އައިއޯއައިޖީ އަށް ފަހު ޓޭބަލް ޓެނިސް ކުޅުން ހުއްޓާލަން މުއީނާ ނިންމައިފި!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ އަދި ރާއްޖޭގެ ކުޅިވަރުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް އަންހެން ކުޅުންތެރިޔާ މުއީނާ މުހައްމަދު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު ޓޭބަލް ޓެނިސް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.


މީގެ 28 އަހަރު ކުރިން، 1991 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ އިންޓަ ހައުސް މުބާރާތުން ޓީޓީ ކުޅެން ފެށި މުއީނާގެ ކެރިއަރުގެ އުސްއަލިތަކަކީ ޖެހިޖެހިގެން 13 އަހަރު ގައުމީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމާއި 2011 ވަނަ އަހަރުގެ އައިއޯއައިޖީން ރިހި މެޑަލް ހޯދުމެވެ. އޭނާ މިހާރު ކުރާ އުއްމީދަކީ، އަންނަ ހުކުރު ދުވަހު މޮރިޝަސްގައި ފަށާ މި އަހަރުގެ އައިއޯއައިޖީ އިން ރަން ނުވަތަ ރިހި މެޑެއްޔަކާ އެކު، ކެރިއަރު ނިންމާލުމެވެ.

އުމުރުން 37 އަހަރުގެ މުއީނާ "މިހާރަ"ށް ބުނި ގޮތުގައި ކުޅުން ހުއްޓާލަން ނިންމި ސަބަބަކީ ފެންވަރު ދެމެހެއްޓެން އޮތީ ވަރަށް ބޮޑަށް މިކަމަށް ވަގުތުދީގެން ކަމަށް ވެފައި، އެ ވަގުތު ދެވެން ނެތުމެވެ. އޭގެ ފަހަތުގައި އޮތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އޭނާ އަދާކުރަމުން އަންނަ ފިޓްނަސް ކޯޗުގެ ވަޒީފާ އާއި ޓީއެފްޖީގައި މާސްޓާ ޓްރެއިނަރެއްގެ ގޮތުގައި ނަގަމުން އަންނަ ޒިންމާތަކަށް ވަގުތު ދޭން ޖެހުމެވެ. އެހެންވެ ދެ ކަމަށް ވަގުތު ދޭން ވެއްޖެ ނަމަ އެއްވެސް ކަމެއް ރަނގަޅަށް ކުރެވެން ނެތުމުން، ކުޅުން ހުއްޓާލައި ޕްރޮފެޝަނަލް ވަޒީފާ އަށް ސަމާލުކަންދޭން ނިންމީ އެވެ.

"ޓީޓީ އަށް ފުލީ ފޯކަސްކުރަންޏާ ވަރަށް ޓައިމް ދޭން ޖެހޭ. މިހާރު އެ ޓައިމް ދެވެން ނެތީ. މިވަގުތު ބޮޑަށް ބޭނުންވަނީ މަސައްކަތަށް ކޮންސަންޓްރޭޓްކުރަން،" މުއީނާ ބުންޏެވެ. "އަނެއް ސަބަބަކީ ޒުވާން ކުދިންނަށް ފުރުސަތު ދޭން ބޭނުންވުން. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ޓީމަށް އަރަންޏާ، ވަރަށް ޒުވާން ކުޅުންތެރިޔެއް ކަޓާނީ. އެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް އެކްސްޕީރިއަންސް ދޭން ބޭނުންވޭ."

މުއީނާ 2010 ވަނަ އަހަރު ވެސް ކުޅުން ހުއްޓާލަން ވިސްނި އެވެ. އެކަމަކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އޭރު ފެށި ޕްރޮގްރާމެއްގެ ދަށުން އޭނާ އަށް ދިން ޓްރެއިނިން ސްކޮލަޝިޕާ އެކު އާ ހިތްވަރެއް ލިބި ކުރިއަށްދާން ފެށީ އެވެ. ނަތީޖާއަކަށްވީ ޖެހިގެން އައި އަހަރު އައިއޯއައިޖީން ރިހި މެޑަލް ހޯދުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތެވެ. ސަބަބަކީ ހުނަރުވެރި ކުޅުންތެރިން ތިބެ ރާއްޖޭގެ ޓީޓީ ރަނގަޅު ފައްތަރެއްގައި އޮތުމެވެ. މުއީނާ ބަލިކޮށް ގައުމީ ޗެމްޕިއަންކަން މީގެ ދެ އަހަރު ކުރިން ހޯދި އައިޝަތު ރަފާ ނާޒިމާއި، ރަފާ ބަލިކޮށް މި އަހަރު ގައުމީ ޗެމްޕިއަންކަން ހޯދީ ފާތިމަތު ދީމާ އަލީ އަކީ އުއްމީދީ ދެ ކުޅުންތެރިންނެވެ. މީގެ ތެރެއިން ދީމާ ވަނީ ދާދި ފަހުން އޭޝިއަން ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ.

