މެޑަލަކަށް ފަހު މެޑަލެއް: ކޯޗު ފާއިލް ވަރެއް ނެތް!

"އަހަރެމެންގެ ކުޅިވަރު ގެއްލެނީ. މިހެން ކޮންމެ ފަހަރަކު ނެޝަނަލް ރެކޯޑެއް ހަދައިގެން ނެތް ތިބެވޭކަށް. މި ފަހަރު ބޭނުންވަނީ ބްރޮންޒް މެޑަލެއް،"


ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖެ އަށް ހަތަރު ބްރޮންޒް މެޑަލް ހޯދައިދިން ކޯޗު އަހުމަދު ފާއިލާ، 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ސީނިއާ ޓީމު ހަވާލުކުރުމަށް ފަހު، އެެސޯސިއޭޝަނުގެ ރައީސް މައިޒާން އަލިމަނިކު (މައިޒާން އަލިބެ) ވިދާޅުވި އެވެ.

އަލިބެގެ އެ ވާހަކަތަކުން ފާއިލަށް ލިބުނީ ހައިރާންކަމެވެ. ދުވުމުގެ ތެރެއަށް 1990 ވަނަ އަހަރު ނުކުމެ، ސަރަހައްދީ މުބާރާތްތަކުގައި ވާދަކޮށް ގައުމީ ރެކޯޑް ހަދާފައިވާ ބާރު ދުވުންތެރިޔާ އަށް، އަލިބެ ވިދާޅުވި ފަދައިން މެޑަލެއް ހޯދިދާނެ ކަމަށް ގަބޫލުކުރަން ކުޑަކޮށް އުނދަގޫވި އެވެ.

އެކަމަކު، އޭނާ އެކަމާ ކުރިމަތިލި އެވެ. އޭރު އިންޓަ ސްކޫލުން ވިދާލި ހަސަން ސާއިދާއި، އަޒްނީމް އަހުމަދާއި، އޭރު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިންގެ ގޮތުގައި ތިބި ހުސެއިން ހަލީމާއި އަލީ ޝަރީފް ގޮވައިގެން އޭނާ ކުރިމަތިލީ މަސައްކަތުން ހޯދައިދިނީ ހަމައެކަނި އަލިބެ ވިދާޅުވި ބްރޮންޒް މެޑަލް އެކަންޏެއް ނޫނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް އަދި ސައުތު އޭޝިއަން ގޭމްސް އިން ރިހި މެޑަލާއި ބްރޮންޒް މެޑަލް ހޯދައިދީފި އެވެ. ފަރުދާގެ ފުރަގަހުގައި ހުރެ އޭނާ ގައުމަށް މި ހޯދައިދިން ކާމިޔާބީތަކަށް ސާބަސް ހައްގުވެ އެވެ!

.......................

މީގެ 26 އަހަރު ކުރިން، ހެންވޭރު ޕާކުގެ އަޑިގުޑަން "ޓްރެކަ"ށް ފާއިލް ދުވަން ދާން ފެށީ އެކަމަށް ޝައުގެއް ހުރެގެނެއް ނޫނެވެ. ފާއިލް ސަކަރާތް ޖަހައި އުޅޭތީ، ކުޅިވަރުގެ ތެރޭ މަޝްއޫލުކުރުމުގެ ބޭނުމުގައި، އޭނާ ދުވަން ގެންދިޔައީ އޭރު ދިގު ރާސްތާ ދުވުންތަކުން ފާހަގަކުރެވުނު އޭނާގެ ބޭބެ މުހައްމަދު ފާއިލެވެ.

އެމްއީއެސްގެ ޓީމުން 1993 ވަނަ އަހަރު ސްކޫލް މުބާރާތަށް ނުކުތް އިރު ފާއިލަށް ޓީމުން ޖާގަ ލިބެނީ ކިރިޔަކިރިޔާ އެވެ. އެކަމަކު ދެ އަހަރު ފަހުން އިންޑިއާގެ މެޑްރާސްގައި ބޭއްވި ސާފް ގޭމްސް ސްކޮޑުން ފުރުސަތު ހޯދި އެވެ. މުހައްމަދު އާމިރާއި ނަސީރު އިސްމާއީލާއި އިބްރާހިމް އުމަރު (ވިއްސަ) ފަދަ ދުވުންތެރިންނާ އެކު، ރާއްޖޭގެ ސްޕްރިންޓް ރިލޭގެ ރެކޯޑްތައް ހެދި އެވެ.

