އައިއޯއައިޖީ: ދިވެހި ކޮންޓިންޖެންޓް އުފުލާނީ މޯލްޑިވިއަން އިން

މޮރިޝަސްގައި އަންނަ ހަފުތާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓް އެ ގައުމަށް އުފުލައިދިނުމުގެ ޒިންމާއާ ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަވާލުވެއްޖެ އެވެ.


ފުޓްބޯޅަ ފިޔަވައި އެހެން ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުންގެ އިތުރުން ނޫސްވެރިންނާ އެކު މޯލްޑިވިއަން އިން 200 މެމްބަރުންގެ ކޮންޓިންޖެންޓް އެ ގައުމަށް ގެންގޮސް، އަނބުރާ ގެނެސްދޭނެ އެވެ. އަންނަ ބުދަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެނބުރި އަންނާނީ މި މަހު 29 ގަ އެވެ. އެކަމަކު ފުޓްބޯޅަ އިވެންޓް ކުރިން ފަށާތީ އެ ޓީމުން ދަތުރުކުރާނީ ވަކިންނެވެ.

މިއީ ވިޔަފާރި ހިދުމަތަކަށް ވުރެ، ގައުމީ ކަމެއްގެ ގޮތުގައި، މޯލްޑިވިއަނުން ކޮށްދޭ ކަމެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވި އެވެ.

"މިއީ ކޮމާޝަލް ޑީލެއް ނޫން. ވަރަށް ހެޔޮ އަގެއްގައި އެބޭފުޅުން މިކަން ކޮށްދެއްވަނީ. އަޅުގަނޑުމެންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފަސޭހަ ދުވަހެއްގައި، ފަސޭހަ ގަޑިއެއްގައި އަޅުގަނޑުމެންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖައްސައިދީފައިވަނީ،" މިއަދު މޯލްޑިވިއަންއާ އެކު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން މަރުޒޫގު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު އެއްބަސްވުން ބަދަލުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އާ މޮރިޝަސްއާ ދޭތެރޭ އުދުހެނީ އެންމެ ދެ އެއާލައިން ކަމުން، 200 މެމްބަރުންގެ ކޮންޓިންޖެންޓެއް އެފަދަ އެއާލައިން ގެންދަންވެއްޖެ ނަމަ އެއީ ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އަށް އުފުލަން ޖެހޭނެ ވަރަށް ބޮޑު މާލީ ބުރައަކަށް ވާނެ އެވެ. މޯލްޑިވިއަން އިން ހެޔޮ އަގެއްގައި އެކަންކޮށްދިނުމުން އެ ލުއި ފިލައިގެން ދިއުމުގެ އިތުރުން ދެން އޮންނާނެ ހިތްހަމަޖެހުމަކީ، ތިން ގަޑިއިރުގެ ޑިރެކްޓް ދަތުރަކުން ދިވެހި އެތުލީޓުންނަށް އެ ގައުމަށް ދެވި ދިގު ދަތުރެއްގެ ވަރުބަލިކަމާ ކުރިމަތިލާން ނުޖެހި ސަލާމަތްވުމެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ގައުމީ އެއާލައިނުން، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ. އެ ކުންފުނިން ކުރާ އަނެއް އުއްމީދަކީ 2023 ވަނަ އަހަރުގެ ގޭމްސް ގައި ރާއްޖޭގައި ބާއްވާނެ ކަމުގެ އުފާވެރި ހަބަރާ އެކު ކޮންޓިންޖެންޓް އެނބުރި ރާއްޖެ އައުމެވެ. އެ ފުރުސަތު ހޯދުމަށް ސަރުކާރާއި އޮލިމްޕިކް ކޮމިޓީން މަސައްކަތް ފަށާފައިވާއިރު، އެ ނިންމުން ނިންމާނީ ގޭމްސްގެ ހަވާސާގައި ބާއްވާ ގައުމުތަކުގެ ބައްދަލުވުމެއްގަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ހާއްސަ އެއް މުބާރާތެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ ކުޅިވަރުން ފުރަތަމަ މެޑަލް ލިބުނީ 1979 ވަނަ އަހަރުގެ ބޭއްވި އެއް ވަނަ އައިއޯއައިޖީންނެވެ. އެއީ ޓޭބަލް ޓެނިހާއި ބެޑްމިންޓަނުންނެވެ. އަދި މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރަތަކުން ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ލިބުނީ ވެސް މި ގޭމްސް އިންނެވެ. އެއީ 2015 ވަނަ އަހަރު ރިޔޫނިއަން އައިލެންޑްސް ގައި ބޭއްވި ގޭމްސް އިން 100 މީޓަރު ދުވުމުން ހަސަން ސާއިދު ހޯދައިދިން މެޑެއްޔެވެ. އެ ފަހަރު ރާއްޖޭން ނުވަ މެޑަލަށް ޓާގެޓްކޮށް އަށް މެޑަލް ހޯދި އެވެ.

އެ ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓް އުފުލައިދިނީ މެގާ މޯލްޑިވްސް އިންނެވެ. އެކަމަކު މެޑަލްތަކާ އެކު އެނބުރި އައި މޯލްޑިވިއަންގެ ބޯޓަކުންނެވެ.

ގޭމްސްގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ ކަނޑަށް ނިސްބަތްވާ އެފްރިކާގެ ގައުމުތަކެވެ. އެއީ މޮރިޝަސްގެ އިތުރުން ސީޝެލްސް، ރިޔޫނިއަން، މެޔޯޓް، މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ.