އައިއޯއައިޖީ: ރާއްޖޭން ރަސްމީކޮށް ބިޑް ހުށަހަޅައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްޓަކައި ދިވެހި ސަރުކާރުން މިއަދު ރަސްމީކޮށް ބިޑްކޮށްފި އެވެ.


މި ގޭމްސް ރާއްޖޭގައި ބާއްވަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހުށަހެޅި ހުށެހުޅަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ފެބްރުއަރީ މަހު އިޖާބަ ދެއްވުމާ އެކު، ރާއްޖޭން ވަނީ ބިޑުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ގައުމުތަކުގެ ތާއީދު ހޯދުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިދިޔަ ހަފުތާގައި ވަނީ ދަތުރުކުރައްވައިފަ އެވެ.

ބިޑް ހުށަހެޅުމަށްޓަކައި މޮރިޝަސްގެ އިންޓަ ކޮންޓިނެންޓަލް ހޮޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ބިޑް ހުށަހެޅުއްވީ ސްޕޯޓްސް މިނިސްޓަރު މަހުލޫފެވެ. މި ސަރަހައްދުގެ ގިނަ ގައުމުތަކަކީ ފްރެންޗް ބަހުން ވާހަކަދައްކާ ގައުމުތަކަކަށް ވާތީ އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ބިޑުގެ ބްރޯޝާ ތައްޔާރުކުރީ ފްރެންޗް ބަހުންނެވެ.

ރާއްޖޭގެ އިތުރުން ބިޑްކޮށްފައިވަނީ މަޑަގަސްކަރަ އާއި ކޮމޮރޯސް އެވެ. ރާއްޖެ އަށް ތާއީދުކުރާނެކަން މިހާތަނަށް ކަށަވަރުކޮށްދީފައިވަނީ ސީޝެލްސް އިންނެވެ. މަޑަގަސްކަރައިން މީގެ ކުރިން ދެ ފަހަރު ގޭމްސް ބާއްވާފައިވާތީ، އަލަށް ބާއްވަން މަސައްކަތްކުރާ ގައުމަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ އަށް ތާއީދު ދޭން ރާއްޖޭން ވަނީ އެދިފަ އެވެ. ބިޑް ކާމިޔާބުކުރާ ގައުމެއްގެ ނަން އިއުލާންކުރާނެ ސީދާ ދުވަހެއް ނޭގެ އެވެ. އެކަމަކު މިހާރު ކުރިއަށްދާ އައިއޯއައިޖީ މިމަހުގެ 29 ގައި ނިމުމުގެ ކުރިން އިއުލާންކުރާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަހުލޫފު ވިދާޅުވީ އައިއޯއައިޖީ އަކީ ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށެވެ. އެގޮތުން މި މުބާރާތަކީ ރާއްޖޭން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމާއި ރާއްޖޭން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ މިމުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކަނޑުތައް ހުރަސްކޮށް މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާތާ 40 އަހަރުވެއްޖެ. މިއީ ރާއްޖެއަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރު،" މިނިސްޓަރު ވިދާޅުވި އެވެ.

މި ގޭމްސް އަކީ އެފްރިކާގެ އިރުމަތީ ބިތުގައި، އިންޑިއާ ކަނޑަށް ނިސްބަތްވާ ގޮތަށް އޮންނަ ޖަޒީރާ ގައުމުތަކުގެ މެދުގައި 1979 ވަނަ އަހަރުން ފެށިގެން އަންނަ ބޮޑު ކުޅިވަރު ހަރަކާތެކެވެ. ގޭމްސް ބާއްވާފައިވާ ގައުމުތަކަކީ ރިޔޫނިއަން އައިލެންޑްސް، މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް އެވެ. މީގެ ތެރެއިން 1993 އަދި 2011 ވަނަ އަހަރު ގޭމްސް ބޭއްވި ސީޝެލްސް އަކީ ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖެ ފަދަ ޖަޒީރާއެކެވެ.

މި އަހަރުގެ އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މި ގޭމްސް އަކީ ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ އަށް އެންމެ ކާމިޔާބު ކުޅިވަރު ހަރަކާތެކެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް މުބާރާތެއްގައި ލިބުނު ފުރަތަމަ ރަން މެޑަލް ދުވުންތެރިޔާ ހަސަން ސާއިދު ހޯދީ 2015 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުންނެވެ. މީގެ އިތުރުން ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން ވެސް ވަނީ މި ގޭމްސްގައި މެޑަލްތަކެއް ހޯދައިފަ އެވެ.