"އަޅުގަނޑު 1997 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ފަހުން މިއީ ކުރިމަތިލިވި އުނދަގޫ ގައުމީ ސިލެކްޝަން. އެހާ ވެސް ވާދަވެރިކޮށް ދިޔައީ. މާނައަކީ ހުނަރުވެރި ކުޅުންތެރިން ވަރަށް ގިނައޭ،" އައިއޯއައިޖީގެ ސިލެކްޝަނަށް އިޝާރާތްކޮށް މުއީނާ ބުންޏެވެ.

މުއީނާ (ވ) އުއްމީދީ ޓީޓީ ކުޅުންތެރިޔާ ރަފާއާ އެކު --ފޮޓޯ: އެމްއޯސީ

އެ ކުޅުންތެރިން އެހާ ޖޫނިއާ އުމުރެއްގައި ވިދާލީ ކުރިން ނުލިބޭ ފަދަ ފުރުސަތުތަކާ އެކު އެވެ. މުއީނާ އެންމެ ފުރަތަމަ ވެސް ސީނިއާ ލެވެލްގެ މުބާރާތްތަކުގައި ކުޅެން ފެށިއިރު މިހާރު މިވަނީ އެންމެ ޖޫނިއާ ލެވެލުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅެން ޒުވަން ކުޅުންތެރިންނަށް ފުރުސަތު ލިބިފަ އެވެ.

"އެ ކުދިން ގާތު ބުނެލަން ބޭނުންވަނީ، އެކުރާ ކަމަކަށް ފަރުވާ ބަހައްޓައިގެން ފޯކަސްކޮށްގެން ކޮމިޓްމަންޓާ ޑެޑިކްޝޭން ދީގެން ކުރިއަށްދާށޭ ކުޅިވަރުގައި. ޓާގެޓަކަށް ކުރިމަތިލައިގެން ފޯކަސް ކޮށްފިއްޔާ އެޗީވް ކުރެވޭނެޔޭ. މިހާރު ފުރުސަތު އެބައޮތޭ ކުރިއަށްދާން،" މުއީނާ ބުންޏެވެ.

ޓީޓީން ދުރުވުމަށް ފަހު އޭނާ ދެން ފެންނާނީ ފުޓްބޯޅައިގެ ތެރެއިންނެވެ. އެފްއޭއެމްގެ ފިޓްނަސް ކޯޗެއްގެ ގޮތުން މުއީނާ އަންނަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޓްރެއިނަރުކަމާއި ޔޫތު ފިރިހެން ޓީމުތަކާއި އަންހެން އެކަޑަމީގެ ފިޓްނަސް ކަންކަން ވެސް ބަލަހައްޓަމުންނެވެ. ޓީޓީގައި ކޯޗަކަށް ވުމުގެ ވިސްނުމެއް ނެތަސް ފިޓްނަސް ދާއިރާ އިން އެ ކުޅިވަރަށް އެހީވާން ހުރީ ތައްޔާރަށެވެ. އަދި އަލަށް ފަށައިގަންނަ ޓީޓީ ކުދިންނަށް އެހީވާން އަބަދުވެސް ބޭނުންވާތީ ޓީޓީ އެކަޑަމީއެއް ގާއިމްކުރުމަކީ ވެސް އުއްމީދެކެވެ.

"ޓީޓީއާ ދުރެއް ނުވާނަން. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން ކުޅިވަރަށް ހިދުމަތްކުރެވޭނީ ހަމައެކަނީ ކޯޗެއްގެ ގޮތުގައި ނުވަތަ އެޑްމިނިސްޓްރޭޓިވް މީހެއްގެ ގޮތުގައި ކަމަށް. ކޮންމެ މީހަކު ބޭނުންނުވެދާނެ ކޯޗަކަށް ވާން. އަޅުގަނޑުގެ ފީލްޑަކީ ފިޓްނަސް އާއި ސްޕޯޓްސް ރިހެބިލިޓޭޝަން. އެ ދާއިރާ އިން ޓީޓީ އަށް ވެސް އެހީވާނަން،" މުއީނާ ބުންޏެވެ.

