ފުޓްބޯޅައިގެ ފުރަތަމަ މެޗުން ރިޔޫނިއަން އަތުން ރާއްޖެ ބަލިވެއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު މެންދުރުފަހު ރިޔޫނިއަން އައިލެންޑްސް އަތުން 4-0 އިން ބަލިވެއްޖެ އެވެ.


މޮރިޝަސްގައި މާދަމާ ރަސްމީކޮށް ފަށާ ގޭމްސްގައި ރާއްޖެ މިއަދުގެ ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓުގައި ރާއްޖޭން ވަނީ ރިޔޫނިއަންގެ ގޭމް ހުއްޓުވައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފްރާންސްގެ ދަށުގައި އޮންނަ އަދި އެ ގައުމުގެ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގައި ކުޅޭ ބައެއް ކުޅުންތެރިން ހިމެނޭ ރިޔޫނިއަންގެ ކުޅުންތެރިންގެ ބިޔަކަމާ އެކު އެ ޓީމުން މަސައްކަތްކުރަމުން އައީ ސްޕީޑަށް ވުރެ، ބޯޅަ ކޮންޓްރޯލްކޮށްގެން ޕާސްކޮށްގެން ކުޅޭށެވެ. އެކަމަކު ރާއްޖޭގެ ޒުވާން ކުޅުންތެރިން އައީ، ހައި ޕްރެސިން ގޭމަކާ އެކު ރިޔޫނިއަން އަށް ޕާސްކުރެވޭނެ ޖާގަ ނުދީ ކުޅެމުންނެވެ. ރާއްޖޭގެ ފުލް އެގާރައިގައި ކުޅޭ ދެ ޑިފެންޑަރުން ކަމަށްވާ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި ސަމޫހު އަލީ (ސަމުއްޓެ) ނެތުމުން ޑިފެންސް ބެލެހެއްޓީ މުހައްމަދު ސާއިފް އާއި އަހުމަދު ނޫމާން (ހެލްމެޓް) އެވެ،

މެޗުގެ ކުރީކޮޅު ރާއްޖެ އަށް ރަނގަޅު ދެ ފުރުސަތެއް ވެސް ލިބުނެވެ. އެގޮތުން 22 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ވަރަށް ރީއްޗަށް މެދުތެރެއިން، ރިޔޫނިއަން ކުޅުންތެރިއެއް ކައިރިން ދެމި ގަނެ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ އަށް އަހުމަދު ރިޒްވާން (ރިޒޭ) އެރި ނަމަވެސް އެންމެ ރަނގަޅަށް ކޮންޓްރޯލްކުރެވޭ ގޮތް ނުވީ އެވެ.

ރާއްޖޭން މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ ފުރަތަމަ ހާފުގެ ފަހު ބަޔަށް އެޅިފައިވަނިކޮށް 29 ވަނަ މިނެޓުގައި ރިޔޫނިއަން އިން ލީޑު ނެގުމާ އެކު ރާއްޖޭގެ ގޭމް ގެއްލުނެވެ. ރިޔޫނިއަންގެ އިމިރާ ކަރީމް ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލީ ވަރްޑަޕިން އެންޖީ އެވެ. މި ބޯޅަ އަށް ގޯލްކީޕަރު މުހައްމަދު ފައިސަލް އެރި ނަމަވެސް އަތުވާގޮތް ނުވީ އެވެ. އޭގެ ތިން މިނެޓު ފަހުން ރިޔޫނިއަންގެ ދެ ވަނަ ގޯލް ޖެހީ އަސޫމާނީ އަކްބަރް ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ނެގި ހުރަހަކުން ފޮންޓެއިން ޖީން-މިޝޭލް އެވެ.

ރާއްޖޭގެ ރިޒޭ (ކ) އަތުން ބޯޅަ ހޯދަން ރިޔޫނިއަންގެ ޑިފެންޑަރަކު މަސައްކަތްކުރަނީ. -އެމްއޯސީ ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެ އަށް ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ރިޔޫނިއަންގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ދާދު ކުރިއަށް އަރައި އޭރިއާ ތެރެއިން އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އަށް ދިން ބޯޅަ އޭނާ އަށް ބޭނުން ހިފޭ ގޮތެއް ނުވި އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރިޔޫނިއަން ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ ދާދު އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ، ހުސް ގޯލަށް ވައްދާލަން ރިޒޭ ތައްޔާރުގައި ހުއްޓާ، ރިޔޫނިއަން ޑިފެންޑަރަކު ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

ރިޔޫނިއަން އިން ދެ ގޯލް ޖެހުމާ އެކު އެ ޓީމުން ދެ ވަނަ ހާފުގައި ހަމަޖެހިލައިގެން ފަހަތަށް ވިސްނައިގެން ކުޅެން ފެށި އެވެ. ނަތީޖާއަކަށްވީ ރާއްޖެ އަށް ކޮންޓްރޯލް ނަގަން ފުރުސަތު ލިބުމެވެ. އެކަމަކު ރިޔޫނިއަންގެ ކުޅުންތެރިން ފިޒިކަލީ ވަރުގަދަކަމާ އެކު ރާއްޖޭން މަސައްކަތްކުރީ ކުރިއަށް ބޯޅަތަކެއް ފޯރުކޮށްގެން ކުޅޭށެވެ. އެކަމަކު އެކަމުގައި ވެސް ކާމިޔާބެއް ނުވި އެވެ.

ނަތީޖާއަކަށްވީ ރިޔޫނިއަން އިން އޭގެ ފައިދާ ނަގައި އިތުރު ދެ ގޯލް ޖެހުމެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 67 ވަނަ މިނެޓުގައި ސަރްޕެޑޮން މެތިއު ޖެހީ ކީޕަރު ފައިސަލަށް ހެދުނު ގޯހަކުންނެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ފައިސަށް އަތުނުވެ މެތިއު އަށް ލިބުމުން އޭނާ ވަނީ ކޮންޓްރޯލްކޮށްލުމަށް ފަހު ވެއްޓިގެންފައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އެ ޓީމުގެ ފަހު ގޯލަކީ ޑަމޫ ޖޮއޭ ނެގި ހުރަހަކުން ކެޕްޓަން ފޮންޓެއިން ހުހަށް އަރައި ބޮލުން ވައްދާލި ގޯލެކެވެ.

މިއަދުގެ މެޗު ބައްލަވާލެއްވުމަށް މިވަގުތު މޮރިޝަސްގައި ވަޑައިގެން ތިއްބެވި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައިގެންނެވި އެވެ. އަދި މެޗަށް ފަހު ދެ ބޭފުޅުން ވެސް ވަނީ ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފަ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ކޮމޮރޯސްއާ ކުޅޭނީ ރާއްޖެ ގަޑިން ހަވީރު 16:15 ގަ އެވެ. އަދި މި މަހު 22 ވަނަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި މަޔޯޓްއާ ބައްދަލުކުރާ މެޗު ވެސް އޮންނާނީ ރާއްޖެ ގަޑިން 16:15 ގަ އެވެ. މަޔޯޓް އަކީ އެންމެ ފަހުން ފަހަރުގެ ރަނަރަޕެވެ.