ރާއްޖޭގެ ވޮލީ އަށް ބޭނުންވަނީ ދުރުރާސްތާ ޕްލޭނެއް: ކޯޗު

ރާއްޖޭގެ ވޮލީ އަށް މި ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތަކަށް ކާމިޔާބީތަކެއް ހޯދަން ބޭނުން ނަމަ އެންމެ މުހިއްމު ކަމަކީ ދުރުރާސްތާ ޕްލޭނެއް ފަށައި ޒުވާން އުމުރުގައި ވޮލީ ކުޅުންތެރިން ހޯދައިގެން ރަނގަޅު ތަމްރީންތަކެއް ދީގެން އޭގެތެރެއިން ގައުމީ ޓީމެއް އެކުލަވާލުން ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.


ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ސާބިއާ އަށް ކުރެއްވި ދަތުރުގައި ހޯދައިދިން ފުރުސަތެއްގައި ރާއްޖޭގެ ގައުމީ ފިިރިހެން ވޮލީ ޓީމު މިހާރު އަންނަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުންނެވެ. މި ޓްރެއިނިން ކޭމްޕްގެ ތެރެއިން، ދުނިޔޭގެ ވޮލީގެ ގަދަ ބާރެއް ކަމަށްވާ ސާބިއާގެ ގިނަ ތަޖުރިބާކާރުންނާއި ފެންވަރު ރަނގަޅު ކޯޗުން އަންނަނީ އެކި ގޮތްގޮތުން ރާއްޖޭގެ ވޮލީ ކުރިއެރުވޭނެ ގޮތްތަކާ ބެހޭ މުހިއްމު މައުލޫމާތު ރާއްޖެ އަށް ހިއްސާކުރަމުންނެވެ. ގައުމީ ކޯޗު ކާއްޓޭ ސިފަކުރާ ގޮތުގައި ލިބެނީ އަގުނުކުރެވޭ ފަދަ މުހިއްމު މައުލޫމާތުތަކެކެވެ.

ކާއްޓޭ ބުނީ ރާއްޖޭގެ ވޮލީ ކުރިއަރުވާ ނަމަ މި ވަގުތު ބޭނުންވަނީ ކުރިއަށް ހުރި މުބާރާތްތަކުން މެޑަލްތަކެއް ގެނައުމަށް ވުރެ ބޮޑަށް ވޮލީގެ އެހެން ޖީލުތަކެއް ތައްޔާރުކުރެވޭނެ ފެންވަރުގެ މަސައްކަތްތަކެއް ފެށުން ކަމަށެވެ.

"ގައުމީ ޓީމުގައި މި އޮތީ 15 ކުޅުންތެރިންގެ ސްކޮޑެއް. ސުވާލަކީ މި ސްކޮޑަށް އަންނަން އެބައޮތްހޭ އެއްވެސް ކަހަލަ ވައިޑީޕީއެއް ނޫނީ 14، 16، 19 އަހަރުން ދަށުގެ ޓީމެއް. އުމުރުފުރާގެ ޓީމުތަކުގެ ބެކަޕެއް އެބައޮތްހޭ. ނެތޭ ބުނެވޭނީ. ކޮޕްމެޓިޝަން (ވާދަވެރިކަން) ނެތްތަނެއްގައި ކުރިއެރުމެއް ނޯންނާނެ،" ކާއްޓޭ ބުންޏެވެ.

"ރާއްޖޭގައި ކޯޗުން އެބަތިބި. ނެތީ ފެސިލިޓީސް. ގޯލްޑް މެޑަލެއް ހޯދަން ބަލާ ނަމަ މި ހިރީ ކުރަން ހުރިހާ މަސައްކަތް. ހަގީގަތުގައި ފަށަންވީ ބޮޑު ޕްލޭނަކާ އެކު 10 ވަރަކަށް އަހަރުގެ،"