ދުވުންތެރިއެއްގެ ގޮތުން ފާއިލްގެ އަރައިގެން ދިޔަ ތަރި އޮއްސުނީ، ހިތްހަމަނުޖެހުންތަކާ ހެދި މުބާރާތްތަކުގައި ވާދަނުކުރަން ފެށި ހިސާބުންނެވެ. ޓީމަށް އެރުމަށް ފަހު، ފަހު ވަގުތު ވަގުތު ސަބަބެެއް ނެތި ބޭރުކުރުމުގެ ސަބަބުން އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ. އެންމެ ބޮޑަށް މާޔޫސްވީ 1996 ވަނަ އަހަރުގެ އެޓްލާންޓާ އޮލިމްޕިކްސްގެ ސްކޮޑަށް ނެގުމަށް ފަހު، ފަހު ވަގުތު ބާކީކުރުމުންނެވެ.

"އޮލިމްޕިކްސް ޓީމަށް އަރާފަ ޓީމާ އެކު ނުދެވުނު ހިސާބުން ގާތްގަނޑަކަށް މުޅި ކުޅިވަރު އެކީ ހުއްޓިގެން ދިޔައީ،" ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރެމެ، އޮލިމްޕިކްސް އަށް ނުދެވުމުން ލިބުނު މާޔޫސްކަން ފާއިލް ސިފަކުރި އެވެ.

2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދި އެތުލެޓިކްސް ޓީމް.

ނޭގި ނަމަވެސް އޭރު އޭނާ އަށް ހުރެވުނީ ކޯޗިންގެ ތެރެއަށް ވަދެވިފަ އެވެ. މަޖީދިއްޔާ ސްކޫލަށް 1996 ވަނަ އަހަރުގެ އިންޓަ ސްކޫލުން ހަތަރު ތަށި ގެނެސްދިނުން ވެގެންދިޔައީ، މިއަދު މި ފެންނަ މޮޅު ކޯޗުގެ ފެށުމެވެ. މެދުކެނޑުމަކަށް ފަހު 2006 ވަނަ އަހަރު އަލުން އެތުލެޓިކްސްގެ ތެރެއަށް ވަދެ އޭނާ ފުރަތަމަ ވެސް ހަވާލުވީ ޖޫނިއާ ޓީމާ އެވެ.

އަމީނިއްޔާ އިން ސްޕްރިންޓް ޓީމާ ގުޅުނު ބާވީހަކަށް ކުދިންގެ ތެރެއިން، ސީރިއަސްކަން ދިން ހަތް ކުއްޖަކު ގޮވައިގެން، ފެށި މަސައްކަތުން، އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން، ރާއްޖެ އަށް އެތުލެޓިކްސް އިން ފުރަތަމަ ކާމިޔާބީ ފާއިލް ހޯދައިދިނެވެ. ސްރީ ލަންކާގައި ބޭއްވި ޖޫނިއާ މުބާރާތުން ހަތަރު ބްރޮންޒް މެޑަލް ގެނައި ހިސާބުން ރާއްޖެ އަށް ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ހޯދޭނެކަން އެނގުނެވެ.

"އޭރު ސްކޫލް ކޯޗުން ވެސް ބުނާނެ ކީއްކުރަންހޭ ތިމަންނަގެ ކުދިން އެތުލެޓިކްސް ފޮނުވަންވީ. އެތުލެޓިކްސް އޮތީ މުޅިން ގެއްލިފައި ކުޅިވަރުގެ ތެރެއިން،" ޖޫނިއާ ޓީމުން މެޑަލް ހޯދިއިރު އެތުލެޓިކްސްގެ ހާލަތު އޮތްގޮތް ފާއިލް ކިޔައިދިނެވެ.

އެ ހާލަތު ބަދަލުވާނެ ކަމުގެ އުއްމީދާ އެކު، ސީނިއާ ޓީމުގެ ކޯޗުކަން ފާއިލާ އެސޯސިއޭޝަނުން ހަވާލުކުރި އެވެ. އޭނާގެ ފުރަތަމަ އަމާޒަކަށްވީ، ނުމުގުރި ގިނަ ދުވަސް އޮތް 100 މީޓަރުގެ ރެކޯޑް މުގުރާލުމެވެ. އަލީ ޝަރީފް ގޮވައިގެން ބެއިޖިންގައި 2008 ވަނަ އަހަރު އޮތް އޮލިމްޕިކްސް އަށް ގޮސް އެކަން ވެސް ހާސިލްކުރި އެވެ.

