ފުރަތަމަ މެޗުގައި ރާއްޖެ ކުޅޭނީ ބޫޓާނާ ދެކޮޅަށް

އައްޑޫގައި މި މަހު ބާއްވާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހިއްޖެ އެވެ.


ޔުއެފާގެ އެހީގައި އެފްއޭއެމުން އިންތިޒާމްކޮށްގެން ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅޭ މުބާރާތުގެ ހުރިހާ މެޗެއް ވެސް ތާވަލުކޮށްފައިވަނީ ހަވީރު ވަގުތުގަ އެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު 20 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހު 23 ވަނަަ ދުވަހު ސައުދީ އަރަބިއާއާ ބައްދަލުކުރާނެ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ކުޅެންޖެހޭނީ ޔޫރަޕްގެ ޓީމެއް ކަމަށްވާ ލެޓްވިއާއާ އެވެ. އެ މެޗު އޮންނާނީ މި މަހު 27 ވަނަ ދުވަހު އެވެ. އެ އަށް ފަހު ފައިނަލް މެޗު ކުޅޭނީ މި މަހު 29 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ހުންނާނީ ކުރިން ވެސް އެ މަގާމުގައި ފުރަމުން އައި ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ހަލީމް (ޖަޑާ) އެވެ. އޭނާ ބުނީ މި ފަދަ ބޮޑު މުބާރާތަކަށް ޕްރެކްޓިސް ފެށުނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަމަށާއި އެހެން ނަމަވެސް މުބާރާތާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ.

"ފުރަތަމަ މި އޮތީ އަޅުގަނޑުމެން ވާދަކުރެވޭނެ މެޗެއް. އެއީ ބޫޓާން، އެ ޓީމުއަތުން އިރާދަކުރެއްވިއްޔާ މޮޅުވެވޭނެ. ދެން އެ އޮތް ސައުދީ އަރަބިއާ އާއި ލެޓްވިއާ އަކީ އަޅުގަނޑުމެންގެ ލެވެލެއް ނޫން. އެއީ މާ މަތީ ލެވެލެއް. އެ ޓީމުތަކާ ކުޅޭއިރު އޮންނާނީ ބައިކޮޅަށް ވަންނަ ގޯލު މަދުކޮށް ސްކޯ ދަށްކުރުން،" ޖަޑާ ބުންޏެވެ.

އޭނާ ބުނީ ޓީމުގައި މިހާރު ތިބި ކުޅުންތެރިން ވެސް ރަނގަޅު ކަމަށާއި އެ ކުޅުންތެރިން އިތުރަށް ރަނގަޅު ކުރެވޭނީ ގިނަ ދުވަހު މަސައްކަތްކޮށްގެން ކަމަށާއި އިތުރު ކުޅުންތެރިން ހޯދަން އަތޮޅު ތެރެއަށް ދާން ޖެހޭ ކަމަށެވެ.

މާލޭގައި ބާއްވަން އެންމެ ފުރަތަމަ މަސައްކަތް ކުރި މި މުބާރާތް އައްޑޫ އަށް ބަދަލުކުރީ މީގެ ކުރިން ވެސް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ގިނަ މުބާރާތްތަކެއް ކުޅެފައިވާތީ އެވެ. އެ ގޮތުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ބައެއް މެޗުތަކާއި 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގައުމީ ސްޓޭޑިއަމް ބޭނުންކުރުމުން، ވިނަގަނޑު ހަލާކުވުމުން ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ވަނީ އައްޑޫގައި ކުޅެފަ އެވެ. އަދި އެ މުބާރާތުގެ ބައެއް މެޗުތައް ހދ. ކުޅުދުއްފުށީގައި ވެސް ކުޅުނެވެ.

ޔުއެފާ އެހީގައި ބާއްވާ މި މުބާރާތް އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ގިނަ އަހަރުތަކަކަށް ފަހު ރާއްޖޭގައި ބާއްވާ އުމުރުފުރާ ގައުމީ ޓީމެއްގެ ފުރަތަމަ މުބާރާތް ކަމަށާއި މިއީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެ ގެނައުމުގެ ފެށުމެއް ކަމަށެވެ.

ގައުމީ ޓީމަށް ކުޅެފައިވާ އައްޑޫގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ މި ފަދަ މުބާރާތެއް އައްޑޫގައި ބޭއްވުމަކީ ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށާއި މިއީ އައްޑު އަށް ވެސް ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މީގެ ކުރިން އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ވާދަވެރި މެޗުތަކެއް ނުލިބޭތީ އެވެ. އެކަމަކު ފަހަކަށް އައިސް އެފްއޭއެމުން އަންނަނީ ޔޫތު ފުޓްބޯޅަ އަށް އަމާޒުކޮށް ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. އެ ގޮތުން 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް މިދިޔަ އަހަރު ލީގެއް ވަނީ ފަށައިފަ އެވެ. އަދި އެ މުބާރާތް މި އަހަރު 14 އަހަރުން ދަށަށް ޚާއްސަ ކުރަން ވަނީ ނިންމައިފަ އެވެ.