ޗެމްޕިއަން ޓީސީ ސައުދީ ޓްރެއިނިން ކޭމްޕަށް

އެފްއޭއެމުން ދިން ފުރުސަތެއްގައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން 12 ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި މިއަދު ސައުދީ އަރަބިއާ އަށް ފުރައިފި އެވެ.


މި އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ދިވެހި ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ލީގު ޗެމްޕިއަން ޓީސީ އަށް ބަދަލެއްގެ ގޮތުން އެފްއޭއެމުން ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދިނީ ދިވެހި ޓީމުތަކަށް އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. މާޒިޔާ އިން މިދިޔަ މަހު ކުރީކޮޅުގައި ލީގު ފެށުމުގެ ކުރިން ޓްރެއިނިން ކޭމްޕް ފުރިހަމަކުރިއިރު، ޓީސީން ބޭނުންވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގު މެދުކަނޑާލުމުން ލިބޭ ބްރޭކުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރާށެވެ.

އޭއެފްސީ ކަޕަށް މި އަހަރު ނުދެވުނީ ރާއްޖޭގެ ޓީމުތަކަށް ކްލަބް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދަން ލިޔެކިޔުން ހުށަނޭޅުނީ އެފްއޭއެމްގެ އިހުމާލުން ކަމަށް ކްލަބްތަކުން ބުނި ނަމަވެސް އެފްއޭއެމުން އޭރު ބުނީ ކްލަބްތަކުގެ މައްސަލަ ވެސް އެބައޮތް ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފްއޭއެމުން ވަނީ މި އަހަރު ލީގުގައި ވާދަކުރާ ހުރިހާ ޓީމަކުން އޭއެފްސީ ކްލަބް ލައިސަންސް މިންގަނޑަށް ފެތޭ ލޯކަލް ލައިސަންސެއް ހޯދަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފަ އެވެ.

ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި އަންހެން ގައުމީ ޓީމުގެ ހެޑްކޯޗުކަން ކޮށްފައިވާ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޓީސީން ވަނީ ށ. ފޯކައިދޫ ބަލިކޮށް އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.

ޓީސީގެ ކޯޗު އާތީ (ވ) އެފްއޭއެމްގެ ރައީސް ބައްސާމްއާ ސަލާމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވަނީ ޓީސީންނެވެ. ޗެރިޓީ ޝީލްޑް ދެ މެޗާ އެކު ޖުމްލަ ހަތް މެޗު އެ ޓީމުން ވަނީ މި ސީޒަނުގައި ކުޅެފަ އެވެ. މިހާރު ކުރިއަށްދާ ލީގުގެ ތިން ވަނައިގައި ޓީސީ އޮތީ ފަސް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ހާލަތު ދިމާވި ގޮތުން މުޅި ޓީމު އެކުގައި ޕްރީ ސީޒަން ޕްރެކްޓިހެއް ނުކޮށްލެވުނު ކަމަށާއި އޭގެ ސަބަބުން އޭނާ ބޭނުންވާ ލެވެލްގައި އަދި އެ ޓީމަށް ނުކުޅެވޭ ކަމަށެވެ. އެކަމަކު މި ޓްރެއިނިން ކޭމްޕްގެ ބޭނުން ފުރިހަމަ އަށް ހިފައި އަންނަ މަހު އަލުންލީގު ފަށާއިރު ޓީސީގެ ކުޅުން ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް ބުންޏެވެ.

މޮރިޝަސްގައި މި މަހު 18-29 އަށް ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅެން ގައުމީ ފުޓްބޯޅަ ޓީމު ފުރާއިރު، މި ފަހަރުގެ ޓީމުގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ނުހިމެނެ އެވެ. ޓީސީގެ ޓްރެއިނިން ކޭމްޕްގައި އަކޫ ބައިވެރިވެ އެވެ. އެފްއޭއެމުން ބުނީ އަކޫ ގައުމީ ޓީމުގައި ނެތީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކޯޗު ޕީޓަ ސެގާޓް މަޝްވަރާކުރެވިގެން ނިންމި ނިންމުމެއް ކަމަށެވެ.

އައިއޯއައިޖީ އަށް ދާ ގައުމީ ޓީމާ އެކު ޕްރެކްޓިސް ކުރި އައްޒާމް އަބްދުﷲ (އެޑޫ) އާއި މުހައްމަދު ސާމިރު ފައިނަލް ސްކޮޑުން ބާކީވިއިރު، އެ ދެ ކުޅުންތެރިން ވެސް ޓީސީގެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވާނެ އެވެ.

ޓީސީން ވަނީ ދާދި ފަހުން ކުރިން އީގަލްސް އާއި ވެލެންސިއާ އަދި އއ. މާޅޮހަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް ގެނެސްފަ އެވެ. މުނޯޒްގެ އިތުރުން މި ޓްރެއިނިން ކޭމްޕްގައި ބައިވެރިވާ އަނެއް ބިދޭސީ ކުޅުންތެރިއަކީ ނޭޕާލްގެ މިޑްފީލްޑަރު ބިމަލް ގާތީ މަގަރް އެވެ. ޓީސީން ވަނީ މިދިޔަ އަހަރުތަކުގައި އެ ޓީމަށް ކުޅުނު މިސްރުގެ ޑިފެންޑަރު އަލާ ނާސިރު އާއި މި އަހަރު ގެނައި މިސްރުގެ ވިންގް މުސްތަފާ ކަހުރަބާ ދޫކޮށްލައިފަ އެވެ.