"އެއްކަލަ 17 އަހަރުވީ ރެކޯޑް މުގުރުމާ އެކު، ގަބޫލުކުރެއްވި އަދި އަހަރެމެންނަށް މިއަށް ވުރެ ރަނގަޅު ކުރެވިދާނެކަން،" ފާއިލް ބުންޏެވެ.

ފާއިލް (ކ) އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ތޮލާލާ އެކު.

އޭރު ސާއިދު މެންގެ ވިދުވަރު އިންޓަ ސްކޫލް މުބާރާތުން ފެންނަން ފަށައިފި އެވެ. އެކަމަކު، އޮލިމްޕިކްސް އަށް ދާން ޖެހުމާއި، އެނބުރި އައިސް ވޯލްޑް ޗެމްޕިއަންޝިޕަށް ހުސެއިން ހަލީމް ގޮވައިގެން ދާން ޖެހުމުން، ސާއިދުގެ އިތުރުން އިންޓަ ސްކޫލުން ވިދާލި ކުދިންނަށް ފާއިލަށް ސަމާލުކަމެއް ނުދެވުނެވެ. އެކަމަކު، އެކަމުން ދެރައެއް ނެތެވެ. ޖަރުމަނުގައި ހެދި އެއް މަސް ދުވަހުގެ ތަމްރީންތަކާ އެކު ހުސެއިން ހަލީމް، 100 މީޓަރުގެ ރެކޯޑް މުގުރާލި އެވެ. ސަތާރަ އަހަރަށް ފަހު އަލީ ޝަރީފް މުގުރާލި ރެކޯޑް، ހުސެއިން ހަލީމް މުގުރާލީ އެއް މަސް ދުވަސް ތެރޭގަ އެވެ.

"އެ ހިސާބުން އެނގިއްޖެ 10 ސިކުންތުގެ ތެރޭ ދިވެއްސަކަށް ދުވެވޭނެކަން. އަހަރެމެން 90ގެ ތެރޭގައި ދުވަން ފެށީއްސުރެ ދެކޭ ހުވަފެނެއް ދިވެއްސަކު 10 ސިކުންތުގެ ތެރޭ ދުވުން،" ފާއިލް ބުންޏެވެ.

އެ އުއްމީދުގައި ފާއިލް އެނބުރި ރާއްޖެ އައިތަނުން، ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ އަލިބެގެ އެއްކަލަ އެންގުމެވެ. ބަންގްލަދޭޝްގައި ބާއްވަން ހަމަޖެހިފައި އޮތް 2010 ގެ ސައުތު އޭޝިއަން ގޭމްސް އިން ބްރޮންޒް މެޑަލެއް ގެނައުމެވެ.

"މަ ބުނިން ތިއީ ވަރަށް އުނދަގޫ ކަމެކޭ. އެހެން މީހުންގެ ޓައިމިންތައް ރިވިއުކޮށްފަހޭ ތިހެން ތިބުނީ. އަހަރެމެންނަށް ވުރެ ކުރީގައި އިންޑިއާ، ލަންކާ، ޕާކިސްތާން އަދި ނޭޕާލް އެބައޮތޭ. އެއްވެސް ވަރަކަށް ބަލާފަހޭ ތިބުނީ،" ފާއިލް ބުންޏެވެ.

އެކަމަކު، މިހާރުގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް އަދި އޭރުގެ އެކްސްކޯ މެމްބަރު މުހައްމަދު ތޮލާލުގެ ބޮޑު ހިއްސާއަކާ އެކު އެކަމަށް ޕްލޭންތައް ހެދި އެވެ. އެކަމަކު ފާއިލް ޝަރުތެއް ކުރިމަތިކުރި އެވެ؛ ޓީމު ސިލެކްޝަން ހެދުމުގެ ބާރު އޭނާ އަށް ދީ، އެއްވެސް ނުފޫޒެއް އެސޯސިއޭޝަނުން ނުފޯރުވުމެވެ.

