އައިއޯއައިޖީ: "އިންތިޒާމްތައް ހާސްބައި ތަފާތު"

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ދިވެހިރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުން އިއްޔެ މޮރިޝަސް އަށް އައިސް ހަމަޖެހިލާފައިވާއިރު، ހުރިހާ އިންތިޒާމެއް ވެސް މިދިޔަ ދެ ފަހަރުގެ ގޭމްސްއާ ބަލާއިރު ރަނގަޅު ކަމަށް ދިވެހި ކޮންޓިންޖެންޓުގެ ސީނިއާ އޮފިޝަލުންނާއި ބައެއް އެތުލީޓުން ބުނެފި އެވެ.


ރިޔޫނިއަން އައިލެންޑްސްގައި 2015 ވަނަ އަހަރު ބޭއްވި ގޭމްސްގައި ކުޅުންތެރިން ތިބީ ޔުނިވާސިޓީ ހޮސްޓެލުގަ އެވެ. އޭގެ ކުރިން 2011 ވަނަ އަހަރު އެކޮމަޑޭޝަން ހަމަޖެހިފައި ހުރީ ރޯ ހައުސްތަކެއްގަ އެވެ. މި ފަހަރު ކުޅުންތެރިންނާއި އޮފިޝަލުން އެކޮމަޑޭޝަން ހަމަޖައްސާފައިވަނީ މަތީ ފަންތީގެ ހޮޓަލަކުންނެވެ.

"ކެއުމާއި އެކޮމަޑޭޝަން މިދިޔަ ދެ ގޭމްސް އަށް ވުރެ މާބޮޑަށް ވެސް ރަނގަޅު،" ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދު ބުންޏެވެ.

ކޮންޓިންޖެންޓާ އެކު ހުންނެވި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވިދާޅުވީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު ކަމަށެވެ.

"ކެއުމާއި ތިބުމާ މި ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު. އެތުލީޓުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި،" ހީނާ ސަލީމް ވިދާޅުވި އެވެ.

ޗެފް ޑި މިޝަނުގެ ޓީމުން ވަނީ ކުޅުންތެރިން ހޮޓަލަށް އަންނަންވާއިރަށް ރޫމް އެލޮކޭޝަން ހަމަޖައްސައި، ވަގުތުން ވަދެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ސިމް ނެގުން ފަދަ ވަގުތުން ވަގުތަށް ބޭނުންވާނެ އެހެން ހިދުމަތްތައް ވެސް ސީދާ ހޮޓަލުން ލިބޭނެ ގޮތް ވަނީ އިންތިޒާމްކޮށްދީފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވެސް ވިދާޅުވީ އިންތިޒާމުތަކާއި އެހެން ކަންކަން ވެސް 2015 ވަނަ އަހަރުގެ ގޭމްސްއާ އަޅާބަލާއިރު ހާސްބައި ތަފާތު ކަމަށެވެ.

"ހަމައެކަނި ޓްރާންސްޕޯޓުގައި ހިތްހަމަނުޖެހޭ ކުދިކުދި ކަންކަންހުރީ. އެކަންކަން ވެސް 24 ގަޑިއިރުގެ ތެރޭ ހައްލުވާނެ. އެހެން އިންތިޒާމްތަކާއި ހޮޓާ ވެސް އެތުލީޓުން ހިތްހަމަޖެހޭވަރުވާނެ،" މަރުޒޫގު ވިދާޅުވި އެވެ.

މީގެ ދެ ދުވަސް ކުރިން މިތަނަށް އައި ގައުމީ ފުޓްބޯޅަ ޓީމުން ވެސް ވަނީ އެކޮމަޑޭޝަނާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓުގެ މެމްބަރުންނަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު މޮރިޝަސް އިން މަރުހަބާ ކިޔަނީ . -- އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ދިވެގި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަ އިބްރާހިމް ނާހިދު ބުނީ ކުޅުންތެރިންނާއި އެތުލީޓުންގެ ސަމާލުކަން ހުންނާނީ ހަމައެކަނި މެޗުތަކާއި ތައްޔާރީޔަކަށް ކަމަށާއި އިތުރު އެއްވެސް ކަހަލަ ކަމަކާ ވިސްނަން ނުޖެހޭ ވަރަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ފަހުގެ ގޭމްސް އިން ނުވަ މެޑަލް ލިބުނު ހިސާބުން ފެށިގެން އޮލިމްޕިކް ކޮމިޓީން ވަނީ މި އަހަރަށް 15 މެޑަލުގެ ޓާގެޓެއް ކަނޑައަޅައިފަ އެވެ. މަރުޒޫގު ވިދާޅުވީ މޮރިޝަސްގައި ފައިޖައްސާލީ 15 މެޑަލުގެ އުއްމީދުގައި ކަމަށާއި އިރާދަކުރެއްވިއްޔާ އެނބުރި ދާނީ ވެސް 15 މެޑެއްޔާ އެކު ކަމަށެވެ.

"އަޅުގަނޑު ގޭމްސް ނިމެންދެން ވެސް ހުންނާނީ އެގޮތުގައި. އަޅުގަނޑުމެން އެންމެން އެއްކޮށް އޮލިމްޕިކް ކޮމިޓީ އާއި ހުރިހާ އެސޯސިއޭޝަންތަކާ އެއްކޮށް ވަރަށް ބުރަކޮށް ހަތަރު އަހަރު ކުރި މަސައްކަތް، ހާއްސަކޮށް އެހެން އަހަރުތަކާ ތަފާތު އެސޯސިއޭޝަންތަކުން ވަރަށް ބޮޑަށް ޓާގެޓްކޮށްގެން މި މަސައްކަތްކޮށްފައިވަނީ. އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ ވެސް މާ ރަނގަޅަށް ވެސް ތައްޔާރުވެގެން ހެން ހާއްސަކޮށް މެޑަލް ޓާގެޓް ކުޅިވަރުތަކަށް، އަޅުގަނޑު ޝައްކެއް ނުކުރަން އެ އެތުލީޓުންނާއި އެސޯސިއޭޝަންތަކުގެ ވެރިންނާއި ކޯޗުން ކުރި މަސައްކަތާ ދޭތެރޭ،" މަރުޒޫގު ވިދާޅުވި އެވެ.

ގޭމްސް ރަސްމީކޮށް ފަށާނީ މާދަމާ ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މި ގައުމަށް ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު ރާއްޖޭގެ ބައެއް މެޗުތައް ވެސް ބައްލަވާލައްވާނެ އެވެ.