އައިއޯއައިޖީ: އަނިޔާގެ ސަބަބުން ސަމުއްޓެ އަށް ފުރުސަތު ގެއްލިއްޖެ

ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް މި މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.


އުމުރުން 23 އަހަރުގެ ސަމުއްޓެގެ ކަކުލަށް އަނިޔާވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިންނެވެ. މާޒިޔާ އެންމެ ފަހުން ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސަމުއްޓެ ނުކުޅެ އެވެ.

ސަމުއްޓެ "މިހާރަ"ށް ބުނީ ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާއެއް ބެލުމަށް ޓެސްޓްތައް ހެދިއިރު ލިގަމެންޓް ކައިިރިއަށް އަނިޔާވެފައިވާ ކަމަށެވެ. އެހެންވެ މި ފަހަރުގެ އައިއޯއައިޖީގައި ނުކުޅެވޭނެކަމަށް ވަނީ ބުނެފަ އެވެ. އަދި ކުޅުމަށް އެނބުރި އާދެވޭނެކަމަށް ބަލަނީ ދެ ހަފްތާ ފަހުން ކަމަށާއި އަންނަ މަހު ތިން ވަނަ ދުވަހު އަލުން ލީގު ފަށާއިރު ކުޅެވޭނެކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.

އައިއޯއައިޖީ އަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް ރޭ ފަށާފައިވާއިރު ޕްރެކްޓިހުގައި ސަމުއްޓެގެ ބައިވެރިނުވެ އެވެ. ރަސްމީކޮށް އެފްއޭއެމުން ވެސް އަދި އައިއޯއައިޖީގެ ލިސްޓު ނެރެފައިނުވާއިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އަނިޔާގެ މައްސަލަތައް އުޅޭތީ ޓީމު ފައިނަލް ކުރުމުގެ މަސައްކަތް ނިމުނުހާ އަަވަހަކަށް ސްކޮޑު ފައިނަލް ކުރާނެ ކަމަށެވެ.

"ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅޭތީ އެއްކޮށް ފައިނަލް ނުކުރެވިގެން މި އުޅެނީ. މިހާރު އޮތްގޮތުން ސަމުއްޓެ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ. ދެން ހުރި އަނިޔާގެ ކަންތައްތަކަށް ބެލުމަށް ފަހު ޓީމު ފައިނަލްކޮށްފައި އިއުލާނުކުރާނަން،" ޖަވާ ވިދާޅުވި އެވެ.

ލީގުގައި ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މާޒިޔާގެ ސަމުއްޓެ (ވ) ފޮނުވާލާ ބޯޅަ ފޯކައިދޫގެ ނަޒީމް ބްލޮކްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުޓްބޯޅައިގެ ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް އުފަން ސަމުއްޓެ އަކީ މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕްގެ ތަށި ކާމިޔާބުކުރިއިރު ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ޒުވާން އުމުރުގައި ކުޅެން ފެށި ސަމުއްޓެ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރެވެ. ޒުވާން އުމުރުގައި ސަމުއްޓެ ވަނީ 2015 ވަނަ އަހަރު ގައުމީ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ގަތަރާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އޭރު އޭނާގެ އުމުރުން 18 އަހަރެވެ. އެ ދެ މެޗުގައި ރާއްޖެ ބަލިވި ނަމަވެސް ތަޖުރިބާ މަދު ސަމުއްޓެ ފަރާތުން އުއްމީދީ ކުޅުމެއް ވަނީ ފެނިފަ އެވެ.

އައިއޯއައިޖީގެ ފުރަތަމަ ޕްރެކްޓިހުގައި ރޭ ބައިވެރިވި ކުޅުންތެރިންގެ ތެރޭގައި ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ނުހިމެނެ އެވެ. އަދި އޭނާގެ އިތުރުން ޓީމުން ފުރުސަތު ލިބެމުން އައި ބައެއް ސީނިއާ ކުޅުންތެރިން ވެސް ނުހިމެނެ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) މީގެ ކުރިން ބުނެފައިވަނީ މި ފަހަރުގެ އައިއޯއައިޖީ އަށް ނެގި ޓީމުގައި ޒުވާން އާ ކުޅުންތެރިން ހިމެނޭނެ ކަމަށާއި މިދިޔަ އަހަރު ސާފް ކާމިޔާބުކުރި ޓީމުގެ ތިން ބައި ކުޅަ ދެ ބައި އޮންނާނީ ބަދަލުވެފައި ކަމަށެވެ. އަދި މި ފަހަރުގެ ޓީމުން މުޅިން އަލަށް ބައެއް ކުޅުންތެރިންނަށް ފުރުސަތު ލިބޭނެކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމު ނެގުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ސްކޮޑެއް ނަގަން ޖެހުން ކަމަށާއި ގަވާއިދުގައި އެ ގޮތަށް ބުނާތީ އެކަން ކުރަން ޖެހުމުން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރި ކަމަށެވެ.

މި މަހު 18-29 އަށް މޮރިޝަސްގައި ބާއްވާ އައިއޯއައިޖީގައި ރާއްޖޭން އެންމެ ބޮޑަށް ބަލާނީ 2022 ގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ޓީމުގެ ކުޅުންތެރިންގެ ފެންވަރު ވަޒަންކުރަން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ.

މި ފަހަރުގެ އައިއޯއަައިޖީގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގަ އެވެ. ގޭމްސް އަށް ދިއުމުގެ ކުރިން ރާއްޖޭން ޓްރެއިނިން ކޭމްޕެއް ދާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ވަގުތު ހުރި ގޮތުން މިހާރު ނިންމާފައިވަނީ މާލޭގައި ޕްރެކްޓިސް ކުރާގޮތަށެވެ.