ދިވެހި ކުޅުންތެރިން ބިރުކަނޑުވާލަން އެބަޖެހޭ: ކޯޗު

ރިޔޫނިއަން އައިލެންޑްސްގެ ކުޅުންތެރިން ފިޒިކަލީ މާ ވަރުގަދަވުމުން، ރާއްޖޭގެ ކުޅުންތެރިން އެކަމަށް މާބޮޑަށް އިހުތިރާމްކުރީ ކަމަށާއި ބިރުކަނޑުވާލައި ރާއްޖޭން އަމިއްލަ ގޭމް މިހާރު ކުޅެންވެއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު ރިޔޫނިއަން އަތުން 4-0 އިން ވަނީ ބަލިވެފަ އެވެ. ފްރާންސުގެ ޑިވިޝަންތަކުގައި ކުޅޭ ބައެއް ކުޅުންތެރިން ހިމެނޭ ރިޔޫނިއަންގެ ކުޅުންތެރިން ވަނީ ފިޒިކަލީ ވަރުގަދަވުމުގެ ފައިދާ މި މެޗުގައި ވަރަށް ބޮޑަށް ނަގައިފަ އެވެ.

މެޗަށް ފަހު ކޯޗު ބުނީ ރިޔޫނިއަންގެ ކުޅުންތެރިން ހަށިގަނޑުން ވަރުގަދަވެ އިސްކޮޅުން ދިގުވުމުން ރާއްޖޭގެ ކުޅުންތެރިން ޖެހިލުންވި މަންޒަރު ފެނުނު ކަމަށާއި އެ ކުޅުންތެރިން އަންނަން ފެށީމާ ރާއްޖޭގެ ކުޅުންތެރިން މާބޮޑަށް އިހުތިރާމްކުރީ ކަމަށެވެ.

"ދެން މެޗެއްގައި އެބަޖެހޭ އެބައި ކަނޑުވާލަން. އަމިއްލަ އަށް ވަރުގަދަވެގެން، އަމިއްލަ ގޭމް ކުޅެވޭތޯ ބަލަންވީ،" ސެގާޓް ބުންޏެވެ.

ރާއްޖޭން މުބާރާތާ ކުރިމަތިލީ، ހަ މަސް ދުވަހުގެ ބްރޭކަކަށް ފަހު ފުޓްބޯޅަ ސީޒަން ފެށިތާ މަހެއްވީ ތަނާ އެވެ. ކޯޗު ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ހަޔެއްކަ މަސް ދުވަހުގެ މެނދުކެނޑުމަކަށް ފަހު އަލުން ފަށައިގެން ދެ ތިން ހަފުތާ އިން ޓީމެއް ތައްޔާރުނުކުރެވޭނެ ކަމަށާއި ކަންއޮތީ އެހެންކަން އެންމެންނަށް ވެސް ގަބޫލުކުރެވޭނެ ކަމަށެވެ.

"އަނެއްކާ އަހަރެމެންގެ އެންމެ ވަރުގަދަ ޑިފެންޑަރު ސަމުއްޓެ ހުރީ އަނިޔާގައި. އެކަމަކު (އުފަލަކީ) ކެޕްޓަން އަކްރަމާއި އަސަދުﷲ ވެސް ވޯލްޑް ކަޕް ކޮލިފައިންއާ ގުޅޭނެތީ. ގަބޫލުކުރަން ޖެހޭ ޒުވާން ކުޅުންތެރިންނަށް ވެސް ތަޖުރިބާ ހޯދައިދޭން ޖެހޭކަން،" ސެގާޓް ބުންޏެވެ.

މިއަދުގެ މެޗުގެ ފުރަތަމަ 30 މިނެޓު ރާއްޖޭން ރަނގަޅަށް ކުޅުނު ނަމަވެސް ރިޔޫނިއަން އިން ހާފުގެ ފަހުކޮޅު ޖެހި ދެ ގޯލާ އެކު ކޮންޓްރޯލް ނެގީ އެވެ. ކޯޗު ބުނީ އެ ވަގުތު ރާއްޖެ އަށް ލިބުނު ފުރުސަތުގެ ބޭނުންހިފުނު ނަމަ ނުވަތަ އާދައިގެ ދެ ގޯލް ނުވަން ނަމަ ހާލަތު ބަދަލުވީސް ކަމަށެވެ.

"އެކަމަކު އަހަރެން ރިޔނިއަން އަށް އިހުތިރާމްކުރަން ޖެހޭ އެ ޓީމުން ނެރުނު ނަތީޖާއަށް،" ސެގާޓް ބުންޏެވެ.

އޭނާ ވަނީ މޮރިޝަސްގެ އިންތިޒާމުތަކާއި އަދި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ހަމަޖައްސައިދީފައިވާ ކަންކަމަށް ތައުރީފްކޮށްފަ އެވެ. އަދި އެ ހުރިހާ ކަމަކާ އެކު ވެސް ރަނގަޅު ނަތޖާއެއް ނުނެރެވުނީތީ ހިތާމަކުރާ ކަމަށް ބުންޏެވެ.