"އެކަމަކު އަސްލު އަހަރެންގެ ޓާގެޓަކަށް ވެފައި އޮތީ (ސައުތު އޭޝިއަން ގޭމްސް) ގައި 10 ސިކުންތުގެ ތެރޭ ދުވާ ވަރު ކުރުވުން،" ފާއިލް ބުންޏެވެ. "(ރިލޭ ގައި) އެކަކު ދިހަޔަކުން ދުވިޔަސް މެޑަލުގައި އަތްލެވޭ ހިސާބަށް ދެވޭނެ."

މެލޭޝިއާގައި ދެ މަސް ދުވަސް ތަމްރީން ހެދުމަށް ފަހު ސައުތު އޭޝިއަން ގޭމްސް އަށް ބަންގްލަދޭޝް އަށް ފުރައިގެން ދިޔައީ، އެއީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމުގައިވީ ނަމަވެސް ކުރެވުނު ހުރިހާ ކަމެއްގެ އަޒުމުގަ އެވެ. އެކަމަކު ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ އިވެންޓަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމަށް ދިވެހި ނޫސްވެރިންނާއި އެހެން ކުޅިވަރުތަކުގެ އޮފިޝަލުން ދިޔައިރު މެޑެއްޔެއް ލިބިދާނެ ކަމުގެ އުއްމީދެއް ނުކުރެ އެވެ.

ހުސެއިން ހަލީމް ރިލޭ ފަށައި ފުރަތަމަ 100 މީޓަރަށް ފަހު ބެޓަން ސާއިދަށް އަދި އޭގެ ފަހުން އަޒްނީމަށް ލިބި، ފަހު 100 މީޓަރު ފުރިހަމަކުރަން އަލީ ޝަރީފްގެ އަތަށް ބެޓި އެރި އިރު ވެސް އެފަދަ އުއްމީދެއް ނެތެވެ. އެކަމަކު ގައިގައި ހުރި ހުރިހާ ބާރެއް ލުމަށް ފަހު، އަލީ ޝަރީފް ފަހު 100 މީޓަރު ނިންމާލީ، ޕާކިސްތާން ދުވުންތެރިޔާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ކުޑަކުޑަ ދިވެހިރާއްޖޭން، ޓްރެކް އެންޑް ފީލްޑް އެތުލެޓިކްސް އިން ސީނިއާ ލެވެލްގައި ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދީ އެވެ!

2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދުމުން ފާއިލް އަށް އެސޯސިއޭޝަނުގެ ރައީސް އަލިބެ މަރުހަބާ ކިޔަނީ.

އަލިބެގެ އިތުރުން، އެ ކާމިޔާބަށް އެންމެ ކުރިން ފެށިގެން އުއްމީދުކުރަމުން އައި އަދި އެކަމަށް މަސައްކަތްކުރަމުން އައި އެތުލެޓިކްސްގެ އޮފިޝަލުންގެ ލޮލުން އުފަލުގެ ކަރުނަ އައެވެ.

ފާއިލާ ހަވާލުކުރި މަސައްކަތް އޭނާ ފުރިހަމަކޮށްދިނީ އެވެ. ބްރޮންޒް މެޑަލެއްގެ އިތުރުން، އޭނާ އަމިއްލަ އަށް ވެސް ދެކެމުން އައި އުއްމީދު ވެސް ހާސިލްވީ އެވެ. ފުރަތަމަ 100 މީޓަރު 10 ސިކުންތުގެ ތެރޭ ދުވެ، 10 ސިކުންތުގެ ތެރޭގައި ދުވި ފުރަތަމަ ދިވެހި ދުވުންތެރިޔާގެ ޝަރަފް ހުސެއިން ހަލީމް ހޯދި އެވެ.

އެކަމަކު ފާއިލުގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ރާއްޖޭގައި ސިންތެޓިކް ޓްރެކެއް ނެތި، އަދި މާލޭގައި އެތުލެޓިކްސްގެ މާބޮޑު ފޯރިއެއް ނެތްއިރު އެ ކާމިޔާބީ ދަމަހައްޓާނެ ގޮތުގެ ފިކުރެވެ. އަހުމަދު މަރުޒޫގެއްގެ ވާހަކަ އަންނަނީ މިހިސާބުންނެވެ.

