ގްރޫޕުގެ އެއް ވަނައިގެ ގޮތުގައި އަންހެން ޓީޓީ ޓީމު ސެމީ އަށް

ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ މޮޅު ކުޅުމާ އެކު، މުބާރާތުގެ ހޯސްޓް އަދި އެންމެ ފަހު ފަހަރު ރަން މެޑަލް ހޯދި މޮރިޝަސް 3-2 އިން ބަލިކޮށް އަދި ގްރޫޕް ފަހު މެޗުން މެޔޯޓް އަތުން ސީދާ 3-0 އިން މޮޅުވެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީ އަންހެން ޓީމު އިވެންޓުގެ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.


ރާއްޖެ އަށް މުބާރާތުގައި އަންހެން ޓީޓީ ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރު ލޯ މެޑަލް ހޯދުމެވެ. އެންމެ ފަހުގެ ރަން މެޑަލް ހޯދި ޓީމު ބަލިކޮށް ސެމީ އަށް ދިއުމާ އެކު މި ފަހަރު ރާއްޖެ އަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސެމީ ފައިނަލުގައި ރާއްޖެ ބައްދަލުކުރާނީ ގްރޫޕް ބީ ގެ ދެ ވަނަ މަޑަގަސްކަރައާ އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ އެ ގްރޫޕުގެ އެއް ވަނަ ރިޔޫނިއަން އައިލެންޑްސް އާއި ރާއްޖެ ގްރޫޕުގެ ދެ ވަނަ މޮރިޝަސްއާ އެވެ.

މެޔޯޓާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި އެވެ. އެމަނިކުފާނާ އެލު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަޑައިގެން ޓީމަށް ހިތްވަރު ދެއްވެވި އެވެ.

ރާއްޖޭގެ ރަފާ މިއަދު މޮރިޝަސްއާ ދެކޮޅަށް ކުޅެނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ގްރޫޕުގެ ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު މޮރިޝަސް އަތުން މޮޅުވީ ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 3-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމުން މޮރިޝަސް ކުޅުންތެރިޔާ އަތުން ރަފާ ސީދާ ތިން ސެޓުން ބަލިވީ އެވެ. އެކަމަކު ދީމާ ވަނީ ދެ ވަނަ ގޭމް ސީދާ ތިން ސެޓުން ކާމިޔާބުކޮށް ރާއްޖެ އަށް އުއްމީދެއް ހޯދައިދީފަ އެވެ. ތިން ވަނަ ގޭމުން ރާއްޖޭގެ ޖުމާނާ ނިމާލް 3-1 ސެޓުން ބަލިވީ އެވެ. ރާއްޖެ އަށް އަނެއްކާ ވެސް އުއްމީދެއް ހޯދައިދިނީ ރަފާ އެވެ. އޭނާ ވަނީ މޮރިޝަސް ކުޅުންތެރިޔާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. އެއާ އެކު ދެން ދާން ޖެހުނީ ގަދަ ހިފުމަކަށެވެ. އެ މެޗުގައި ކުޅުނީ ދީމާ އެވެ. ފުރަތަމަ ސެޓު 7-11 އިން ގެއްލުނު ނަމަވެސް ދީމާ ވަނީ ދެ ވަނަ ސެޓު 11-5 އިން އަދި ތިން ވަނަ ސެޓު 11-8 އިން ކާމިޔާބުކޮށްފަ އެވެ. މެޗު ކާމިޔާބުކުރަން ލިބުނު ސެޓުން ދީމާ 8-11 އިން ބަލިވީ އެވެ. އެކަމަކު ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުން 12-0 އިން މޮޅުވެ ދީމާ މި މެޗުން ރާއްޖެ މޮޅުކޮށްދިނެވެ.

އެއާ އެކު ރާއްޖެ އަށް ސެމީ ފައިނަލް ގާތްގަނޑަކަށް ކަށަވަރުވި އެވެ. އެކަމަކު ސެމީގައި ވަރުގަދަ ޓީމަކާ ނުޖެހި ސަލާމަތްވެވެން އޮތީ ގްރޫޕުގެ އެއް ވަނަ ހޯދައިގެން ކަމަށްވާތީ، ގްރޫޕުގެ ދެ ވަނަ މެޗުގައި މެޔޯޓާ ދެކޮޅަށް ރާއްޖެ ނުކުތީ ވަރަށް ހިތްވަރާ އެކު އެވެ. މި މެޗު ދިޔައީ ހީކުރި ވަރަށް ވުރެ މާ ފަސޭހަކޮށް، ހުރިހާ ގޭމެއް ވެސް ރާއްޖެ ކުޅުންތެރިން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ގޭމުން މެޔޯޓް އަތުން ރަފާ 3-0 އިން މޮޅުވިއިރު ސެޓުތައް ދިޔައީ 11-3، 11-6 އަދި 11-3 އިންނެވެ. ދެ ވަނަ ގޭމުގައި ދީމާ ސެޓުތައް ގެންދިޔައީ 11-3، 11-5 އަދި 11-6 އިންނެވެ. ފަހު ގޭމުން ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު މޮޅުވީ 11-7، 11-3 އަދި 11-2 އިންނެވެ.