ޓީޓީ ކުޅުން ހުއްޓާލިޔަސް ކުޅިވަރާ ވަކިވާކަމުގެ އިހުސާސް އޭނާ އަށް ނުކުރެވޭ ސަބަބަކީ ފިޓްނަސް ދާއިރާ އިން މިހާރު ވެސް ކުޅިވަރަށް އެހީވަމުން އައުމެވެ. އޭނާ ދެކޭ ގޮތުގައި ކުޅުން ހުއްޓާލުމަށް ފަހު ކުޅުންތެރިން އެފަދަ ކޮންމެސް ދާއިރާ އަކުން ކުޅިވަރަށް ހިދުމަތްކުރުން މުހިއްމެވެ. ސަބަބަކީ ކުޅުންތެރިޔެއްގެ އިހުސާސްތަކާއި ތަޖުރިބާތައް ހުރުމުން ކުޅުންތެރިންނަށް އެހީވެދޭން ވަރަށް ބޮޑަށް ފަސޭހަވާނެތީވެ އެވެ. މުއީނާ ގުޅުނީ މުޅިން ތަފާތު ކުޅިވަރަކާ ކަމަށް ވިޔަސް އެ ކުޅިވަރަށް ވެސް އޭނާގެ ތަޖުރިބާ އާއި ކާމިޔާބީގެ ވާހަކަތަކުގެ ފައިދާ އަންނަނީ ކުރަމުންނެވެ.

"ފުރަތަމަ ކުޑަކޮށް ޖެހިލުންވެސް ވި. ހިތަށް އެރި އެ މީހުން މުއީ ބަލައިގަންނާނެބާވައޭ. އެކަމަކު ފެނުނީ ތަފާތު މަންޒަރެއް. ވަރަށް ހޫނު މަރުހަބާއެއްކީ އަދި ވަރަށް ރެސްޕެކްޓް ވެސް ކުރޭ. ބީރަށްޓެއްގެ އިހުސާސްނުކުރެވޭ މުޅިން ތަފާތު ކުޅިވަރަކަށްވީ ނަމަވެސް. މުއީގެ ލައިފް ސްޓޯރީ އާއި ކާމިޔާބީގެ ވާހަކަތައް ކިޔައިދިނީމާ އެ ކުދިންނަށް ހިތްވަރު ލިބޭ،" ފުޓްބޯޅަ އަށް އިޝާރާތްކޮށް މުއީނާ ބުންޏެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) މުއީނާ އަށް އެފްއޭއެމްގެ ވަޒީފާގެ ލިޔުން ހަވާލުކުރަނީ. --ފޮޓޯ: އެފްއޭއެމް

އޭނާގެ ކެރިއަރުގައި އެގޮތަށް ކިޔައިދޭ އެއް ވާހަކައަކީ 2011 ވަނަ އަހަރުގެ އައިއޯއައިޖީގެ ކާމިޔާބީގެ ވާހަކަތެކެވެ. އެ ފަހަރު ސީޝެލްސްގައި ބޭއްވި ގޭމްސް އަކީ އެކޮމަޑޭޝަނާއި އެނޫން ވެސް ކަންކަމަށް ބަލާއިރު ހުރިހާ އެތުލީޓުންނަށް ވެސް އުނދަގުލާ ކުރިމަތިލާން ޖެހުނު ފަހަރެކެވެ. އެ ނޫން ވެސް ޕްރެޝަރުތަކާއި މައްސަލަތައް ދިމާވި އެވެ. އެކަމަކު އެ ހުރިހާ ނެގެޓިވް ކަމެއް ޕޮޒިޓިވިޓީ އަށް ބަދަލުކޮށް، މުއީނާ ވަނީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ އެ ގޭމްސްގައި ހާސިލްކޮށްފަ އެވެ.