ދުނިޔޭގެ ވޮލީގައި ގަދަބާރެއްގެ ގޮތުގައި ސާބިއާ އޮތުމުގެ ސިއްރަކީ އެ ގައުމުން މި ކުޅިވަރަށް ދޭ އަހައްމިއްޔަތު ބޮޑުވުމެވެ. އެ ގޮތުން ކާއްޓޭ ބުނީ ސާބިއާގެ ކޯޗު މައުލޫމާތު ދޭ ގޮތުގައި ގާތްގަނޑަކަށް ކުއްޖެއް އުފަންވާތާ ހަ މަސް ދުވަހުން ފެށިގެން އޭނާ އަކީ ކާމިޔާބު ވޮލީ ކުޅުންތެރިއަކަށް ހެދިދާނެތޯ ބަލާ ކަމަށެވެ. އެކަން ކުރަނީ އެ ކުއްޖެއް އައި ދަރިފަސްކޮޅެއްގެ މައުލޫމާތު އެއްކުރުމަށް ފަހު ކަމަށާއި އެ ކުއްޖެއްގެ އުމުރުން ހަތަރެއް ނޫނީ ފަސް އަހަރުވާއިރު ވޮލީގައި ކުރިއަށްދެވޭނެކަން އެނގޭނެ ކަމަށެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ކާއްޓޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކޯޗު (ސާބިއާގެ ކޯޗު) މި އަންގަނީ ހަ މަހުގައި ކުޅުންތެރިޔާ ހޯދަން މަސައްކަތް އެބަ ފަށަމޭ. ކުއްޖެއް ވިހައިގެން ހަ މަހަކީ ވަރަށް ޅަ އިރު. އެ އިރުގައި ކުޅުންތެރިޔާ ފައިތިލަ ގްރޯ ވާނީ ކިހާ ވަރަކަށްތޯ ހޯދަން މި މަސައްކަތް މި ކުރަނީ. ދެން މި ބަލަނީ ކުޅުންތެރިޔާގެ މައިން ބަފައިން ނޫނީ ދައްތަ ނޫނީ ބޭބެ ކިހާ ވަރަކަށްތޯ ގްރޯވެފައި ހުރީ. މި ވަރަށް ތަހުލީލު ކުރަމުން އައިސް ކުޅުންތެރިން މި ހޯދަނީ. އިސްކޮޅު ދެ މީޓަރަށް ވުރެން ކުއްޖާ ބޮޑުނުވަންޏާ އެ ކުއްޖަކު ވޮލީ އަށް ނުނަގާ އެހެން ކުޅިވަރަކަށް ދޫކޮށްލަނީ،" ސާބިއާގެ ކޯޗު ކިޔައިދިން ވާހަކަތައް ކާއްޓޭ ހިއްސާކުރި އެވެ.

އޭނާ ބުނީ ރާއްޖޭގައި ކުޅުންތެރިން ހޯދަން ޖެހިފައި އޮންނަ ގޮތް ވަރަށް ތަފާތު ކަމަށާއި ކުޅުންތެރިން އަންނަނީ އެންމެ ރަނގަޅު ސިސްޓަމެއްގެ ތެރެއިން ނޫން ކަމަށްވާތީ ބޭނުންވާ ޓާގެޓަށް ވާސިލްވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނެގުން އިއުލާނުކޮށްގެން ޝައުގުވެރިވާ ކުޅުންތެރިން ގެނެސްގެން މިދިޔަ ދެ އަހަރު އެކަން ކުރި ނަމަވެސް ހަގީގަތުގައި އެންމެ ބޭނުންވާ ކަހަލަ ކަންތައްތައް ފުރިހަމަނުވާކަމަށް ކާއްޓޭ ބުންޏެވެ.

"އަސްލު ވަރަށް ބައިވަރު ރަނގަޅު ފިލާވަޅުތައް އެބަ ދަސްވޭ މީގެ (ސާބިއާ) އިން. ކުއްޖާގެ ބިންގާ އަޅަންޖެހޭ އުމުރާ ހުރިހާ އެއްޗެއް އެބަ އެނގޭ. އެންމެ ކުޑަމިނުން ދެން ކުރަންވީ ކަމަކީ ފަސް އަހަރު ނޫނީ ހަ އަހަރުން ކުޅުންތެރިން ހޯދައިގެން ރަނގަޅު ތަމްރީންތަކެއް ދޭންވީ. ފިލާވަޅުތަކެއް ދަސްކުރަން އައީ އެކަންތައްތައް އެބަވޭ،" ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ މިހާރު އޮތް ޓީމުގައި ދިމާވާ އެންމެ ބޮޑު އުނދަގޫ ކަމަކީ ވޮލީގެ ބޭސިކް (ވޮލީ ފަށައިގަންނައިރު ދަސްކުރަންޖެހޭ ކަންތައްތައް) ކަންތައްތަކަށް އަހުލުވެރިނުވެ ކުޅުންތެރިން ގައުމީ ޓީމާ ހިސާބަށް އައިސްފައިވުމެވެ. އަދި މި ލެވެލްގައި އަނެއްކާ އެ ކުޅުންތެރިންނަށް ބޭސިކް ކަންތައްތައް ކިޔައިދިނަސް އެންމެ ރަނގަޅުނުވާނެ ކަމަށް ބުންޏެވެ.

"20 ނޫނީ 22 އަހަރުގައި ކުޅުންތެރިން ލިބިގެން ނުވާނެ. އެ އަށް ވުރެ ކުރިން ކުދިން ތަމްރީންކުރެވިގެން ގައުމީ ޓީމާ ހަަމައަށް އަންނަންޖެހޭނީ. އޭރުން މީގެ ހުންނަ ކޯޗަކަށް ވެސް ފަސޭހަވާނީ،" ކާއްޓޭ ބުންޏެވެ.

ހަައްލެއް ފެންނަން އޮތީ ރަނގަޅު ވައިޑީޕީ/ އެކެޑަމީތަކެއް އޮވެގެން

މީގެ ކުރިން ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށާއި އިންޓަ ސްކޫލް ފަދަ މުބާރާތްތަކުން ފާހަގަކުރެވޭ ކުޅުންތެރިން ތަމްރީންކުރަން ވޮލީން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ހިންގި އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާހުރެ އެ ކަންތައްތައް އޮތީ ހުއްޓިފަ އެވެ. ވޮލީ ކުޅުންތެރިން އުފެއްދުމަށް މިހާރު އެކަޑަމީތައް ވެސް އަންނަނީ ހިންގަމުންނެވެ.

ކާއްޓޭ ބުނީ ބޮޑު ޕްލޭނަކާ އެކު ރާއްޖޭން ވޮލީ ކުރިއަރުވާ ނަމަ އެންމެ ބޮޑު އިސްކަމެއް ދޭންވީ ގައުމީ ޓީމަށް ކުޅުންތެރިންތަކެއް ބިނާކުރާއިރު ބޭސިކް ކަންތައްތަކުން ފަށައި އަބަދުވެސް ގައުމީ ޓީމުތަކަށް ކުޅުންތެރިން ގެންނަން ރަނގަޅު ޔޫތު ސިސްޓަމެއް ނޫނީ އުމުރުުފުރާ ގައުމީ ޓީމުތަކެއް ބޭއްވުން ކަމަށެވެ.

"ގާތްގަނޑަކަށް 100 އެއްހާ ކުދިން ވިޔަސް ބެކަޕެއްގެ ގޮތުގައި މަސައްކަތްކުރާ ނަމަ ރަނގަޅުވާނެ. ކޮންމެވެސް އެއްޗެއް ނުކުންނާނެ. ކުޅުންތެރިޔާ އަޅުގަނޑުމެންނަށް ލިބޭއިރު މި ހުންނަނީ 20 ނޫނީ 22 އަހަރު ވެފައި. ނޫނީ އެ އަށް ވުރެން ވެސް މަތިވެފައި. އެކަމަކު މިހާރު އަޅުގަނޑުމެންގެ ތެރޭގައި 15 ވަރަކަށް އަހަރުގެ ދެ ކުޅުންތެރިން އެބައުޅޭ،" ކާއްޓޭ ބުންޏެވެ.

ރާއްޖޭގެ ވައިޑީޕީ ހުއްޓުމަކަށް އައުމަކީ ވޮލީގެ މުސްތަގުބަލަށް އެޅިގެންދިޔަ ބޮޑު ހުރަހެއް ކަމަށާއި އެކަން އަލުން ފަށައި އެކެޑަމީތަކުން ކުރިއަރަން އޮންނަ ފުރުސަތުތައް ވެސް އިތުރުވާން ޖެހޭ ކަމަށް ކާއްޓޭ ގަބޫލުކުރެ އެވެ.

