މެޗުގައި އެ ޓީމަށް ހެދުނު ބޮޑު ގޯހަކުން އީގަލްސް އިން ކާމިޔާބުކުރި ލަނޑެއް ކަމަށެވެ. އަދި މި މެޗުން އެއްވަރުވެ ލީގުގެ އެއް ވަނަ އަށް އަރަން މި ވަގުތު ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް އެއީ އޭނާ ހާސްވާކަމެއް ނޫން ކަމަށް ބުންޏެވެ.

"ކުރިން ވެސް ބުނިހެން މި ވަގުތު އެއް ވަނަ އަށް އެރުމެއް ނޫން މުހިއްމީ. އެއީ ބްރޭކެއް އަައިސްދާނެ އެއް މެޗެއް ނޫނީ ފަސް މެޗެއް ނިންމާފައި. އޭރު އެއް ވަނައިގައި އޮވެގެން ކުރާނެ ފައިދާއެއް ނެތް. ބޭނުންވަނީ ލީގު ނިމޭއިރު އެއް ވަނައިގައި އޮންނަން. އެއީ އެންމެ މުހިއްމު ކަމަކީ. އެއީ މި ވަގުތު އެއް ވަނައިގައި އޮވެގެން އެ މަގާމު ނުދެމެހެއްޓޭނަމަ އެއީ މާ ގެއްލުން ބޮޑުވާނެ ކަމެއް،" ކުރިން މިޔަންމާ ލީގުގައި ކާމިޔާބު މަސައްކަތްތަކެއްކުރި ސެކުލޮސްކީ ބުންޏެވެ.

މިރޭގެ މެޗަށް ނުކުތްއިރު އަނިޔާގެ ސަބަބުން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ސަމޫހު އަލީ (ސަމުއްޓެ) ނުކުޅެ އެވެ. އެކަމަކު އެންމެ ފަހުން ޓީސީ މެޗުގައި ނުކުޅެވުނު މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަނެއްކޮޅުން އީގަލްސްގެ އުޒްބެކިސްތާން ޒުވާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް ވެސް ހުރީ އަނިޔާގަ އެވެ.

އީގަލްސް އިން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ކުޅެ ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އީގަލްސްގެ އުޒްބެކިސްތާން މިޑްފީލްޑަރު އުމަރުޔޯނޯފް އަކްރޯފް ޖެހި ބޯޅަ މާޒިޔާގެ އަފްގާނިސްތާނުގެ ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން މާޒިޔާގެ އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އަށް މެޗުގައި ލިބުނު ފުރަތަމަ ހުސް ފުރުސަތުން އެ ޓީމަށް މެޗުގެ 11 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ އިބްރާހިމް ވަހީދު (އިއްބެ) އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ ނާއިޒު ހަސަން (ދާދު) ހުސްކޮށްލާފައި ބޮލުން ޖައްސާލީ އިއްބެ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ލީޑުފުޅާކުރަން މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާތެރެއިން މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެެވެ. އޭގެ މިނިޓެއް ފަހުން އޭރިއާ ތެރެއިން އިރޭ ބޮލުން ޖެހި ނުރައްކާތެރި ބޯޅަ ވެސް ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.

ފުރަތަމަ 20 މިނިޓަށް ފަހު އީގަލްސް އިން މާޒިޔާ ހާފް ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާ ރަނގަޅު އެޓޭކްތަކެއް ނުކުރެވެ އެވެ. ފުރަތަމަ ހާފުގައި އީގަލްސް އަށް އެއްވަރުކޮށްދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ކުރިއަށް ކުޅޭ މުހައްމަދު ނާއިމް އަށެވެ. އޭރިއާ ތެރެއިން ހުސްކޮށް ނާއިމަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު އަޒީޒީ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން އީގަލްސް ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 60 ވަނަ މިނިޓްގައި ނާއިމް ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ހަސަން ރާއިފް (ހަންނަ) އެވެ. އޭގެ ހަ މިނިޓް ފަހުން ހަންނަ ހުސްކޮށް ހުރެފައި ގޯލަށް ޖެހި ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އެވެ.

އީގަލްސް އަށް އެއްވަރުކޮށްދިނީ މެޗުގެ 74 ވަނަ މިނިޓްގައި އުމަރުޔޯނޯފް އެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި އުމަރުޔޯނޯފަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ދުރުކަަނަށް އަމާޒުކޮށްލައިފަ އެވެ. އިތުރު ވަގުތުގައި އީގަލްސް އަށް ލީޑުނަގައިދޭން އުމަރުޔޯނޯފް ޖެހި ބޯޅަ ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

ލީގުގައި ފުރަތަމަ ޓީސީއާ އެއްވަރުވި މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ އޭއެފްސީ ޕްރޯ ލައިސަންސް ކޯހުގެ ބައެއް ފުރިހަމަކުރަން ޖަޕާނަށް ގޮސްފަ އެވެ. އޭގެ ފަހުން މިރޭ ތިން ވަނަ މެޗު އެ ޓީމުން ކުޅުނުއިރު ލީޑުކުރީ އަހުމަދު ނިމާދު (ނިމާ) އެވެ.

އީގަލްސްގެ މެނޭޖަރު މުހައްމަދު އިނާން ބުނީ މިއީ އެ ޓީމުގެ ކުޅުންތެރިން ބުރަކޮށް މަސައްކަތްކޮށްގެން ހޯދި ވަރަށް ރަނގަޅު ނަތީޖާއެއް ކަަމަށާއި ބްރޭކަށް ފަހު ރަނގަޅު ފޯމެއްގައި އަންނަން ބަލާއިރު މި މެޗުގެ ނަތީޖާގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ.

ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އީގަލްސް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. އީގަލްސްއާ އެއްވަރަށް ޔުނައިޓެޑް ވިކްޓަރީން ޕޮއިންޓް ހޯދި ނަމަވެސް ފައިދާ ގޯލުން އެ ޓީމަށް ލިބެނީ ހަ ވަނަ އެވެ. .

އައިއޯއައިޖީ އަށް ފަހު ލީގުގެ ކުޅުން ފަށާނީ އަންނަ މަހު 3 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ފ. ނިލަންދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާ އެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ ކުޅޭނީ ވިކްޓްރީއާ އެވެ.