"ގޭމްސް އަށް ފަހު އޭނާ އައިސް ބުނީ ތިމަންނަ އެބަ ބަލަމޭ ފުރުސަތުތަކެއް. ލިބިއްޖެއްޔާ ދެ ކުއްޖަކު ވަރު ފޮނުވާލަން ހިނގާށޭ،"

މަރޭގެ އެ ވާހަކަތަކަށް ފާއިލް ދިން ޖަވާބަކީ އޭރު އުމުރުން 17 އަހަރުގެ ސާއިދެވެ. އޭނާ ފަދަ ހުނަރުވެރިއަކަށް އެ އުމުރުގައި ފުރުސަތު ދީފި ނަމަ ކާމިޔާބުވާނެކަން ފާއިލަށް އޭރު ވެސް ޔަގީންކުރެވުނެވެ. މަރޭގެ އެހީތެރިކަމާ އެކު، އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ސާއިދާއި އަޒްނީމް ފޮނުވާލީ މެލޭޝިއާ އަށެވެ. އެތަނުގައި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އެކަމަކު އޭގެ ފަހުން، ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރަށް ދެ ދުވުންތެރިން މަރޭ ފޮނުވައިދިނެވެ. އެތަނުގައި ހަދަން ފެށި ތަމްރީންތަކާ އެކު ސާއިދު ކުރިއެރުން ހޯދަން ފެށި އެވެ. ކުރިން 200 މީޓަރާއި 400 މީޓަރު ދުވަމުން އައި ސާއިދު 100 މީޓަރަށް ހާއްސަވެ، ފާއިލްގެ ބެލުމުގެ ދަށުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަން ފެށި އެވެ. ދެކުނު އޭޝިއާގެ މުބާރާތަކުން ބްރޮންޒް މެޑަލް ހޯދަން ފާއިލާ ޓީމާ ހަވާލުކުރި ނަމަވެސް، ތިން އަހަރު ތެރޭ، އޭނާ ސާއިދު ގޮވައިގެން އޭޝިއަން ގޭމްސްގެ ސެމީ ފައިނަލަށް ދަތުރުކުރި އެވެ. އޭގެ ކުރިން ދިވެއްސަކު ދުވަހަކު ހީނުކުރާ ހިސާބަކަށް ވެސް ގެންގޮސްދިނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމެވެ.

"މިހާރު އެތުލެޓިކްސް އަކީ ހުރިހާ ކުޅިވަރުތަކެއްގެ ތެރެއިން ފޭވަރިޓެއް. މިހާރު އެތުލެޓިކްސް އެންމެ ކުރީގައި އޮތީ،" ސ. ފޭދުއަށް އުފަން ފާއިލް ބުންޏެވެ.

2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދި އެތުލެޓިކްސް ޓީމް.

އެ ހުރިހާ ކާމިޔާބަކާ އެކު ފާއިލް ވެފައިވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ކާމިޔާބު ދިވެހި ކޯޗަށެވެ. އޭނާ ހޯދައިދިން މެޑަލުގެ އަދަދު 11 އަށް ވުރެ ވަނީ މަތިވެފަ އެވެ. އެތުލީޓެއްގެ ގޮތުގައި ސައުތު އޭޝިއަން ގޭމްސް އިން މެޑަލެއް ނުހޯދުނު ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އޭނާ އެ މުބާރާތުން ޖުމްލަ ތިން މެޑަލް ރާއްޖެ އަށް ހޯދައިދީފި އެވެ. ދެ ރިހި މެޑެއްޔާއި އެއް ބްރޮންޒް މެޑަލެވެ.

އޭނާގެ ކާމިޔާބީގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

"އަހަންނަކީ މީތި ކޮބާހޭ އަހާ ޑިމާންޑްކުރާނެ މީހެއް ނޫން. މީއްޗެއް ނެތީ، އެހެންވެއްޖެއްޔާ ކޮންމެވެސް ގޮތަކުން އެ ޑިވެލޮޕްކުރާނީ. މިސާލަކަށް ޖިމެއް ނެތިގެން ޕަވާ ޓްރެއިނިން ނެހެދިއްޖެއްޔާ، ކޮންމެވެސް ގޮތެއް ހަދައިގެން ގަލޮޅު ދަނޑަށް ވަދެ ނަމަވެސް ބަޔޯމެޓްރިކް ޓްރެއިނިން ހަދައި އޯވަރޯލް ފިޓްނަސް އޭގެ ތެރޭގައި ގެންއުޅޭނަން. އެއްޗެއް ނުލިބިގެން ނަހަދާ ދުލެއް ނުކުރާނަން،" ފާއިލް ބުންޏެވެ.