"އޭރުގައި ހުއްޓާނުލައި ކުރިއަށް ދިޔަ ނަމަ މިއަދު ބެކަޕެއް އޮތީސް. މިދިޔަ ހައެއް ނޫނީ އަށް ވަރަކަށް އަހަރުގައި ހުއްޓާނުލައި ވައިޑީޕީގެ ކަންތައްތައް ކުރަމުން އައި ނަމަ ބެކަޕެއް އޮންނާނެ. ކުޑަ މިސާލަކަށް ބަލާއިރު ރާއްޖޭގައި ސެޓަރުންގެ ތެރޭގައި ނެތް ވާދަވެރިކަމެއް. މިތިބީ ބަރާބަރު ދެ ސެޓަރުން. އެހެންވީމަ އެ މީހުން ސިކުނޑީގައި ނީންނާނެ މާ ބޮޑަށް އިމްޕްރޫވް ކުރުމުގެ ބައެއް،" އޭނާ ބުންޏެވެ.

ކާއްޓޭ ބުނީ ރާއްޖޭގެ ވޮލީ އާއި އެ ނޫން ވެސް ގިނަ ކުޅިވަރުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުޅިވަރަކަށް ހާއްސަ ތަނެއް ނެތުން ކަމަށާއި އެ މައްސަަލަ އަށް ހައްލެއް ލިބިއްޖެނަމަ ވޮލީން ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

""ވަކި ސަރުކާރެއް ނޫނީ ވަކި މީހެއް ބްލޭމްކުރަނީކީ ނޫން. އެންމެނަށް ވެސް އެނގޭނެ ރާއްޖޭގައި މިހާރު އަޅާފައި އޮތް އިންޑޯ އަކީ 27 އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮތް އިންޑިއޯ. އެތަން ބާއްވާފައި އިތުރު ވިންޑޯ އެއް މިދިޔަ 27 އަހަރު ނޭޅުމަކީ ރާއްޖޭގެ ކުޅިވަރު ފެއިލްވެފައި އޮތް ކަމުގެ ހަގީގަތް. އެ އިންޑޯގެ މަރާމާތަށް އެތައް މިލިއަން ހަރަދުކޮށް ބެހެއްޓުމަށް ވުރެން ބުއްދިވެރި ލޯ މަރާލާފައި އެހެން އިންޑޯ އެއް އެޅުން ވެސް. އެއީ ހަގީގަތުގައި ކުޅިވަރަށް ލިބޭނެ ކުރިއެރުމަކީ." ކާއްޓޭ ބުންޏެވެ.

އަމިއްލަ އިންޑިއޯ އެއް އޮތުމަކީ ރާއްޖޭގައި ބޭއްވޭ އެތެރޭގެ ވޮލީ މުބާރާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށާއި ރަނގަޅު ކުޅުންތެރިން އުފެއްދުމަށް ވައިޑީޕީ އާއި އެކެޑަމީގެ މަސައްކަތްތައް ކުރަން ހުޅުވިގެންދާނެ ދޮރެއް ކަމަށް ކާއްޓޭ ގަބޫލުކުރެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސާބިއާ ކޭމްޕް ކުރިއަށްދާއިރު ގައުމީ ޓީމުން އަންނަނީ މެޗުތަކެއް ކުޅެުންނެވެ. އޭގެ ތެރޭގައި ކުވޭތާ ދެކޮޅަށް ވެސް ދެ މެޗެއް ކުޅޭނެ އެވެ. ކުވޭތު އަތުން ފުރަތަމަ މެޗުން ބަލިވި ނަމަވެސް ގިނަ ރަނގަޅު ކަންތައްތަކެއް ޓީމުން ފެނުނެވެ. ކާއްޓޭ ބުނީ މިފަދަ މެޗުތަކަކީ ކުޅުންތެރިންނަށް އިތުރުވާ ކޮންފިޑެންސް ކަމަށާއި މީގެ ސަބަބުން މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކަނޑައަޅާފައިވާ ލޯ މެޑަލްގެ ޓާގެޓަށް ވާސިލްވުމުގައި ފަސޭހަތަކެއް ވާނެ ކަމަށެވެ.