އައިއޯއައިޖީ އިން ކުޅުންތެރިން ވަޒަންކުރެވޭނެ: ގައުމީ ކޯޗު

މި މަހު 18-29 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭން އެންމެ ބޮޑަށް ބަލާނީ 2022 ގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ޓީމުގެ ކުޅުންތެރިންގެ ފެންވަރު ވަޒަންކުރަން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


އައިއޯއަައިޖީ އަށް ހާއްސަކޮށްގެން ޕީއެސްއެމް އިން ގެނެސްދޭ "މި ފަހަރުވެސް ގޯލްޑް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސެގާޓް ބުނީ ރާއްޖޭގެ ޓީމުތަކުން އޭއެފްސީ ކަޕްގައި މި ފަހަރު ނުކުޅޭތީ އާއި ސީޒަން ލަހުން ފެށުމާ އެކު މިއީ ގާތްގަނޑަކަށް ހަތް މަސް ދުވަހުގެތެރޭގައި ކުޅުންތެރިންނަށް ފުޓްބޯޅަ ކުޅެން ފެށުނު ދުވަސްތަކަކަށްވާތީ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެ ކަމަށެވެ.

"އަހަރެން ވަރަށް އުފާކުރަން ހުރިހާ ކުޅުންތެރިން އަލުން ކުޅެން ފެށީމަ. އެކަމަކު އަހަންނަށް އުފާކުރެވެން ނެތީ އެ ކުޅުންތެރިންގެ ހާލަތު ނޭނގޭތީ. އަހަރެން ސާފް ސުޒުކީ ކަޕް މިދިޔަ އަހަރު ކާމިޔާބުކުރީ ހަ ހަފުތާ މި ކުޅުންތެރިންނާ އެކު ޓްރެއިނިންގައި އުޅެފައި. އެކަމަކު މި ފަހަރު އައިއޯއައިޖީ އަށް މި ދަނީ ފަސް ދުވަހުގެ ޕްރެކްޓިހެއް ނިންމާފައި. މިއީ އުނދަގޫކަމެއް،" ސެގާޓް ބުންޏެވެ.

އައިއޯއައިޖީ އަށް ސީނިއާ ޓީމެއް ފޮނުވަން އެފްއޭއެމުން ނިންމި ނަމަވެސް ކުރިމަތިވި އަނެއް ޗެލެންޖަކީ ޖޫން މަހު ސީޒަން ފެށުމުގެ ކުރިން، މި މުބާރާތުގައި ކުޅޭނެ ޓީމު ލިސްޓު ފޮނުވަންޖެހުމެވެ. އެހެންވެ ޓީމު ނެގުމުގައި ދަތިތަކެއް ދިމާވިކަން ގައުމީ ކޯޗު ސެގާޓާއި އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވަނީ ފާހަގަކޮށްފަ އެވެ.

ސެގާޓް ބުނީ އައިއޯއައިޖީ އަށް ދާ ޓީމުގައި ދުވަސްވީ ކުޅުންތެރިން ނުހިމެނީ އެ ކުޅުންތެރިން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ބެހެއްޓުމުގެ ގޮތުން ކަމަށާއި އެ ކުޅުންތެރިންނާ އެއްވަރަށް އެހެން ކުޅުންތެރިން ތަރައްގީކުރަން އައިއޯއައިޖީގެ ބޭނުންހިފާނެ ކަމަށެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ޝާކިއްޓެ (ކ) އާއި ބެލްޖިއަމްގެ ކޯޗު ގެލާ ޝެކިލާޒޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަހަންނަށް އެނގޭ މި މުބާރާތުގެ ދެ ވަނަ ބުރަށް ވެސް ރާއްޖެ އަށް ނުދެކޭވަކަން. ދުވަސްވީ ކުޅުންތެރިން ލައިގެން ވެސް. އެކަމަކު މިހާރު މި އޮތީ ތަފާތު ހާލަތެއް. މިއީ ވޯލްޑް ކަޕް ކޮލިފައިންގެ ކުރިން އަހަރެމެންނަށް ވާދަވެރިކޮށް ކުޅެލަން ލިބޭ ރަނގަޅު މެޗުތައް. މި ފުރުސަތުގެ ބޭނުން ހިފާނީ ވޯލްޑް ކަޕް ކޮލިފައިންގައި ބޭނުންކުރެވޭނެ ޒުވާން ކުޅުންތެރިންތަކެއް ހޯދަން. އެއީ ސީނިއާ ޕްލޭޔަރަކަށް އަނިޔާވިޔަސް ބަދަލުތަކެއް އެބަބޭނުންވޭ،" ސެގާޓް ބުންޏެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ރިޔޫނިއަންގައި އޮތް އައިއޯއައިޖީގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ބަލްގޭރިއާގެ ކޯޗު ވެލިޒާ ޕޮޕޯފް އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި މެޔޯޓް އަތުން 3-1 އިން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުން ސީޝެލްސް އަތުން 2-1 އިން މޮޅުވި އެވެ. އެކަމަކު ފަހު މެޗުން މަޑަގަސްކަރަ އަތުން 4-0 އިން ބަލިވީ އެވެ.

މި ފަހަރުގެ އައިއޯއަައިޖީގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގަ އެވެ. ސެގާޓް ބުނީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ތިބި ކުޅުންތެރިންނަކީ މަތީ ފެންވަރުގެ ޓްރެއިނިންތަކެއް ލިބި ރަނގަޅު ލީގެއްގައި ކުޅެފައިވާ ކުޅުންތެރިން ކަމަށާއި އެކަމަކު ވެސް ރާއްޖޭން ނުކުންނާނީ އަމިއްލަ ފެންވަރުގައި ހޯދުނު ކުރިއެރުން ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

"ކޮންމެ ޓީމެއް އިދިކޮޅަށް ނުކުތް ކަމުގައި ވިޔަސް ބޭނުންވަނީ އަހަރެމެން މިދިޔަ އަހަރުގެ ސާފްގެ ކާމިޔާބީ އަށް ފަހު ދެން ކުރިއަށްދާނެ ގޮތެއް ހޯދަން. ބޭނުންވަނީ ކުރިއެރުން ވަޒަންކުރަން،" ސެގާޓް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގެ ގުރުއަތުލުން އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ. ކޮލިފައިން ފަށާނީ ސެޕްޓެމްބަރު މަހުގަ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ޝާކިއްޓެ ބުނީ މިދިޔަ އަހަރުގެ ސާފް ކާމިޔާބުކުރި ޓީމާ އަޅާކިޔާއިރު ތިން ބައި ކުޅެ ދެ ބައި މި ފަަހަރު ޓީމު އޮންނާނީ ބަދަލުވެފައި ކަމަށާއި މިދިޔަ މާޗް މަހު އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނު ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އައިއޯއައިޖީ އަށް ނެގި ސްކޮޑު އެފްއޭއެމުން ރަސްމީކޮށް އަދި މީޑިއާ އަށް ހިއްސާކޮށްފައިނުވާއިރު، ޕްރެކްޓިސް ފަށަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. ގޭމްސް އަށް ފުރާ ދުވަސް ކައިރިވެފައި އޮތުމުން ކުރިން ދާން ހަމަޖެހިފައި އޮތް ޓްރެއިނިން ކޭމްޕް ނުދާ ގޮތަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.