ރާއްޖެ، ޗައިނާ، ފިލިޕީންސް، ސީރިއާ އަދި ގުއާމް އެއް ގްރޫޕަކަށް

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕާއި 2023 ގައި ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ، ފިލިޕީންސް، ސީރިއާ އަދި ގުއާމް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.


މެލޭޝިއާގެ ކުއާލަލަމްޕޫރުގައި މިއަދު ކުރިއަށްދިޔަ ގުރުއަތުލުމުގައި އޭޝިއާގެ ކޮލިފައިން ދެ ވަނަ ބުރުގައި ވާދަކުރާ 40 ގައުމު އަށް ގްރޫޕަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގެ ޖާގަ ލިބޭނީ އެއް ވަނަ އަށް ދާ ޓީމަށެވެ. އަދި އަށް ގްރޫޕުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަކަށް ވެސް ތިން ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭ ހުރިހާ ޓީމެއް އޭޝިއަން ކަޕަށް ވެސް ކޮލިފައިވާނެ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އަންނަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ރަށުންބޭރުގައި ރާއްޖެ ނުކުންނާނީ ގުއާމްއާ ދެކޮޅަށެވެ.

ރާއްޖޭން މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކުރިއިރު ވެސް އޮތީ ޗައިނާއާ އެއް ގްރޫޕެއްގަ އެވެ. އެ ފަހަރު ޗައިނާއާ ދެކޮޅަށް ކުޅެން ޖެހުނު ހޯމް މެޗު ވެސް ކުޅުނީ އެ ގައުމުގަ އެވެ. އެއީ އެ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ގަލޮޅު ދަނޑުގައި އެޅި މެޓެއްގެ ސަބަބުން ވިނަގަނޑު ހަލާކުވުމާ ގުޅިގެންނެވެ. ޗައިނާ ފުރަތަމަ މެޗުން 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ކުރިހޯދީ 4-0 އިންނެވެ.

ފިލިޕީންސްއާ ދެކޮޅަށް ރާއްޖޭން ވަނީ 2014 ވަނަ އަހަރު މާލެ އާއި އައްޑޫގައި ކުރިއަށް ދިޔަ އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅެފަ އެވެ. އެ ފަހަރު ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ލަނޑުތަކާ އެކު ފިލިޕީންސް އިން ވަނީ ރާއްޖެ އަތުން 3-2 އިން މޮޅުވެފަ އެވެ.

ސީރިއާ އިން ވަނީ 1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަތުން 12-0 އިން މޮޅުވެފަ އެވެ. ކޮލިފައިން ފުރަތަމަ ބުރުގައި ބޫޓާން ބަލިކޮށް ދެ ވަނަ ބުރުން ފުރުސަތު ހޯދި ގުއާމް އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި އޮތީ 190 ވަނައިގަ އެވެ.

އެންމެ ފަހުން ރާއްޖޭން ވާދަކުރި ކޮލިފައިން ގްރޫޕާ އަޅާކިޔާއިރު މިފަހަރު ނިސްބަތުން ބަލާއިރު ރާއްޖެ އަށް ރަނގަޅު ފުރުސަތެއް އެބައޮތެވެ. އެއީ މީގެ ކުރިން ރާއްޖެ ކުޅެފައިވާ ޓީމުތަކެއް މި ގްރޫޕުގައި އޮތުމުންނެވެ. އެންމެ ފަހުން ރާއްޖެ ވާދަކުރި ކޮލިފައިން ގްރޫޕްގައި ހިމެނެނީ ޗައިނާ އާއި ގަތަރުގެ އިތުރުން ހޮންކޮން އަދި ބޫޓާން އެވެ. އެ ފަހަރު ކޮލިފައިންގައި ރާއްޖެ އަށް ލިބުނީ ދެ މޮޅެވެ. އެއީ ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ކޮލިފައިންގެ ހަތަރު ވަނަ އަށް ދިޔަ ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުގައި ކުޅެފަ އެވެ.

ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން 10 އަހަރު ފަހުން ހޯދިއިރު، އޭނާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބޭނުންހިފާނެ ކަމަށް ބުނެފަ އެވެ. ސީނިއާ ގިނަ ކުޅުންތެރިން ނުލައި އައިއޯއައިޖީގައި ވާދަކުރާއިރު، ސެގާޓް ބުނީ ޒުވާން ކުޅުންތެރިންނަށް މި ފުރުސަތު ދެނީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ކުޅުންތެރިންގެ ބޭނުންކުރަންޖެހިދާނެކަމަށް ވިސްނުމަށް ފަހު ކަމަށެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ވަނީ ތަފާތު ތިން ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އެއީ ކުރިން ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ވެލިޒާ ޕޮޕޯފާއި ކޯޗެއް ނެތި ހޭދަވި މުއްދަތުގެ ތެރޭގައި ޓީމަށް އިރުޝާދުދިން އެސިސްޓަންޓް ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) އަދި ފަހުން ޓީމާ ހަވާލުވި ނިއު ޒީލެންޑުގެ ރިކީ ހާބަޓް އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް އިރުޝާދުދިނީ އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް އެވެ.

ކޮލިފައިންގެ އެހެން ގްރޫޕުތަކަށް ބަލާއިރު ދެކުނު އޭޝިއާގެ ޓީމުތަކަށް އެންމެ ފޯރިގަދަވާނީ ގްރޫޕް އީ އެވެ. އެ ގްރޫޕުގައި އޮތީ އޮމާނާއި ބަންގްލަދޭޝް، އިންޑިއާ، އަފްގާނިސްތާން އަދި ގަތަރެވެ. ގަތަރަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކަމަށްވުމުން އެ ޓީމު މި ގްރޫޕުގައި ކުޅޭ މެޗުތައް ގުނާނީ ހަމައެކަނި އޭޝިއަން ކަޕްގެ ކޮލިފައިންގެ ގޮތުގަ އެވެ. މި ގްރޫޕުގައި އޮތް އިންޑިއާ އާއި ބަންގްލަދޭޝް އަަދި އަފްގާނިސްތާނަކީ ސާފްގެ މުބާރާތްތަކުގައި އެކުގައި ވާދަކުރާ ގައުމުތަކެވެ. މި ފަހަރު އެ ގްރޫޕް އޮތްގޮތުން މީގެ ތެރެއިން ޓީމަކަށް ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރުން ފުރުސަތު ބޮޑެވެ.

ގިނަ އަހަރުތަަކަކަށް ފަހު ސްރީލަންކާ އިން ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކުރާއިރު އެ ޓީމު ހިމެނެނީ ދެކުނު ކޮރެއާ، އުތުރު ކޮރެއާ، ލެބަނަން އަދި ތުރުކުމެނިސްތާނާ އެއް ގްރޫޕެއްގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު އެވެ.

ރާއްޖޭގެ މެޗުތައް:

ގުއާމް - ރާއްޖެ (ގުއާމް، ސެޕްޓެމްބަރު 5، 2019)

ރާއްޖެ - ޗައިނާ (މާލެ، ސެޕްޓެމްބަރު 10، 2019)

ސީރިއާ - ރާއްޖެ (ސީރިއާ، އޮކްޓޫބަރު 10، 2019)

ރާއްޖެ - ފިލިޕީންސް (މާލެ، ނޮވެމްބަރު 14، 2019)

ރާއްޖެ - ގުއާމް (މާލެ، ނޮވެމްބަރު 19، 2019)

ޗައިނާ - ރާއްޖެ (ޗައިނާ، 26 މާޗް، 2020)

ރާއްޖެ - ސީރިއާ (މާލެ، 31 މާޗް، 2020)

ފިލިޕީންސް - ރާއްޖެ (ފިލިޕީންސް، 9 ޖޫން 2020)