އެކަމަށް އޭނާ ތައްޔާރުކޮށްދިނީ އެއްވެސް މިނެއް ނެތް، ހެންވޭރު ޕާކުގެ އޮށްގަލުގެ ތެރޭގައި އަމިއްލަ އަށް މާކު ޖަހައިގެން ހެދި ތަމްރީންތަކެވެ. އަނިޔާއެއް ވެއްޖެ ނަމަ އަމިއްލަ އަށް ފަރުވާކޮށްގެން، އެއްވެސް ކަހަލަ ސަޕްލިމެންޓެއް ނުނަގައި މުބާރާތްތަކަށް ތައްޔާރުވީ ވުމެވެ.

ދެން އުފެދޭ ސުވާލަކީ، ސާއިދަށް ފަހު ރާއްޖޭގެ އެތުލެޓިކްސްގައި ވިދާލާނެ ތަރިން އެބަތިބިތޯ އެވެ. މީގެ ކުރިން ވެސް ހުނަރުވެރި ދުވުންތެރިއެއް ނުފެނި ދޭތެރެ ދުރުވި އެވެ. އެކަމަށް ފާއިލްގެ އޮތީ އުއްމީދީ ޖަވާބެކެވެ. ބޮޓްސްވާނާގައި، މިހާރު ވެސް 17 އަހަރުގެ ކުދިންތަކެއް ތަމްރީން ހަދަމުން އަންނައިރު މި ފަހަރުގެ އިންޓަ ސްކޫލުން ވަނީ 13 އަހަރުން ދަށުގެ ކުދިންތަކެއް 11 ސިކުންތުން ދުވެފަ އެވެ.

"އެ އުމުރުގައި އެވަރަށް ދުވުން އެއީ މީގެ ކުރިން ނުފެންނަ މަންޒަރެއް. އެހެންވީމާ އަޅުގަނޑު

ބުނާނީ ކުރިއަށް އޮތީ ވެސް އެތުލެޓިކްސް އަށް އުފާވެރި ދުވަސްތަކެކޭ،" ފާއިލް ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ފާއިލްގެ ކާމިޔާބީ:

ރަން މެޑަލް: 8، ރިހި މެޑަލް: 5، ބްރޮންޒް މެޑަލް: 8

ސީނިއާ ލެވެލްގެ ގައުމީ 8 ރެކޯޑް، ޔޫތު ލެވެލްގެ ގައުމީ 1 ރެކޯޑް

އެކަމަކު، އެކަމަށް ބެލެނެވެރިންގެ އެހީތެރިކަން ބޭނުންވެ އެވެ. ދުވާލަކު ގަޑިއެއްހާއިރަށް ޓްރެކަށް އައިސް ތަމްރީން ހަދާލިޔަސް ކުދިންގެ ކިޔެވުމަށް އަސަރުނުކުރާނެކަން ގަބޫލުކުރަން ޖެހެ އެވެ. އަދި އުއްމީދީ އެތުލީޓުން ވެސް ސްކޫލް ނިންމުމަށް ފަހު، ކިޔަވަން ދިޔަ ނަމަވެސް، ސްޕޯޓްސް ސްކޮލަޝިޕެއްގައި ގޮސް ތަމްރީންތަކާ އެކު ކިޔެވުން ކުރިއަށް ގެންދަން އޭނާ ލަފާ ދިނެވެ.

"އެންމެ ފުރަތަމަ އޭރު (2007) ގައި ފެނުނު ކުދިންތައް އެގޮތުގައި ތިބި ނަމަ ސާއިދު ފެންވަރުގެ އިތުރު ދެ ކުއްޖަކު ވަރު މިހާރު ތިބޭނެ،" ފާއިލް ބުންޏެވެ.

ކަސްޓަމްސްގެ ވަޒީފާގައި އުޅެމުން، މިކަމަށް ވަގުތު ހުސްކޮށް ގައުމީ ފެންވަރުގެ އެތުލީޓުން ތަމްރީން ކުރަމުން އަންނަ ފާއިލް ހުރީ، އެގޮތުގައި ކުރިއަށްދާށެވެ. އޭނާގެ ހަމައެކަނި އެދުމަކީ ހުނަރުވެރި ކުދިން މިކަމުގައި ދެމި ތިބުމެވެ. ތަމްރީން ކުރުމުގެ މަސައްކަތާ އޭނާ ހަވާލެވެ!