އެ ކާމިޔާބީތަކުގެ ޝުކުރު އޭނާ އެންމެ ބޮޑަށް އަދާކުރާނީ އާއިލާ އަށް ހާއްސަކޮށް މަންމަ އަށެވެ. އޭނާ ކުޑައިރު ކުދިން ސްޓޭޖް މަތިން ތަށި ހޯދާތަން ފެނުމުން ބައްޕަ ގާތު އެގޮތަށް ތަށި ހޯދާނަމޭ ބުނި ވާހަކަ މިއަދު ސާބިތުކޮށްދިން އިރު އެ ކާމިޔާބީ ދެކެން ބައްޕަ ނެތުމަކީ ހިތާމައެކެވެ. އެކަމަކު އެ ހިތްދަތިކަމުގެ ހިޔަނި އޭނާގެ ކެރިއަރަށް އެޅުނަނުދިނީ މަންމަ އެވެ. އޭނާ ޕްރެކްޓިހަށް ގެންދިއުމުގައި ފަރުވާކުޑަކަމެއް ދުވަހަކު ވެސް ނުބަހައްޓަ އެވެ. އެންމެ ފައިނަލެއް ވެސް ވައްޓާލާފައެއް ނުވެ އެވެ.

"މަންމަ ކޮށްދިން ބުރަ މަސައްކަތާއި ދިން ސަޕޯޓަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. އަދި އެއްބަނޑުއެއްބަފާ އެންމެ ދޮށީ ބޭބެ އަށް ވެސް ޝުކުރުވެރިވަން. އަޅުގަނޑުގެ އުމުރުން ހަތް އަހަރުގައި މި ކުޅިވަރު ތައާރަފްކޮށްދިނީ އެ ބޭބެ،" މުއީނާ ބުންޏެވެ.

މީގެ އިތުތުން ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ކުޅުންތެރިންނަށާއި ހާއްސަކޮށް ކުރީގެ ރައީސް ސީވީޑް އަހުމަދު ލަތީފަށް މުއީނާގެ ހިތުގައި ހާއްސަ ޝުކުރެއް އެބައޮތެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް އަދާކުރާ ޝުކުރުގެ ބޮޑު ބަޔެއް ހައްގުވަނީ އޭނާ އާއި ރާއްޖޭގެ އެތައް އެތުލީޓުންނަކަށް ތަމްރީން ސްކޮލަޝިޕްތަކެއް ހޯދައިދިން ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އަށެވެ.

ރާއްޖޭގެ ރެކޯޑް ކާމިޔާބީތަކެއް

އުމުރުން ނުވަ އަހަރުގައި 1991 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ އިންޓަ ހައުސް މުބާރާތުން ފެށި ޓީޓީ ހަޔާތުގައި މުއީނާގެ ފުރަތަމަ ބޮޑު ކާމިޔާބީއަކީ 1995 ވަނަ އަހަރު އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ސިންގަލްސް ތަށި ހޯދުމެވެ. އޭނާ ވަނީ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ސިންގަލްސް ޗެމްޕިއަންކަން 16 ފަހަރު، ޑަބަލްސް ޗެމްޕިއަންކަން 12 ފަހަރު އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފަ އެވެ.

ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން 2000 އާއި 2001 ވަނަ އަހަރު ހޯދުމަށް ފަހު 2002 ގައި މިލްކުކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު 2003 ވަނަ އަހަރު ތަށި ހޯދަން ފެށި ގޮތަށް އޭނާ ވަނީ ޖެހިޖެހިގެން 13 ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ރެކޯޑެކެވެ. މީގެ އިތުރުން ގައުމީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން 11 ފަހަރު އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން 12 ފަހަރު ހޯދި އެވެ. އަދި ޓީމު އިވެންޓް ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އަށް ދެ ފަހަރު އަދި ހިންނަވަރު ހައިނަސް، ކްލަބް ބަނޑޮސް، ޑީއެފްބީސީ އަދި ހެސްޕަރެސް އަށް އެއް ފަހަރު ހޯދައިދިނެވެ.

މުއީނާ ބުނި ގޮތުގައި ވިވިދިގެން ގިނަ އަހަރުތަކެއްގައި ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަ ކަމެއްހެން ހީވިޔަސް އެއީ ހަގީގަތުގައި މާ އުނދަގޫ ކަމެކެވެ. ސަބަބަކީ ކާމިޔާބީ ދެމެހެއްޓުމުގެ ޕްރެޝަރު ކުރިމަތިވުމެވެ.

"އޭރުގައި ވަކި އީޒީއެއް ނޫން. ކޮންމެ މެޗަކީ ޕްރެޝަރު. ކޮންޓިނިއުސްކޮށް ކާމިޔާބީ ލިބުމަކީ އަންނަ ބޮޑު ޕްރެޝަރެއް. ހަގީގަތުގައި އަޅުގަނޑުގެ ކާމިޔާބީގެ ސިއްރަކީ އެއް ފަހަރު ލިބުނަސް އަނެއް ފަހަރު ފަސޭހަކޮށްނުލައި، ކުރިއަށް ދިއުން. ކެއުމާއި ނިދުމާ ދެން ވެސް ވާން ޖެހޭ ތައްތާރީތައްވެ، ކޮންމެ ފަހަރަކު ވެސް ނުކުންނަނީ ފުރަތަމަ ފައިނަލަށް ކަމަށް ދެކިގެން ކުރި މަސައްކަތް މީގެ ސިއްރަކީ" މުއީނާ ބުންޏެވެ.

މުއީނާ (ވ) އަށް ރައީސް ޔާމީން ގައުމީ އިނާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މުއީނާ ވަނީ 1997 އިން ފެށިގެން މިހާތަނަށް ބައިނަލްއަގްވާމީ 29 މުބާރާތުގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން 2003 ގައި އިންޓަ ރިލީޖިއަސް ވޯލްޑް ޕީސް މުބާރާތުގެ އަންހެން ޑަބަލްސް އިން ރަން މެޑަލް އަދި ސިންގަލްސް އިން ރިހި މެޑަލް ހޯދި އެވެ. އަދި 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ދެ ވަނަ ބުރަށް ދަތުރުކުރިއިރު، 2012 ވަނަ އަހަރުގެ އޭޝިއަން ޓީޓީ މުބާރާތުގެ ސިންގަލްސް ކުއާޓާ އިން ޖާގަ ހޯދި އެވެ. އެންމެ ހާއްސަ ކާމިޔާބީތަކަކީ 2011 ވަނަ އަހަރުގެ އައިއޯއައިޖީން ހޯދި ރިހި މެޑެއްޔާއި 2015 ވަނަ އަހަރު އަންހެން ޑަބަލްސް އަދި އަންހެން ޓީމް އިވެންޓުން ހޯދި ލޯ މެޑެއްޔެވެ.

ރާއްޖޭން ވާދަކުރާ ބައިނަލްއަގްވާމީ ދެ ވަނަ އަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ކޮމަންވެލްތު ގޭމްސްގައި، 2006 އަދި 2010 ވަނަ އަހަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލި މުއީނާގެ ކާމިޔާބީ ގައުމީ ފެންވަރުގައި އެކި ފަރާތްތަކުން ވަނީ ވަޒަންކޮށްފަ އެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ސަރުކާރުން ވަނީ 2016 ވަނަ އަހަރު އޭނާ އަށް ގައުމީ އިނާމް ދީފަ އެވެ. މީގެ އިތުރުން ޒުވާނުންގެ ގައުމީ އިނާމާއި ދިވެހި ޓީޓީގެ ރަންޔޫބީލްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ވަނީ ހާސިލްކޮށްފަ އެވެ. އަދި އޭނާގެ ކާމިޔާބީގެ އަގުވަޒަންކޮށް ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވަނީ ހާއްސަ އިނާމެއް ދީފަ އެވެ.

މުއީނާ ދެކޭ ގޮތުގައި މިދިޔަ 28 އަހަރުގެ ތެރޭގައި ޓީޓީން އޭނާ އަށް ކުރިން އުއްމީދު ނުކުރާހާ ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިއްޖެ އެވެ. އަދި އޭނާގެ ކާމިޔާބީތަކުގެ އަގު އެކި ފެންވަރުގައި އެކި ފަރާތްތަކުން ވަޒަންކޮށްފި އެވެ. އެހެންވެ މިއީ ޓީޓީއާ ދުރުވެ، ކުޅިވަރުގެ އެހެން ރޮނގަކުން، އޭނާގެ ތަޖުރިބާތަކުގެ ބޭނުންކުރަންވީ ވަގުތު ކަމަށް ދެކެ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށް އަރަން ތިބި އެތުލީޓުންނަށް އަޅުގަނޑުގެ ތަޖުރިބާ އިން ވަރަށް ގިނަ ކަންކަން ކޮށްދެވޭނެޔޭ. ދެން ހުރިހާ ސަމާލުކަމެއް ދޭނީ އެކަމަށް،" މުއީނާ ބުންޏެވެ.